އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ދައުލަތުގެ މުވައްޒަފުންނާއި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލަން ޕީޕީއެމް އިން ގޮވާލައިފިއެވެ.

އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ނެރުމުން ނުވި ނުރައްކާ މިއަދު ވެއްޖެ ކަމަށް ބުނުމުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ކިއި ކަމަށް ނިންމާ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމް ދިނުގެ ދިފާއުގައި މަދަރްސަތުލް އަރަބިއްޔަތުން އިސްލާމިއްޔާގެ ޓީޗަރަކު ބުނި އެއްޗަކާއި ގުޅިގެން، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރެފައިވާ ގަރާރަކަށް ގޮން ޖެހީކަމަށް ބުނެ، އޭނާ ވަޒީފާއިން ސަސްޕެންޑް ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމްއިން ބުނީ އެގަރާރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ގަރާރު ނެރުމަށް ބާރުދީފައިވާ 3 ހާލަތުން ކުރެ ހާލަތަކަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ.

އަދި އެ ބާތިލު ގަރާރާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގައްޔާއި ސިވިލް ސާވިސް ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކާ، ވަޒީފާއިން ސަސްޕެންޑްކޮށް އަދި ވަޒީފާއިން ވަކި ކުރަމުން ގެންދިއުމަކީ އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެޕާޓީން ބުނެއެވެ.

އެއާއެކު މުސްލިމުންނަށް ދުއްތުރާތަކާއި އަނިޔާ ކުރަމުން ގެންދާ އިންޑިއާ ސަރުކާރުގެ އެންގުމަށް، ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތަށް ހުރަސް އަޅާ ދީނީ އިލްމުވެރިންނަށް ބިރު ދައްކަމުން ގެންދާ ގެންދިއުމަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުމެއްކަމަށް ދެކެމެވެ.
ޕީޕީއެމް

ޕީޕީއެމްއިން ބުނީ، ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ، އިންޑިއާއެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދިއުން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ހިންގާ އިންޑިއާ އައުޓްގެ ހަރަކާތްތަކާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅު ތަކުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެކަން ވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރެއްވުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ހުރަސް ނޭޅުމަށް އެބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ގޮވާލަމެވެ.

ހަމެއެއާއެކު ސަރުކާރުންނާއި ސިޔާސީ ފަރާތްތައް ރުއްސުމަށް އެފަރާތްތަކުން ކުރަމުން ގެންދާ ގައިރުގާނޫނީ އަމުރަށް ތަބާ ނުވުމަށާއި އެކަންކަން ތަންފީޒު ކުރުމާއި ދުރުހެލިވުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ޕީޕީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކޮށްގެން ވަޒީފާތަކުން ވަކިކުރާ ދިވެހި ކޮންމެ ރައްޔިތަކަށްމެ އެފަރާތްތަކުގެ ވަޒީފާ ޕީޕީއެމް ގެ ވެރިކަމެއްގައި އަނބުރާ އިއާދަކޮށްދޭނޭ ކަމުގެ ޔަގީންކަން އެޕާޓީން ވަނީ ދީފައެވެ.