އާޔާއަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން ފަވާޒަށް ފާހަގަވި ކަންކަން ހާމަ ކުރިއެވެ. އެކަމުން އާޔާ ލަދުގަންނަ ގޮތް ވިއެވެ. އިސްޖަހާލައިގެން ހިނދުކޮޅަކު އިނުމަށްފަހު އާޔާ ވާހަކަ ދެއްކިއެވެ.
"އައި ނޯ އައިމް ނޮޓް ބިއުޓިފުލް. އެހެންވެ... ސްކޫލްގައި އެމީހުންނަކީ އެންމެ ރީތި ޕާފެކްޓް ކުދިން.... އާޔާ ފަލަވެފަ ހަޑި ވީމަ ކުދިން މަލާމާތްކޮށް ދިމާ ކުރޭ. ބުނޭ ދައިތައެއް ހެންނޭ ހެދުން އަޅަނީ... އެ މަލާމާތްތައް ކުރާ އަޑު އަހަން އެހާ ފަސޭހައެއް ނޫނޭ... އެހެންނޫނަސް ޒަމާނާ އެއްގޮތަށް ހެދުން އަޅާ މޭކްޕް ކުރުމަކީ ގޯހެއް ނޫނެއްނު..."
އާޔާގެ ދެކޭ ގޮތް ހާމަކުރުމުން ފަވާޒް އޭނާ އިން ތަނުން ތެދުވިއެވެ. "އާޔާއަށް އެނގޭތަ އެމީހުން އެ ކުރަނީ ކީއްކަން. ދެޓްސް ބުލީ ކުރުން... އާޔާ އަކީ އާޔާގެ ގޮތުގައި ނުލާހިކު ލޯބ ކުއްޖެއް. ގައިމު އަޒްކާ މެންނަށް ވުރެ އަހަންނަށް އާޔާ މާ ކަމުދޭ... ކޮންމެ ހެން އެންމެން ބޭނުންވާ ގޮތަކަށް ނޫން އާޔާ ހުންނަން ޖެހެނީ... އާޔާއަށް ކެރޭނެތަ ސްޓައިލްވެގެން ގޮސް އަޒްކާމެން ލާ ކަހަލަ ކުރު ހެދުން ލާން...."
ފަވާޒް ކޮށްލި ސުވާލުން އާޔާ ލަދު ގަތެވެ. އޭނާ އިސް ޖަހާލަމުން ދެ އަތަށް ބޯހުރުވާލި އިރު އެ މޫނު ވަނީ ރަތްވެފައެވެ. އަނބުރާ އުނދޯލީގައި އިށީންނަމުން އާޔާއަށް ވިސްނައި ދޭން ފަވާޒް މަސައްކަތް ކުރިއެވެ.
"އެމީހުން އުޅޭ ގޮތަށް އާޔާގެ ކަންކަން ބަދަލު ކުރާކަށް ނުޖެހޭ... ނޯ ބުނަން ޖެހޭ ތަންތާ ނޯ ބުނަން ވާނެ... މީހާރު ވެސް ބަލާބަލަ. އެމީހުންގެ މަޅީގައި ޖެހިގެން މިތާ އެކަނި ބަހައްޓާފައި އެމީހުން އެ ދިޔައީ.. ގައިމު މިތާކު އެ އަޒްކާ އަކަށް ވެސް އެކަނި ހުންނާކަށް ނުކެރޭނެ... އެމީހުން އާޔާއަށް ބޭނުން ގޮތެއް އެ ހަދަނީ... އެހެން ހެދިޔަ ނުދީ... އަމިއްލަ ސެލްފް ރެސްޕެކްޓޭ ކިޔާ އެއްޗެއް ވެސް އޮންނަން ވާނެ... ތި މީހުންނާ އެކީ އުޅެމުން ގޮސް އާޔާ ހަލާކުވެއްޖިއްޔާ އަހަރެން ވަރަށް ދެރަ ވާނެ..."
ފަވާޒް ދައްކަމުން ދިޔައީ ތެދު ވާހަކަތަކެއް ކަން އާޔާއަށް ގަބޫލު ކުރެވުނެވެ. އަދި ފަވާޒަކީ ރަށުތެރޭގައި މީހުން ބުނާ ކަހަލަ ވިޔާނުދާ މީހެއް ވެސް ނޫން ކަން މިއަދު އާޔާ ގަބޫލު ކުރިއެވެ. އެ ދެމީހުން އޮލަ ވާހަކައިގައި ތިއްބާ އިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. އެ އަޑު ކަންފަތުގައި ޖެހުމުން އާޔާ އިން ތަނުން ތެދުވީ، އޭނާގެ ޓާސްކް ފުރިހަމަ ވީކަން އެނގުމުން އެތަނުން އަވަހަށް ނިކުންނަން ބޭނުންވެފައި ހުރުމުންނެވެ.
"ދެން ހިނގާ ދާން. ޑެއާ ވެސް ކޮންޕްލީޓްވީ..."
އާޔާ އެގެއިން ނިކުންނަން ހިނގައިގަތުމުން ފަވާޒް އޭނާގެ ފޯނު ހިފައިގެން އެ ފަޅު ގޭގެ ވަށާ ފާރާ ދިމާއަށް ހިނގައިގަތެވެ. އެ ފަޅު ގޭތެރެއިން ނިކުތުމަށް ފަހު އާޔާ އާ އެކީ އެތަނުގައި ފަވާޒް ހުރެދިނީތީ ޝުކުރު އަދާ ކުރިއެވެ. އަދި އެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނުމަށް އާޔާ އެދުނެވެ.
ތަންކޮޅަކަށް ހިނގާފައި ދިއުމަށް ފަހު އާޔާގެ ފިޔަވަޅު މަޑު ޖައްސާލިއެވެ. އޭނާގެ އިންތިޒާރުގައި ސްކޫލް ބިށްދޮށުގައި ރައްޓެހިން މަޑުކޮށްގެން ތިބޭނެ ކަން ހަނދާން ވުމުން ފަވާޒު ގާތު އޭނާ ކަމަކު އެދެން ބޭނުން ވިއެވެ. "ފަވާ... ދެމީހުން އެއްކޮށް މިހެން ނިކުމެއްޖިއްޔާ މި ޑެއާ އަހަރެން އެކަނި ނިންމި ކަމަކަށް ނުވާނެ ދޯ... އަނެއްކާ ފަވާއާ އެކީ ވަލުން ނިކުންނަ ތަން ފެނިއްޖިއްޔާ ކޮންމެ ފަދަ އެއްޗެއް ވެސް އެމީހުން ކިޔާފާނެ... ސޯ...."
ހަދާނެ ގޮތެއް ނޭނގިފައި ހުރި އާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސް ކަން ފިލުވަން ފަވާޒް ބޭނުން ވިއެވެ. ވިސްނާލުމަށް ފަހު އެމީހުން ތިބި ހިސާބުން އާޔާއަށް އެކަނިމާ އެކަނި ވަލުތެރެއިން ނިކުންނަން އެނގޭނެތޯ ފަވާޒް ސުވާލު ކޮށްލިއެވެ. ގަސްތަކަށް ބަލަން ހުރުމަށްފަހު އާޔާއަށް އެހެން ނިކުންނަން އެނގޭނެ ކަމަށް ބުނެ ބޯ ޖަހާލީ އޭނާ އެތެރެއަށް ވަނީ ބައެއް ގަސްތައް ފާހަގަ ކުރަމުން ކަން ހަނދާން ވުމުންނެވެ.
އާޔާ ގާތު އެހެންވިއްޔާ ސްކޫލް ބިއްދޮށް މަގަށް ނިކުންނަން ކުރިއަށް ދާން އެދެމުން ފަވާޒް ފަސް އެނބުރި ހިނގައިގަތެވެ. އެވަގުތު ފަވާޒު އެ ދަނީ ކޮންތާކަށް ތޯ އާޔާ އަހާލީ ކަންބޮޑުވެފައި ހުރެއެވެ. ހިނިގަނޑެއް ޖަހާލަމުން ފަވާޒު އެ ދަނީ ދުރު މަގަގުން ފުޓްބޯޅަ ދަނޑާ ދިމާލުން ނިކުންނަން ކަމަށް ބުނެލިއެވެ. އާޔާ ހިނިތުންވުމެއް ބަދަލުކޮށްލަމުން އެތަނުން ސްކޫލް ބިށްދޮށް ފަރާތާ ދިމާއަށް ދާން ހިނގައިގަތީ ފަވާޒަށް "ގުޑް ނައިޓް" ކިޔުމަށް ފަހުއެވެ.
*** *** *** *** *** ***
"ދެން....." ފަވާޒު ކިޔައިދެމުން ދިޔަ ވާހަކަ މެދުކެނޑުމުން، ޝައުގުވެރި ކަމާއެކު އެ ވާހަކަތައް އަޑުއަަހަން އިން މާހިރު އަހާލިއެވެ.
"ދެން... އަހަރެން ގެއަކަށް ނު ދާނީ... އެ ގޮސް އަހަރެން ނިދަން އޮށޯތީ..." ފަވާޒް ގެއަށް ދިޔަ ގޮތް ކިޔައިދީ ނިންމާލުމަށް ފަހު ވިސްނާލަން މަޑުކޮށްލިއެވެ. "މަޑުކޮށްބަލަ. އާޔާގެ ހަށިގަނޑު އެ ފަޅުގޭ ތެރެއިން ފެނިއްޖިއްޔާ.... ދެން މަށާ އެކީ އާޔާ އެތަނުން ނިކުމެގެން ތަންކޮޅަކަށް ދިޔައޭ... އެވީ ކިހިނެއްހޭ މަގޭ ސުވާލަކީ... އަނބުރާ އޭނާ ފަޅު ގެއަށް ދިޔައީ ބާއޭ... ނޫނީ މީހަކު އޭނާ ގެންދިޔައީ ބާއޭ..."
އާޔާ އެގެއަށް އަނެއްކާ ދިޔަ ގޮތް އޭނާއަށް ނޭނގޭތީ ހިތުގައި އުފެދިފައި ހުރި ސުވާލުތައް މާހިރާ ހިއްސާ ކުރިއެވެ. މާހިރު ވެސް އިނީ ވާނުވާ ނޭނގޭ ހިސާބުގައެވެ. ބައެއް ފަހަރު އޭނާގެ އެކުވެރިޔާ މިތަނުގައި ދޮގު ހަދަނީ ބާއޭ ހިތަށް އެރިއެވެ. އަނެއްބައި ފަހަރު އާޔާއަށް އެވަރުގެ ދެރައެއް ދޭކަށް ފަވާޒަކަށް ނުކެރޭނެއޭ ވެސް މާހިރުގެ ހިތަށް އެރިއެެވެ.
އެ ދެމީހުން އެ ތޮށީގަނޑު މަތީ އިށީނދެގެން އިރުގަނޑަކު ތިއްބެވެ. ހޮސްޕިޓަލް ހިސާބުން އޭރު މީހުން ވެސް މަދުވެއްޖެއެވެ. އެހެންކަމުން ކަން އޮޅުން ފިލުވަން އެ ދެ އެކުވެރިން ތެދުވެގެން ހޮސްޕިޓަލް ހުރި ދިމާއަށް ހިނގައިގަތެވެ. މި ވަގުތު އެ ސަރަަހައްދުގައި ތިބީ ހަރު އުމުރު ފުރައިގެން ފިރިހެނުންނެވެ. ރޭގަނޑުގެ ލަސް ގަޑިއަކަށް ވެފައި އެ ވަގުތު އެ ސަރަހައްދަށް އެއްވެފައި ތިބި އަންހެންވެރިންތައް ގޭގެއަށް ހިނގައްޖެއެވެ.
*** *** *** *** *** ***
ހޮސްޕިޓަލް ތެރެއިން ގަފޫރު ބޭރަށް ނިކުތީ އޭނާގެ ބޮލުގައި އުފެދިފައި ހުރި ރިހުމަށް ލުޔެއް ލިބޭނެ ކަމަށެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެހެން ހެދި މީހަކު އޭނާ ހޯދަން ބޭނުންވިއެވެ. މި ވަގުތު އާޔާ އެނދުމަތި ކޮށްފައި އޮތް ކޮޓަރީގައި އާމިރާ އިން އިރު އޭނާ އާޔާ ކައިރިން ހިނދުކޮޅަކަށް ވެސް ދުރަށް ދާން ބޭނުން ނުވާނެ ކަން ގަފޫރަށް އެނގުނެވެ. ނިދަން ވިޔަސް ގެއަށް ނުދާނަން ކަމަށް އާމިރާ ބުނުމުން ގަފޫރު ބޭރަށް ގޮސްލާފަ އެބަ އަންނަން ކަމަށް ބުނެ އެ ނިކުތީ ސާފު ވައިކޮޅެއް ޖައްސާލުމުން އޭނާގެ ސިކުނޑިއަށް އަރާމެއް ވާނެ ކަމުގެ އުންމީދުގައެވެ.
ގަފޫރު ނިކުމެ ނިކުމެ ހުއްޓާ ފުލުހުންގެ ޔުނީފޯމްގައި ތިބި ދެމީހަކު ހޮސްޕިޓަލް ތެރެއަށް ވަންތަން ގަފޫރަށް ފެނުނެވެ. އެމީހުން އެ ދިޔައީ އާޔާ ބާއްވާފައި އޮތް ކޮޓަރިއަށް ބާވައޭ ގަފޫރު ހިތަށް އެރި، ނަމަވެސް ގަފޫރު ފެނުމުން ބަހެއް ވެސް ނުބުނެ ދިއުމުން އެއީ މާ މުހިއްމު ކަމަކު ދިޔަ ބައެއް ނޫން ކަމަށް ގަފޫރު ނިންމިއެވެ.
ސިކުނޑީގައި އުފެދިފައިވާ ރިހުން ފިލުވާލަން ބޭނުންވެފައި ހުރި ގަފޫރު މިސްރާބު ޖެހީ ހޮސްޕިޓަލުން ނިކުމެ އެ ދިމާ އަތިރި މަގަށެވެ. އޭރުވެސް މަދުން ނަމަވެސް އެކި ދިމަދިމާލުގައި ފިރިހެނުން އެއްވެ އޮލަ ވާހަކައިގައި ތިއްބެވެ. އެއިން ބައެއްގެ ކައިރިއަށް ދާކަށް ގަފޫރު ބޭނުމެއް ނުވިއެވެ. އެހެންކަމުން މީހަކު ނެތް ދިމާއެއް ބަލާފައި ތޮށިގަނޑު މަތިން އޭނާ އާންމުކޮށް މަސް ބާނަން ދާ ދިމާލުގައި މަޑުކޮށްލިއެވެ.
އޭރު ގަފޫރުގެ ނަޒަރު ހުއްޓިފައި ވަނީ އަނދިރިކޮށް ފެންނަމުން ދިޔަ ކަނޑުގެ އޮއެވަރަށެވެ. ފުދޭ ވަރަކަށް ވައިގަދަ ރެއެއްކަމުން މިރޭ ކަނޑުގެ ލޮނުގަނޑުގައި އުފެދެމުން ދިޔަ ރާޅު ބާނީގެ އޮއެވަރު ވެސް ގަދައެވެ. އެގޮތަށް އުފެދޭ ރާޅުތައް ތޮށިގަނޑާ ހަމައަށް އައިސް މުގުރާލާ އަޑު އަހަން އިން ގަފޫރަށް ދިރިއުޅުމަކީ ވެސް ފުން މިން ނޭނގޭ ކަނޑު ފަދަ އެއްޗެއްގެ ގޮތުގައި ސިފަ ކުރެވުނެވެ.
*** *** *** *** *** ***
އާމިރާއަށް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ލޯބިވާ ދަރިފުޅު އާޔާގެ މޫނަށް ބަލަހައްޓައިގެން އިން އިރު، އާމިރާގެ އަތުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. ޑޮކްޓަރުން އާޔާ ބެލުމަށް ފަހު ޓެސްޓުތައް ހަދައި އާޔާ ހޭއެރި ވަގުތު ލިބިފައި ހުރި ޝޮކުން އޭނާ ހަޅޭއްލަވަމުން ދިއުމުން ވަނީ ނިދާ އިންޖެކްޝަނެއް ދީފައެވެ. އެހެންކަމުން އާޔާ ދެން ހޭ އަރާނެ ވަގުތެއްގެ އިންތިޒާރުގައި އާމިރާ މަޑުކޮށްގެން އިންނަތާ ގިނަ އިރުތަކެއް ވެއްޖެއެވެ.
"ގެއަށް ދާން ބޭނުމިއްޔާ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު... އަހަރެން މިތާ ހުންނާނަން..." އާމިރާ އާއެކު އެ ކޮޓަރިތެރޭ ހުރި ޖެންޑާ މިނިސްޓްރީގެ މީހަކު ވާހަކަ ދެއްކީ އާމިރާ އަރާމްކޮށްލަން ފޮނުވާލުމަކީ ބުއްދިވެރި ކަމެއް ކަމަށް ފެންނާތީއެވެ. އާމިރާ ގެއަށް ދާން ދެކޮޅު ހެދިއެވެ. އަދި އޭނާ މަޑުމަޑުން އާޔާ ކައިރިއަށް ޖެހިލަމުން އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
"ކާކުގެ އެސް ފީނާއެއްތަ މި ޖެހުނީ... މަގޭ ދަރިފުޅަށް މިހެންވީ ކީއްވި... އާޔާއަކީ ނުލާހިކު ބަސް އަހާ ކުއްޖެއް.... އާޔާއަށް އެހެން ހެދީ ކާކު؟ ކީއްވެ؟.. މި ވަރުގެ އަނިޔާއެއް ކުރި އިރު، އޭނާގެ ކުށަކީ ކޮބާ؟.."
ހިތާ ހިތުން އާމިރާ ދިޔައީ އޭނާގެ ސިކުނޑީގައި ފުނިޖެހެމުން ދިޔަ ސުވާލުތަަކށް ޖަވާބު ހޯދަން މަސައްކަތް ކުރަމުންނެވެ.
"މާތް ﷲ އެއްވެސް އިންސާނަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނޭ ބުނޭ... ދެން މަގޭ އާޔާއަށް މިހެން ވީ ކީއްވެ؟.." އާމިރާއަކަށް ރަނގަޅަކަށް ނުވިސްނެއެވެ. އެހެން ހުއްޓާ އާމިރާގެ އަތުގައި ކުއްލިއކަަށް އާޔާ ހިފާލުމުން އާމިރާ ލޯ ބޮޑުކޮށްލާ އާޔާއަށް ދިމާއަށް ބަލާލިއެވެ. "ކީކޭ ދަރިފުޅާ... މަންމަ މިހުރީ ކައިރީގައޭ... އާޔާ... މީ މަންމައޭ..."
ދެލޯ ކާއްޓެއްހެން ބޮޑުކޮށްގެން އޮވެ މުޅި ކޮޓަރިތެރެއަށް ވަށައިގެން ބަލަމުން ނަޒަރު ހިންގަމުން ދިޔަ އާޔާގެ ނޭވާ ދިޔައީ އަވަސްވެ ކުރުވަމުންނެވެ. އާޔާ ހަމަޖެއްސުމަށް އާމިރާ މަސައްކަތް ކުރަމުން އޭނާގެ ދަރިފުޅު ގާތަށް ޖެހިލިއެވެ. މަންމަގެ ފިރުމުންތަކުގެ އިހްސާސާއި މަންމަގެ އަޑު ޖެހުމުން އާޔާގެ ދެލޯ ކަރުނުން ފުރުނެވެ. އަދި އާމިރާ އާ ދިމާއަށް ބަލާލުމަށްފަހު އޭނާ ރޯން ފެށިއެވެ.
ދެމައިންގެ ލޮލުން ވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެނީއެވެ. އާޔާ އެތައް ވާހަކައެއް މަންމައަށް ކިޔައި ދޭން ބޭނުންވާ ކަހަލައެވެ. އަދި އެ ދަރިފުޅުގެ އުދާސްތަކާއި އެ ދަރިފުޅުގެ ވޭންތައް ފިލުވަން އާމިރާ ބޭނުންވާ ކަހަލައެވެ. ބަހެއް ނުބުނެވުނަސް އެ ދެމައިން އެކަކު އަނެކަކު ދެކެ ވާ ލޯބި ކަރުނައިގެ ސިފައިގައި ބަންޑުން ކޮށްލި އިރު މަންޒަރު ބަލަން އެތަނުގައި ހުރި ޖެންޑާގެ ފަރާތުން އައިސް ހުރި މީހާގެ ލޮލަށް ވެސް ކަރުނަ ޖަމާވިއެވެ.
އެވަގުތު އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވާލާފައި ފުލުހުންގެ ދެ އޮފިސަރު އެތެރެއަށް ވަނެވެ. އާޔާއަށް ގެއްލިގެން ހޯދި މައްސަލައިގައި ތަހުގީގު ކުރިއަށް ދާތީ، އާޔާ ހޭއެރުމުން ކުރަން ބޭނުން ސުވާލުތަކެއް ހުރި ކަމަށް އެ ތަނުން ފުލުހަކު އައިސް ބުނެލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެއަތުން ފޮހެލަމުން އާމިރާ ނޭފަތް ދަމާލަމުން ބޯ ޖަހާލީ، އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީމައެވެ.
އާޔާ އޮތް އެނދު ކައިރިއަށް ފުލުސް މީހާ ޖެހިލަމުން އާޔާގެ މޫނަށް ބަލާލިއެވެ. އޭނާގެ އެއްލޯ މަތި ދުޅަވެފައި ވުމުން އެ ލޯ ރީއްޗަށް ނުހުޅުވުނަސް އަނެއް ލޮލުން އެ ފުލުސް މީހާއާ ދިމާއަށް އާޔާ ބަލާލީ އެ ސުވާލަށް ޖަބާވު ދޭން އެއްބަސްވަމުންނެވެ. "ރޭ އެ ފަޅުގެއަށް ރައްޓެހިންނާއެކީ ގޮއްސަ ހުއްޓާ އެތަނަށް ފަވާޒް ދިޔަކަން އެނގޭތަ؟" ފުލުހުން ފުރަތަމަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އާޔާ ބޯ ޖަހާލިއެވެ.
އަތުގައި އޮތް ފޮތުގައި އެއްޗެއް ނޯޓު ކޮށްލުމަށް ފަހު ދެވަނަ ސުވާލު ފުލުހުން ކުރީ އާމިރާއާ ހަތަރު ކަޅި ހަމަކޮށްލަމުންނެވެ. "އާޔާއަށް މިހެން ހެދީ ފަވާޒުތަ؟..." ފުލުހުން ކުރި ސުވާލާއެކު، އާޔަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމައެއާއެކު އޭނާއަށް އެ ފަޅު ގޭތެރޭގައި ކަންތައް ވީ ގޮތް ލޯމައްޗަށް ސިފަވެގެން ދިޔައެވެ.
އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތް އިހްސާސް ކުރެވުނެވެ. ހަޭއްލަވަން މަސައްކަތް ކުރަން ފެށުމުން އޭނާގެ އަނގަމަތީ ނިވާ ކުރިކަން ހަނދާނަށް އައި އިރު، މިހާރު ވެސް އޭނާގެ އަނގަމަތީގައި އަތަކުން ހިފާފައި ހުރި ކަހަލަ އިހްސާސެއް ވިއެވެ. އަދި އޭނާ ލައިގެން ހުރި ޓީޝާޓު މައްޗަށް އަރުވާ އޭނާގެ ހަށިގަނޑުގައި އަތަކުން ބީހެމުން ދިޔަ އިރު އާޔާ ގަދަ ހަދަން މަސައްކަތް ކުރިއެވެ. އެވަގުތު ބަނޑުވަތަށް އޭނާ ބިންމައްޗަށް ވެއްޓި ގާބުރިއެއްގެ މަތީގައި ނިއްކުރި ޖެހުނު ވަގުތު ވީ ތަދުން އާޔާ ހަޅޭއް ލަވައިގަތެވެ.
(ނުނިމޭ)