ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަށް ކަމަށްވާ ޅ. ހިންނަވަރަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަޑައިގަތުމުން "ބެވީ" ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީފީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ ބަހުގެ ހަމަލާތައް އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ދިމާކޮށް އަންނަނީ އިތުރުވަމުންނެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖުގައި ވަނީ ހިންނަވަރަށް އީވާ ވަޑައިގެންނެވުމުން މީހުން ފޮނުވައިގެން "ބެވީ" ކަމަށާއި ރައީސް ސޯލިހަށް ގަލޮޅުންވެސް ހަދަންވީ އެހެންތޯ އައްސަވާފައެވެ.

ދާދިފަހުންވެސް ރައީސް ނަޝީދު ވަނީ އެ ވަޓްސްއަޕް ގްރޫޕްގައި އެހެން ކަމަކާވެސް ބަހުގެ ހަމަލާއެއް އަމާޒުކޮށްފައެވެ. އެގޮތުން އެ ޕާޓީއަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ "ނުފެތުން" ކަމަށާއި މި ސަރުކާރަކީ އެމްޑީޕީގެ ހަމައެކަނި ސަރުކާރެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގައި އެހެން ޕާޓީތައްވެސް ހިމެނޭތީވެ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށްވެސް ހުރަސް އެޅިފައިވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިސަރުކާރަށް ފާޑު ވިދާޅުވުމާ ގުޅިގެން މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ރައީސް ސޯލިހުގެ ދިފާއުގައި ތެދުވެވަޑައިގެންފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ މި ފެންނަ މަންޒަރަކީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި ކުޅޭނެ ކާޑުތައް ތައްޔާރުކޮށް ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަން ރާޝިދު ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ އީވާ ފެކްޝަންގެ އެކަކު ވެސް މިސަރުކާރު ދިފާއުކޮށް އަދި ސަރުކާރުގެ ސިޔާސަތު ވިއްކަން މަސައްކަތް ނުކުރާ ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށެވެ.