ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރު ވައިބާ ގްރޫޕެއް ހަދައި އުޅަނދެއްގެ މައުލޫމާތު ހިއްސާ ކުރި މައްސަލައިގައި ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ވައިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕާ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރު އަމަލީގޮތުން ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން ހާމަވާ ކަމަށެވެ.

މީގެ އިތުރުން އެ ވައިބާ ގްރޫޕް ހިންގިކަމަށް މާހިރު އިއުތިރާފުވެފައިވާ ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 32 ވަނަ މާއްދާގެ (ހ)ގެ 8 ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7، 1.8 އަދި 4.5.3 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އިސްމެޖިސްޓްރޭޓް މާހިރަށް އެންގުމަށް މިމަހު 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށެވެ.