އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތް އިހްސާސް ކުރެވުނެވެ. ހަޅޭއްލަވަން މަސައްކަތް ކުރަން ފެށުމުން އޭނާގެ އަނގަމަތީ ނިވާ ކުރިކަން ހަނދާނަށް އައި އިރު، މިހާރު ވެސް އޭނާގެ އަނގަމަތީގައި އަތަކުން ހިފާފައި ހުރި ކަހަލަ އިހްސާސެއް ވިއެވެ. އަދި އޭނާ ލައިގެން ހުރި ޓީޝާޓު މައްޗަށް އަރުވާ އޭނާގެ ހަށިގަނޑުގައި އަތަކުން ބީހެމުން ދިޔަ އިރު އާޔާ ގަދަ ހަދަން މަސައްކަތް ކުރިއެވެ. އެވަގުތު ބަނޑުވަތަށް އޭނާ ބިންމައްޗަށް ވެއްޓި ގާބުރިއެއްގެ މަތީގައި ނިއްކުރި ޖެހުނު ވަގުތު ވީ ތަދުން އާޔާ ހަޅޭއް ލަވައިގަތެވެ.

އާޔަގެ ލޯމައްޗަށް އެ މަންޒަރުތައް ސިފަ ވި އިރު އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކޮށްފިއެވެ. އެއިން ކޮންމެ ބީހިލުމަކާއި ގޯނާތަކެއް އޭނާއަށް އިހްސާސް ވަމުން ދިޔަ ކަހަލައެވެ. ކަންފަތް މަތީ ދެއަތް އަޅާ ބާރުކޮށްލަމުން އަޑުގެ ނެތް ތަނަށް އާޔާ ހަޅޭއްލަވަމުން ދިޔަ އިރު އޭނާ އޮތީ ހޮސްޕިޓަލުގައި ކަން ވޭސް ނޭނގޭ ކަހަލައެވެ. "ދޫކޮށްލާ... އަހަރެން ދޫކޮށްލާ... ޕްލީސް..."

އާޔާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތަކުން އޭނާ އެ ހުރި ހާލަތު ދެނެގަންނަން އެމީހުންނަކަށް އުނދަގުލެއް ނުވިއެވެ. އާމިރާ އޭނާގެ ދަރިފުޅުގެ އަތުގައި ހިލާލަމުން އާޔާގެ ނަމުން ގޮވާލީ އެ މަންޖެ ހަމައަކަށް އަޅުވާށެވެ. އެ އަޑު ވެސް އާޔާއަށް ދެނެގަންނާކަށް ނޭނގުނެވެ.

ފުލުހުން އެ ތަނުން ދުރަށް ޖެހިލުމުން ޖެންޑާގެ ފަރާތުން އައިސް ހުރި މީހާ އެދުނީ އަދި އާޔާއާ ސުވާލު ކުރުން ރަނގަޅު ނޫން ކަމަށެވެ. އެ ވަގުތު އެ ކޮޓަރިއަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ވަދެއްޖެއެވެ.

އެންމެން އާޔާ ހަމައަކަށް އަޅުވަން އޭނާ އަށް ގޮވަމުން ދިޔަ ނަމަވެސް އެއިން އެއްވެސް އަޑެއް އާޔާއަށް ނީވެއެވެ. ސަލާމަތްވާން ގަދަ ހަދާ ހަޅޭއް ލަވާ އާދޭސް ކުރަމުން ދިޔަ އާޔާގެ ހަރަކާތްތައް ހުރީ މޮޔަވެފައި ހުރި މީހަކު ފަދައިންނެވެ. އާޔާ ހަމައަކަށް އަޅުވަން އުނދަގޫ ވުމުން ނިދާ އިންޖެކްޝަނެއް ޖަހަން މަޖުބޫރުވިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުތުމަށް އެތާ ތިބި މީހުން ގާތުގައި ޑޮކްޓަރުން އެދުނެވެ. އާމިރާގެ މައި ލަގޮނޑިއަށް އޭނާގެ ދަރިފުޅަށް ވަމުންދިޔަ ގޮތްތައް ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. ވެފައި ހުރި ދެރައިން އޭނާ އެ ކޮޓަރިން ނިކުތީ މަޖުބޫރު ވީމައެވެ.

*** *** *** *** *** ***

ގަފޫރުގެ ސަމާލުކަން ހުއްޓުނީ އެއްފަރާތެއްގައި ތިބި ބަޔަކު ދައްކަމުން ދިޔަ ވާހަކައިގައި އޭނާގެ ދަރިފުޅުގެ ނަން ކީ އަޑު އިވުމުންނެވެ. އެ ދައްކަނީ އާޔާއާ ގުޅުން ހުރި ވާހަކައެއް ކަން އެނގުމުން ގަފޫރު އެ މީހުން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދިނެވެ.

ތޮށިގަނޑު ކައިރީ ގަފޫރު ހުރި ހުސާބާ ދާދީ ކައިރީގައި ތިބި ހަތަރު ވަރަކަށް ފިރިހެނުން ދައްކަމުން ދިޔައީ އާޔާއަށް އެހެން ހެދި މީހާ ކަމަށް ޝައްކު ކުރެވޭ މީހެއްގެ ވާހަކައެވެ. އެތަނުގައި މުންޑެއް އަނދެގެން ހުރި އުމުރުން ދުވަސްވީ މީހަކު ދިޔައީ އޭނާއަށް މަންޒަރު ފެނުނު ގޮތް އެތާ ތިބި މީހުންނަށް ކިޔައިދެމުންނެވެ.

"މަޣްރިބް ނަމާދުން ފައިބެގެން އައި އިރު ހަސަނުމެން ގޯތި ފަވާޒު ސްކޫލް ބިއްދޮށް ފަރާތުގައި ހުއްޓާ ބޭބެ ދުށިން. މީހުން ބުނޭ ދޯ އެއީ ވަރަށް ވިޔާނުދާ ސޮރެކޭ.. އެވަގުތު އެ ތަނުން އެސޮރު ފެނުނީމަ ވެސް ހީވި އެކަހަލަ އެއްޗެއް ހެން.... ދެން"

*** *** *** *** *** ***

އައްޔަބޭ ހުރީ ދުރުގައި ހުއްޓިގެން ފަވާޒް ހަދާ ނަހަދާ ބަލާށެވެ. އެހެން ހުއްޓާ ފަވާޒު ތުނބުގައި ޖަހައިގެން ބޯން އިން ސިނގިރޭޓް ބުރި ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާ އެއަށް ފައިން އަރާ ނިވާލިއެވެ. އަދި ސްކޫލް ބިއްދަށް ފަރާތަށް ޖެހި ފާރުމަތިން ސްކޫްލ ފުޅާފު ތެރެއަށް ބޯ ދިއްކޮށްލިއެވެ. އެ ވަގުތަކީ އެ ދިމާއަށް ސްކޫލް އެކްޓިވިޓީ ޔުނީފޯމްގައި ތިބި ފަސް ކުދިން އެމަގަށް ހިނގާފައި އައި ތަން އައްޔަބެއަށް ފެނުނެވެ. އެ ކުދިން އަންނަ އަޑަށް އެއްފަރާތެއްގައި ހުރި ގަހެއްގެ ނިވަލަށް ފަވާޒު ވަދެ ފިލާ އިން މަންޒަރު އައްޔަބެއަށް ރީއްޗަށް ފެނުނެވެ.

އެ ކުދިން އޮލަ ވާހަކައެއްގައި ތިބެ ވަލާ ދިމާއަށް މިސްރާބު ޖެހުމުން އައްޔަބޭ ބީ ހޫރުވާލިއެވެ. ދެ ނަމާދު ދޭތެރޭގެ ވަގުތެއްގައި އެއްވެސް ބިރެއް ނެތި ޅަ ފުރައިގެ ކުދިންތަކެއް ވަލަށް ވަންނަން ދާތީ އެކަމާ އައްޔަބޭ ހައިރާން ވިއެވެ. އެ ކުދިން ވަލަށް ވަދެ ލޮލުކޮޅަށް ގެއްލޭ ހާ ހިސާބަށް ދިއުމުން ފަވާޒު އެމީހުންގެ ފަހަތުން ދިޔަތަން އައްޔަބޭއަށް ފެނުމުން އިތުރު ހައިރާން ކަމެއް ލިބުނެވެ. އަދި ފަވާޒް އެ ކުދިންނަށް ވަގަށް ގަސްތަކުގެ ތެރެއަށް ވަދެ ފިލަމުން ދިޔަ މަންޒަރު ބަލަން އިން އައްޔަބެ ވިސްނާލަން އެތާ މަޑުކޮށްގެން ހުއްޓެވެ.

މާ ގިނަ އިރުތަކެއް ނުވެ ދެން ފެނުނީ ސްކޫލް އެކްޓިވިޓީ ޔުނީފޯމްގައި ވަލަށް ވަން ކުދިންތަކުގެ ތެރެއިން ހަތަރު ކުއްޖެއް ނިކުމެގެން އައި ތަނެވެ. އެއިރު އެތަނުން އެއް ކުއްޖަކު މަދުކަން ފާހަގަވިޔަސް އަނެއް ކުއްޖާ ނިކުންނަން ދެން އެތާ މަޑުނުކޮށް އައްޔަބޭ އެތަނުން ދިޔައީ ފާހާނާއަކަށް ދާން ޖެހެނީމައެވެ.

*** *** *** *** *** ***

"އެ މަންޖެ ގެއްލިގެން ހޯދާ ވާހަކަ ދެއްކި އިރު ބޭބެއަކަށް ނޭނގޭ އެއީ ވަލަށް ވައިން ކުއްޖެއް ކަމެއް... އެހެންވެ އެ ވާހަކަ ނުދެއްކީ. އަނެއްކާ އެ އުމުރުގެ ކުއްޖަކު އުޅޭ ގޮތެއްގެ ވާހަކަ ދައްކާ މީހަކު އޮންނާނީ ގިނަ ފަހަރަށް ގޯސްވެފަ. ބޭބެ އެއްޗެއް ނުބުނެ ހުރީ އެހެންވެ... އެކަމަކު ވަލުން އެ މަންޖެ ނެރުނީމަ ދެން ހިތަށް އެރީ އެ ވާހަކަތައް ފުލުހުންނާ ހިއްސާ ކުރާނީއޭ.. އެހެންވެ މިއައީ ފުލުހުންނަށް އެ ވާހަކަ ކިޔައިދީފަ..."

އައްޔަބެ އެވާހަކަ ދައްކާ ނިމުމުން އެތާ ތިބި އެކަކުވެސް ބަހެއް ނުބުނެ ހުރީ އައްޔަބެގެ ފަހަތަށް ނަޒަރު ހުސްކޮށްލައިގެންނެވެ. އެވަގުތު އައްޔަބެ ފަސް އެނބުރި ބަލާލީ އޭނާގެ ފަހަތުގައި މީހަކު ހުރި ހެން ހީވުމުންނެވެ. ދެލޯ ކާއްޓެއްހެން ބޮޑުކޮށްގެން އައްޔަބެއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގަފޫރު ފެނުމުން އައްޔަބެ އިސް ޖަހާލިއެވެ.

"ތީ ދެއްކީ ތެދު ވާހަކައެއްތަ؟..." ގަފޫރު ބޭނުންވީ އެއީ ހަގީގަތެއްތޯ ބަލާށެވެ.

"ހުވާ ބިއްލާހި. ބޭބެ މި ބުނީ ތެދު ވާހަކައެއް... މި ކިޔައި ދިނީ ބޭބެއަށް ފެނުނު މަންޒަރު... 5 ކުދިން ވަލަށް ވަނީ، ނިކުތީ 4 ކުދިން... ފަވާޒެއް ވެސް ނުނިކުމޭ.... ދެން ވަލުގައި ވީ ކީއް ކަމެއް ބޭބެއަކަށް ނޭނގެ... ގައިމު އެ ކުއްޖާއަށް ދެރަ ގޮތެއް ހަދައިފި ކަމަށް ރަށު ތެރޭ މީހުން ބުނާތީ އެހިން.... ޝައްކުވާ މީހަކު ހައްޔަރުކޮށްގެން މައްސަލަ ބެލޭނީ ބޭބެއަށް ފެނުނު އެއްޗެއް ވެސް ބުނީމާ ދޯ..."

އައްޔަބޭ ވާހަކަ ދައްކަދައްކަ ހުއްޓާ ގަފޫރު ފަސް އެނބުރި ވަށައިގެން ހޯދާލިއެވެ. އޭރު އަތިރިމަތީ ހުރި ޖޯލި ފައްޗެއްގައި ފަވާޒް އޮތްތަން ފެނުމުން އައްޔަބޭ އަށް އެ ސޮރު ދައްކާލަމުން، އެއީ އައްޔަބޭ ބުނި ފިރިހެން ކުއްޖާތޯ ޔަގީންކޮށްލަން ގަފޫރު އަހާލިއެވެ. ދެލޯ ހަނިކޮށްލަމުން އައްޔަބޭ ކުރިއަށް ޖެހިލިއެވެ. އޭރު މާހިރާއި ފަވާޒު ތިބީ އެ ޖޯލީގައި އިށީނދެގެން ކޮންމެވެސް އޮލަ ވާހަކައެއްގައެވެ.

ކުރިއަށް ހިނގާފައި ނިކުތް އައްޔަބޭ ފިޔަވަޅު މަޑުކޮށްލަމުން އެތަނުގައި އަޅި ކުލައިގެ ޓީޝާޓެއް ލައިގެން އެ ހުރީ ވަލަށް ވައިން ސޮރު ކަމަށް ބުންޏެވެ. އައްޔަބޭ އެހެން ބުނުމާއެކު ގަފޫރު ގުންފައި ޖަހާފައި ފަވާޒު އިން ދިމާލަށް ހިނގައިގަތެވެ. އޭރު ގަފޫރު ހުރީ ވާނުވާ ނޭނގޭ ވަރަށް ރުޅި އައިސްފައެވެ. އޭނާގެ ލޯ މައްޗަށް ސިފަ ވަމުން ދިޔައީ އެމީހަކު އޭނާގެ އާޔާއަށް ކޮށްލާފައި އޮތް ވަރެވެ. އެ ކުއްޖާގެ ހަށިގަނޑުގައި ފެންނަން ހުރި ޒަހަމްތަކާއި އާމިރާ ރޮއެ ކުރަމުން ދިޔަ ހިތާމަ ގަފޫރަށް ސިފަވިއެވެ.

ޖޯލީގައި ތިބި ދެ އެކުވެރިންގެ ތެރެއިން މާހިރަށް، އެމީހުންނާ ދިމާއަށް ބާރު ހިނގުމެއްގައި އައި ގަފޫރު ފެނުމުން ދެބުމަ ގޮށްޖަހާލިއެވެ. މާހިރުގެ މޫނުގެ ކުލަވަރު ބަދަލުވި ތަން ފެނުމުން މާހިރުގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ފަވާޒު ބަލާލީ ހައިރާން ކަމާ އެކީގައެވެ. ފަވާޒަށް ގަފޫރު ފެނުނު އިރު އޭނާ އައިސް އެމީހުންނާ ހަމައަށް ހުއްޓިއްޖެއެވެ. ދެއަތް މުށްކަވައިގެން ހުރި ގަފޫރުގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފަވާޒަށް އެއީ އާޔާގެ ބައްޕަކަން އެނގުނެވެ، އެހެންކަމުން އޭނާ އިން ތަނުން ތެދުވެ ގަފޫރުގެ މޫނަށް ބަލާލިއެވެ.

ގާފޫރު ބަހެއް ބުނާކަށް ނުހަދައެެވެ. ގައި ހުރި ބާރެއް ލާފައި ފަވާޒުގެ ކޯ މަތީ އެތިފަހަރެއް އެޅިއެވެ. ވީ ތަދުން ކަންފަތްމަތީ ފިރުމަމުން ގަފޫރާ ދިމާއަށް ފަވާޒް ބަލާލީ ހައިރާން ކަމުން ފުރިގެންވާފަދަ ބެލުމަކުންނެވެ. " ބޭބޭ... ކިހިނެތޯ ވީ؟..." ފަވާޒަށް ރަނގަޅަށް ވާހަކަ ނުދެއްކެނީސް ގަފޫރުގެ ދެވަނަ ހަމަލާ ފަވާޒުގެ މޫނު މައްޗަށް އަމާޒުވެގެން ދިޔައެވެ.

އެ ހަމަލާއާއެކު ފަވާޒު ބިންމައްޗަށް ވެއްޓިއްޖެއެވެ. މަންޒަރު ބަލަން އިން މާހިރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންވެސް ފަވާޒުމެން ތިބި ދިމާލަށް ދުވެފައި އައިސްފިއެވެ.

"ކިހިނެއްހޭ ވީ.. ބަލަ ކަލޭ މަގޭ ދަރިއަށް ފާރަލައިގެން ވަލަށް ވަދެ އެ ކުއްޖާ ނޮޅާ ކައިފަ ތި އަހަނީ ކިހިނެއް ވީހޭ... މަށެއްނޫންތަ ކަލޭ ކައިރީ އަހަންވީ ކިހިނެއްވެހޭ އެ ކުއްޖާ އާ ބެހުނީ... މި ރަށުން ކަލޭ ފޮށެން ކަލެއާ އެއް އުމުރު ފުރައެއްގެ އަންހެނަކު ނުލިބިގެންތަ މަގޭ ދަރިއާ ބެހުނީ..." ގަފޫރު އައިސްފައި ހުރި ރުޅިން ފަވާޒް ބަދުނާމުކޮށް އޭނާއަށް ދިމާއަށް އެއްޗެތި ކިޔަމުން ދިޔައިރު އެތަނުގައި އިތުރު ބަޔަކު ތިބި ކަން ވެސް އޭނާއަށް ރޭކާ ނުލިއެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް ފަވާޒު ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމާ އޭނާ ކޮޅަށް ނެގުމަށް ފަހު އަނެއްކާ ވެސް ގަފޫރު ފަވާޒް ގައިގައި ތަޅަން ފެށިއެވެ. ގަފޫރުގެ ހަމަލާތަކުން ރެކެން ފަވާޒްގެ މޫނުމައްޗަށް އަތް ހުރަސްކޮށްގެން ހުރެ އޭނާގެ ދިފާއުގައި ދިޔައީ ވާހަކަ ދައްކަމުންނެވެ. "ބޭބޭ.. އަހަރެން އާޔާއަށް ގޮތެއް ނުހަދަން.. ހުވާ ކޮށްފަ މި ބުނީ.... އަހަރެން އެއްވެސް ކަމެއް ނުކުރަން..."

ދިފާއުގައި ފަވާޒް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަަހަން ވެސް ގަފޫރު ބޭނުމެއް ނުވިއެވެ. ގައިގައި ހުރި ބާރެއްލާ ގޮށް މުއްކަވައިގެން ހުރެ ފަވާޒުގެ ގައިގާ ގަފޫރު ތަޅަމުން ދިޔައީ މޮޔައެއް ހެންނެވެ. މަންޒަރު ބަަލަން ތިބި އެ ރަށުގެ ރައްޔިތުން ގަފޫރު ހުއްޓުވަން މަސައްކަތް ކުރި އިރު އެ ސަރަހައްދަށް ފުލުހުން ވެސް އައިސްފިއެވެ. އަދި އެތަނުގައި ހުރީ ފަވާޒްކަން އެނގުމުން އޭނާ ކައިރިއަށް ފުލުހުން ގޮސް ސުވާލު ކުރިއެވެ.

"ތީ ފަވާޒް ތޯ؟" ފުލުހުން ކުރި ސުވާލަށް ޖަވާބު ދެމުން އޭނާގެ ކޮނޑުގައި އެއް އަތުން ފިރުމާލީ ގަފޫރު ޖެހި ދިމާލެއްގައި ހުރި ތަދާހުރެ އޭނާގެ ހަށިގަނޑު ސީދާ ކޮށް ނުލެވުމުންނެވެ. ފަވާޒަށް ގަފޫރު އަނިޔާ ކުރަމުން ދާ ކަން ފުލުހުންނަށް އެނގުމުން އެ ގޮތަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށާއި މި މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އެއްވެސް ހެއްކެއް ނެތި ފަވާޒު ހައްޔަރު ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފަވާޒަށް ހަމަލާއެއް އައުމުން މިވަގުތު ފުލުހުން އޭނާއަށް ހިމާޔަތް ދޭން ފުލުސް އޮފީހަށް ގެންދާ ކަަމަށާއި، މި މައްސަލައިގައި ގުޅުން ހުރި ހުރިހާ ފަރާތަކާ ވެސް ސުވާލުކޮށް ކުށްވެރިވާ ފަރާތް ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ އެދުމަށް ފުރަގަސްދޭން ފަވާޒް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ފުލުހުންނާއެކީ އެތަނުން ދާން ހިނގައިގަތެވެ.

ގަފޫރުގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުންގެ އަތް ފޮޅުވާލަމުން އޭނާ ހިންދެމިލިއެވެ. އަދި ފުލުހުން ފަވާޒް ގެންދަން ފެށުމުން ގަފޫރުގެ ރުޅި އިތުރަށް ގަދަވިއެވެ. "ކޮން ސުވާލެއް ކުރާކަށް... ކަލޭމެން ބަލާނެ ކުށްވެރިއެއް ވިއްޔާ އެމީހަކަށް ހިމާޔަތް ދެވޭތޯ. އަހަރެމެންގެ ދަރިން ރޮލާ ކެޔަސް ވަރިހަމައެއްނު... އެއް ދޮރުން ވައްދާފަ މާދަމާ އަނެއް ދޮރުން ތި ކުށްވެރިން ދޫވެގެން ނިކުންނާނެ... އަހަރެމެންނަށް ލިބޭނެ އިންސާފެއް ނޯންނާނެ... ތިކަހަަލަ މީހުން ވީ މަރަން... ހަވަރަށް ދޭންވީ.."

ގަފޫރާ އެކު ރަށުގެ ބައެއް ފިރިހެނުން ފުލުހުންގެ ފަހަތުން ހޯއް ގޮވަމުން ފުލުސް އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ. ރަށުގެ ގިނަ ފިރިހެން ވެރިން ތިބީ ގަފޫރާ އެއްކޮޅަށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އާޔާއަށް ޖިންސީ ގޯނާ ކުރީ ފަވާޒެވެ.

(ނުނިމޭ)