މިވަގުތު އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ ފެޔަށް ޖެހި، ކޯލިޝަނުން ވަކިވުން ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވާ ނަޝީދު، އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެޕާޓީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ "ނުފެތުން" ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ އެމްޑީޕީގެ ހަމައެކަނި ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުގައި އެހެން ޕާޓީތައްވެސް ހިމެނޭތީވެ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، އެ ޕާޓީން ވެފައިވާ ވައުދުތައް ފުއްދުމަށްވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

"މިވަގުތު މި ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާ އެކީ މި ޕާޓީ ނުފެތުން." ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ.

ނަޝީދުގެ އިތުރުންވެސް އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވާއިރު، ކުރިއަށް އޮތް އެ ޕާޓީގެ ޗެއާޕާސަބް އިންތިހާބާ ދިމާކޮށް، ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މެންބަރުން ދަނީ ބަހުގެ ހަމަލަތައް ރައްދު ކުރަމުންނެވެ.