އެމްބިއުލާންސް އައިސް އެހިސާބަށް މަޑުކޮށް އޭގެއިން ހޮސްޕިޓަލުގެ ނަރުހަކާއި ޑޮކްޓަރެއް ފޭބިއެވެ. އަދި އިތުރު ފުލުހަކާ އެކު އެމީހުން ވަލުތެރެއަށް ދާން މިސްރާބު ޖެހިއެވެ. ސުވާލުން ފުރިގެންވާ ފަދަ ބެލުމަކުން ފަވާޒާ ދިމާއަށް މާހިރު ބަލާލީ އާޔާއަށް ކަމެއްވެއްޖެ ހެން ހީވުމުންނެވެ. އާޔާއަށް އެހެން ހެދީ ފަވާޒު ކަމަށް މާހިރަށް ޝައްކު ކުރެވުނެވެ.
*** *** *** *** *** ***
ވަލުތެރެއަށް ވަދެގެން ދިޔަ މީހުންގެ ތެރޭގައި އެ ރަށު ކައުންސިލްގެ އިސް ވެރިން ހިމެނެއެވެ. އެ މީހުން އަތުން ހިފައިގެން ދިޔަ ޓޯޗުތަކުން އަލި ކުރަމުން ވަލުތެރެއަށް ވަދެގެން ދިޔައީ ފުލުހުން ގުޅާފައި އަންނާށޭ ބުނި ދިމާއަށެވެ. އޭރުވެސް އެ ކުއްޖާ ފެނުނު ކަން ފުލުހުން ކަށަވަރުކޮށްދީފައި ވީ ނަމަވެސް އެ ކުއްޖާ އޮތް ހާލު އެމީހުންނަކަށް ނޭނގެއެވެ.
ކައުންސިލަރުންގެ ފަހަތުން އެތަނަށް ހޮސްޕިޓަލުން އައި ނަރުހަކާއި ޑޮކްޓަރެއްގެ އިތުރުން އިތުރު ފުލުހަކު ވެސް އެތަނަށް ވަނެވެ. އެ ފަޅު ގެއާ ހަމައަށް އާދެވުމުން އެމީހުން ފުލުހުން ތިބި ހިސާބަށް ވަނުމަށް އަވަސްވެގަތެވެ. އޭރު އެ ފަޅުގޭގެ ގޯތިތެރޭ ހަތަރު ފުލުހެއްގެ އިތުރުން އެ ރަށުގެ އާންމުންގެ ދެތިން މީހަކު އުޅުނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ.
*** *** *** *** *** ***
އާޔާ ފެނިއްޖެ ކަމަށް ބުނުމުން ފަވާޒް ވެސް ބޭނުންވީ އާޔާ ފެނުނު ކަމަށް ބުނި ދިމާއަށް ދާށެވެ. ނަމަވެސް ފަވާޒުގެ އަތުގައި ހިފަހައްޓަމުން އެތަނަށް މި ވަގުތު ވަނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް މާހިރު ބުނުމުން ފަވާޒް މަޑު ޖެހުނެވެ. ހޮސްޕިޓަލުގެ ނަރުހަކާއި ޑޮކްތަރެއް އެ ފުލުހުން ދިޔަ ދިމާއަށް ދިއުމުން ފަވާޒުގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ޖަޒްބާތުތަކެއް އަށަގަނެއްޖެއެވެ. މާހިރު ބުނި ގޮތަށް އެތަނުގައި މަޑުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފަވާޒަށް ގަބޫލު ކުރެވުނަސް އާޔާއަށް ވީ ގޮތް އޮޅުން ފިލުވަން ފަވާޒް ހުރީ ކެތް މަދުވެފައެވެ.
ވަށައިގެން އެ މާހައުލުގައި ތިބި މީހުންގެ ވާހަކަތަކުން ވެސް ފަވާޒަށް ލިބެމުން ދިޔަ ހާސްކަން ކުރި ހޯދަން ފަށައިފިއެވެ. ރޭގަނޑުގެ އެވަގުތު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ވެސް އޭނާއަށް ފިނިކަމެއް އިހްސާސް ނުވާ ކަހަލައެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔަ އިރު ހިތާ ހިތުން އޭނާ ދުއާ ކޮށްލީ އާޔާއަށް ދެރަގޮތެއް ވާން ނޭދޭތީއެވެ. އެއް ފަރާތަކަށް ޖެހިލަމުން ސްކޫލް ބިއްދޮށް ފާރުގައި އޭނާ ލެގި ލިއެވެ. އަދި މީހާ ހަމައަކަށް އެޅޭތޯ ޖީބުގައި އޮތް ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގާ ރޯކޮށްލީ ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
މާގިނަ އިރެއް ނުވެއެވެ. ވަލުތެރެއިން ބަޔަކު ނިކުމެގެން އަންނަ ތަން ފެނުނެވެ. އެ މީހުންގެ ތެރެއިން ފުލުހެއްގެ އަތް ދަނޑިމައްޗަށް ލައިގެން އެ ނެރެނީ އާޔާ ކަމަށް އެތާ ތިބި ބަޔަކު ބުމުން ފަވާޒް ތުނބުގައި ޖަހައިގެން އިން ސިނގިރޭޓް އެއްފަރާތަކަށް ހޫރާލުމަށް ފަހު ކުރިއަށް ޖެހިލިއެވެ. އެއީ އާޔާ ކަން ކަށަވަރު ކުރަން ފަވާޒް ބޭނުންވިއެވެ. ނަމަވެސް އެ ހަށިގަނޑު ވަނީ ހުދު ބެޑްޝީޓަކުން ނިވާ ކޮށްފައި ކަމުން ދުރުން އެކަން ޔަގީން ކުރަން އުނދަގޫ ވިއެވެ. އަނދިރީގެ ތެރެއިން އާޔާގެ މޫނު ފަވާޒަށް ވަކި ކުރާކަށް ނޭނގުނެވެ. އެހެންކަމުން އޭނާ ޖެހިލީ އެތާ ހުރި އެމްބިއުލާންސް ކައިރިއަށެވެ. އާޔާ ގެނެސް އެއަށް އަރުވާ އިރު ކައިރިން އާޔާ ފެންނާނެ ގޮތަކީ އެއީ ކަމަށް ފަވާޒަށް ގަބޫލު ކުރެވުނެވެ.
ފުލުހުންނާއި ހޮސްޕިޓަލްގެ މުވައްޒަފުންގެ މިސްރާބު ހުރީ އެތަނުގައި ޕާކްކޮށްފައި އޮތް އެމްބިއުލާންސާ ދިމާއަށެވެ. އެމީހުން އެ ދިމާއަށް އައި އިރު ބައެއް ފުލުހުން އެތަނަށް އެއްވެ ތިބި އާންމު ރައްޔިތުން ދުރަށް ޖައްސަން މަސައްކަތް ކުރިއެވެ. އެމްބިއުލާންސްގެ ފަހަތު ދޮރު ހުޅުވާލާ ހަލުވި ކަމާއެކު އެތެރެއަށް ވަތް ނަރުހާކާއި އެހީތެރިއަކަށް އައި މީހާ އެމްބިއުލާންސްގެ އެނދު ބޭރަށް ދަމާލިއެވެ. އަދި އަތްދަނޑިމައްޗަށް ލައިގެން ގެނައި އާޔާ އެ އެނދުމަތީގައި ބޭއްވުމުން ނަރުސް މީހާ އެ ކުއްޖާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ރަނގަޅު ކޮށްލިއެވެ.
މަންޒަރު ބަަލަން ހުރި ފަވާޒްގެ ކަކުލުން ވަރު ދޫ ނުވީ ކިރިއާއެވެ. އޭނާއަށް މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. އާޔާއަށް ވެފައި އޮތް ގޮތް ފެނި ފަވާޒުގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެ ކުއްޖާގެ މޫނު މަތީގެ އެއް ފަޅި ވަނީ ދުޅަވެ ބަޑި ޖަހާފައެވެ. ހީވަނީ ބާރަށް އެއްޗަކުން ޖެހިގެން ދުޅަވެފައި ހުރި ހެންނެވެ. އާޔާގެ އިސްތަށިގަނޑު ވެސް ވަނީ ހޭވިފައެވެ. މޫނުމަތީގައި ކިލައާއި ވެލި ތަތްލާފައި ހުރި އިރު އޭނާގެ ސިފަ ވެސް ވަކި ކުރަން އުނދަގުލެވެ. ނަމަވެސް އެއީ ފަވާޒް އެންމެ ލޯބިވާ އާޔާކަން އޭނާއަށް ޔަގީނެވެ.
އެމްބިއުލާންސްގެ ދޮރު ލައްޕާލުމަށް ފަހު އެ ވެހިކަލް ދުއްވާލީ ހޮސްޕިޓަލާ ދިމާލަށެވެ. އެތަނުގައި ތިބި މީހުންވެސް އެމްބިއުލާންސް ދިޔަ ދިމާލަށް މިސްރާބު ޖެހިއެވެ. ބައެއް މީހުން ފައިމަގުގައި ދިމާއަށް ދާން ހިނގައިގަތް އިރު އަނެއް ބަޔަކު ދިޔައީ އެމީހުން އެތަނަށް އައި ސައިކަލުތަކަށް އަރައިގެންނެވެ. އެންމެން އެތަނުން ދިޔަ އިރު ވެސް ފަވާޒަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އެ ހުރި ތަނަށް އޭނާ ހުރީ ގަނޑުވެފައެވެ. ކުރިއަށް ހިނގައިގެން މާހިރަށް ފަވާޒު އޭނާއާ އެކު ނާންނަކަން އެނގުމުން ފަސް އެނބުރި ފަވާޒަށް ބަލާލިއެވެ. އޭރު ފަވާޒުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެނީއެވެ.
*** *** *** *** *** ***
ހޮސްޕިޓަލް ކައިރިއަށް ފަވާޒް ގޮވައިގެން މާހިރު ދިޔަ ނަމަވެސް މިރޭ ހޮސްޕިޓަލަށް އާންމުންގެ މީހުންގެ ތެރެއިން އަންނަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭ ގޮތަށް ފުލުހުން އެ ސަރަހައްދުގައި ފޯރުމަރަން ތިއްބެވެ. ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ މީހުން ވެސް އެތެރެއަށް ވެއްދީ އެމީހެއްގެ އައިޑީކާޑާއި އެމީހެއްގެ ބޭނުން އޮޅުން ފިލުވާ ސާފު ކުރުމަށް ފަހުއެވެ.
ރަށުގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ތިބީ އާޔާއަށް ވީ ގޮތެއް ހީދާށެވެ. އެ އެންމެން އެތާ ތިއްބާ ފަވާޒަށް ފެނުނީ މީހުން އެއްފަރާތަކަށް ޖެހި މަގު ދައްކާ އެތަނަށް މީހަކު ވައްދަން ތަން ދައްކަމުން ދިޔަ ތަނެވެ. ގަފޫރާއި އާމިރާ އެތަނަށް އައީ ފުލުހަކާ އެކީގައެވެ. އާމިރާ ހުރީ ރޮއެރޮއެ ހަލާކުވެފައެވެ. އޭރުވެސް އާމިރާ ގިސްލަމުން ދިޔައެވެ. ގަފޫރު ހުރީ އާމިރާގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. އެތަނުގައި ތިބި އެންމެން އެމީހުންނާ ދިމާއަށް ބަލަމުން ދިޔަ ކަން ވެސް އާމިރާ އަށް ނޭނގޭ ކަހަލައެވެ. އާމިރާގެ ނަޒަރު ހުއްޓިފައި ވަނީ އެ ހޮސްޕިޓަލާ ދިމާއަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އެމީހުން ގޮސް ހޮސްޕިޓަލް ވަންނަން ދެން ފަވާޒް ދުރުގައި ބަލަން ހުއްޓެވެ.
ވެގެން އުޅޭ ގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ނަމަވެސް އެކަން ކުރާކަށް އެހާ ފަސޭހައެއް ނުވާނެ ކަން ފަވާޒަށް އެނގެއެވެ. ހޮސްޕިޓަލު ކައިރިން އަތިރި މައްޗަށް ފަވާޒް ހިނގައިގަތީ އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައެވެ. މާހިރު އޭނާ އާއެކު އަތިރި މަގަށް ދިޔައިރު ފަވާޒުގެ ފަރާތުން އޭނާ ސާފު ކުރަން ބޭނުންވާ އެތައް ކަމެއް ހުއްޓެވެ.
ވާގުތާއި ހާަތުގެ ގޮތުން އަތިރިމަތީ މީހުން ވަރަށް މަދެވެ. ހޮސްޕިޓަލް ހިސާބަށް އެއްވެފައި ތިބި މީހުން ފެންނަ ހިސާބުގައި ތޮށިގަނޑު މަތީގައި ފަވާޒް ފޫ ޖައްސާލިއެވެ. އަދި އެކުވެރި މާހިރު ގާތު ވެސް އޭނާ ކައިރީ އިށީންނަން އެދެމުން އެ ފަޅު ގޭތެރޭ ވީ ކަންތައް ފަވާޒް ކިޔައިދޭން ފެެށިއެވެ.
"އަޒްކާމެން އެތަނުން ދިޔަތަން ފެނުނީމަ އަހަރެން އިރުކޮޅަކު މަޑުކޮށްގެން ހުރިން.. ދެން އަހަރެން ސިއްރު ސިއްރުން ފާރުމަތިން ބޯ ދިއްކޮށްލާ ބަލާލިން.. އޭރު އާޔާ ހުރި އެތާ. އޭނާގެ އަތުގައި އޮތް ފޮތެއް ވެސް. އެ ފޮތް ހުޅުވައިގެން އޭގައި ހުރި އެއްޗެއް ކިޔަން ކަންނޭނގެ ހުރީ... އަހަރެން ދެން ފާރުމަތިން ފުންމާލީ އަޑެއްވެސް ނީވެނެހެން ވަރަށް ބަލައިގެން.... ދެން....."
*** *** *** *** *** ***
ފަވާޒް ކުރިއަށް ހިނގައި ގަތީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. އަޑެއް ވެސް ލައްވާ ނުލައެވެ. ފޮތަށް ބަލަހައްޓައިގެން އިން އާޔާއަށް ފަވާޒު އެ ފަޅު ގެއަށް ވަން ކަން ނޭނގެއެވެ. އޭނާ ހުރީ ކޮޅަށެވެ. ފޮތަށް ބަލަހައްޓައިގެންނެވެ. ފަވާޒު މަޑުމަޑުން އައިސް އާޔާގެ ގައއިގައި ކޮއްޓާލުމުން އާޔާ ދިޔައީ ސިއްސައިގެންނެވެ. ބާރަށް ހަޅޭއްލަވައިގަންނާނެ ކަން ފަވާޒަށް އިނގޭތީ އޭނާ ހުށިޔާރުވެ ހުރެ ފަހަތުން އާޔާގެ ގައިގާ ބައްދާލަމުން އޭނާގެ އަނގަމަތީގައި އަތް އަޅާ ބާރު ކޮށްލިއެވެ.
އާޔާ ތެޅެމުން ފޮޅެމުން ދިޔައީ ގަދަ ހަދަމުންނެވެ. ހަޅޭއްލަވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަވާޒުގެ އަތުން އޭނާގެ އަނގަމަތީގައި ހިފައްހަޓާފައި ހުރުމުން ބާރަށް ހަޅޭއްލެވޭ ގޮތެއް ނުވިއެވެ. ގަދަ ހަދަމުން ދިޔަ އާޔާ މަޑު ޖެހުނީ ފަވާޒް ވައި އަޑުން ބުނި ޖުމްލަ އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. "އާޔާ.. މީ މަށޭ... ހަޅޭއް ނުލަވާ މަތިން ދޫކޮށްލާނަން... ޝްޝްޝް...."
އެ އަޑުން އެއީ ކާކުކަން ދެނެގަންނަން އާޔާއަށް އެނގުނެވެ. އެހިސާބުން އާޔާ ގަދަ ހެދުން ހުއްޓާލިއެވެ. މަޑުމަޑުން އާޔާގެ ގައިން ފަވާޒު ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ. އާޔާވެސް ބޭނުންވީ ފަވާޒާ ދުރަށް ޖެހޭށެވެ. ދުރަށް ޖެހި ފަސްއެނބުރި ބަލާލަމުން އާޔާ ކުރުސި ކިޔަން ފެށިއެވެ. ފަވާޒު ގާތަށް އެ ވަގުތު އައީ ނުބައި ހިންޏެކެވެ. " އޭ މަމީ ޖިންނިއެއް ނޫން އިނގޭ... ހަމަޖެހޭ... އަޒްކާ މެންނާ އެކީ މިތަނަށް އައި ތަން ފެނުނީމަ އަހަރެން މި ބަލާލީ... އަޒްކާ މެން ދިޔަ އިރު މިތާ ތިހުރީ ކީއްވެ... އަދި އެވެސް އެކަނިމާ އެކަނި... އާޔާ ބިރެއްވެސް ނުގަނޭތަ؟..."
އާޔާ އެ ފަޅުގޭގައި އެކަނި އެ ހުރީ ކީއްވެކަން އޭނާ ފަވާޒަށް ކިޔައިދިނެވެ. އެއަށް ފަހު ކުއްލިއަކަށް އާޔާ މަޑު ޖެހިލިއެވެ. އެ ހުރިހާ ވާހަކައެއް އެހާ ފަސޭހައިން ފަވާޒަށް ކިޔައިދެވުނީ ކީއްވެ ކަމާ މެދު ސުވާލު އުފެދުނެވެ. އާޔާގެ ހަރަކާތް ހުރި ގޮތުން ކޮންމެވެސް ވަރަކަށް އޭނާ ޖެހިލުން ވެފައި ހުރިކަން ފަވާޒަށް ނަގައިގަނެވުނެވެ. އެހެންކަމުން އެތާ ހުރި އުނދޯލީގައި ހުރި ހިރަފުސްތައް ފަތް ކޮޅެއްގެ އެހީގައި ފޮޅާލުމަށް ފަހު އެތަނުގައި އިށީންނަށް އާޔާ ގާތު އެދުނެވެ.
އަދިވެސް ފަވާޒަށް ފެންނަމުން ދިޔައީ އާޔާ ޖެހިލުންވެފައި ހުރި ތަނެވެ. އާޔާ ހަމަޖެހިގެން އެތަނުގައި އިންނާނެ ގޮތެއް ހަދަން ފަވާޒް ބޭނުން ވިއެވެ. އިރުއޮއްސި އަނދިރިވަމުން އަންނާތީ ފަވާޒުގެ ފޯނުގެ ފްލޭޝް ލައިޓް ދިއްލާލަމުން އޭނާގެ ފޯނު ބިންމަތީގައި ބޭއްވިއެވެ. އެ ފޯނުގެ ލައިޓުން އެ ސަރަހައްދަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ވެރިވުމުން އާޔާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން އައިސް ފަވާޒު ކައިރީ އެ އުނދޯލީގައި އިށީންނަމުން އާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަސްލު ކީއްވެތަ އެމީހުންނާ އެކީ ތިއުޅެނީ... އާޔާ އާ އެމީހުންނާ ހާސްބައި ތަފާތު.. ދެން އެމީހުންގެ މިންގަނޑުތަކަށް ފެތެން ތި އުޅެނީ ކީއްވެތަ؟..." ފަވާޒް ކޮށްލި ސުވާލުން އާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އެކަން ދޮގު ކުރަން އާޔާ ފޫހިވައްތަރެއް ޖައްސާލިއެވެ. "އަހަރެން ކޮން ކަމެއް ކުރީ އެމީހުންގެ މިންގަނޑަށް ފެތެން؟..."
މައުސޫމް ކަމުން ފުރިފައިވާ އާޔާގެ މޫނަށް ފަވާޒް ބަލާލީ ބޯއަރިކޮށްލަމުންނެވެ. އާޔާ ފޮރުވަން މަސައްކަތް ކުރިއަސް އެ ކުދިންނާ އެއްގޮތްވާން އާޔާގެ އުޅުމަށާއި އާޔާގެ ސްޓައިލަށް ގެންނަމުން ދާ ބަދަލުތައް ފަވާޒަށް އެނގޭތީ އާޔާއަށް ދޮގު ނުހެދޭނެ ކަން ފަވާޒަށް އެނގުނެވެ.
"ދެން ކީއްވެ މިހާރު އަނދުން އަޅާ ލިޕްސްޓިކް ޖައްސާ ތި ހަދަނީ، މިހާރު ނިއްކުރިމަތިން އިސްތަށިކޮޅެއް ކޮށާލާފަ ތި ހުންނަނީ އިރުއިރުކޮޅާ އެ އިސްތަށިކޮޅު ކަންފަތް ދަށަށް ލައްވާލަ ލައްވާލަ... ތީ ކުރިން އާޔާ އުޅޭ ގޮތެއްވެސް ނޫން... ދެން ނުބުނާތީ ހިކެންވެގެން ނުކައި ނުބޮއެ ހުންނަ ވާހަކަ... އާޔާ އަކީ އަބަދުވެސް ރީތި ކުއްޖެއް. އާޔާގެ ގޮތުގައި އާޔާ ގަބޫލު ނުކުރާ ބަޔަކާ އެކީ އުޅުމުގެ ބޭނުމެއް އެބަ އޮތްތަ؟..."
އާޔާއަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން ފަވާޒަށް ފާހަގަވި ކަންކަން ހާމަ ކުރިއެވެ. އެކަމުން އާޔާ ލަދުގަންނަ ގޮތް ވިއެވެ. އިސްޖަހާލައިގެން ހިނދުކޮޅަކު އިނުމަށްފަހު އާޔާ ވާހަކަ ދެއްކިއެވެ.
"އައި ނޯ އައިމް ނޮޓް ބިއުޓިފުލް. އެހެންވެ... ސްކޫލްގައި އެމީހުންނަކީ އެންމެ ރީތި ޕާފެކްޓް ކުދިން.... އާޔާ ފަލަވެފަ ހަޑި ވީމަ ކުދިން މަލާމާތްކޮށް ދިމާ ކުރޭ. ބުނޭ ދައިތައެއް ހެންނޭ ހެދުން އަޅަނީ... އެ މަލާމާތްތައް ކުރާ އަޑު އަހަން އެހާ ފަސޭހައެއް ނޫނޭ... އެހެންނޫނަސް ޒަމާނާ އެއްގޮތަށް ހެދުން އަޅާ މޭކްޕް ކުރުމަކީ ގޯހެއް ނޫނެއްނު..."
(ނުނިމޭ)
ކޮބާ 9 ވަނަ ބައި... ޕްލީސް އަވަހަށް އަޕް ކޮށްބަލަ
ކޮބާ 9؟؟
ވާހަކަ ހާދަ ރީއްޗޭ ކިޔާ ފޫހި ނުވާހާ ރީތި. ކޮންމެ ދުވަހަކު މި ވާޙަކަ އަށް އިންތިޒާރު ކުރެވޭ
ވަރަށް ސަޅި. ފަވާޒް އާޔާ އަށް ދެރަ ގޮތެއް ނުހަދާނެ.