އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރަމުންދާތީ 2021 ވަނަ އަހަރު އެމައްސަލަ ހުށަހެޅި ހަތަރު ޓީޗަރުންގެ ވަޒީފާ ބަދަލުކުރި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށައަޅައިފިއެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރުގެ ޝަކުވާ ހުށަހެޅުމުން ލީޑިން ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުންނަށް އިސްތިއުފާ ދިނުމަށް މަޖުބޫރުވުމުގެ ސަބަބުން ލީޑިން ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުން ފެބްރުއަރީ 2021 ގައި އިސްތިއުފާދީ އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.

ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެވިއެވެ. އެއަށްފަހު އޭޕްރީލް 27، 2021ގައި އެ ސްކޫލުގައި މަސައްކަތްކުރާ ބައެއް ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅިއެވެ.

އެ ޓީޗަރުންގެ ޤާނޫނީ ވަކީލު ގޮތުގައި ތަމްސީލްކޮށްފައިވަނީ ޕަބްލިކް އިންޓަރެސްޓް ލޯ ފާމް އިންނެވެ. 27 ޖޫން 2021 ވަނަ ދުވަހު އެ މައްސަލަ ބެލި ކޮމެޓީގެ އިއްތިފާޤުން މައްސަލަ ނިންމިފައިވާނީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތްކަމަށާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބާކަން އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އަންގާފައެއް ނުވެއެވެ.

އެ މައްސަލަ ހުށަހެޅުމާއި ހެކިބަސް ދިނުމާއި އެ ކުށް ދެކޮޅަށް އަޑުއުފުލި ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅަން އުޅޭކަމުގެ މައުލޫމަތު ލިބިގެން އެގޮތަށް އަމަލުނުކުރުމަށް އެދި މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނިކޮށް އެ މައްސަލަ ހުށަހެޅުމާއި ހެކިބަސް ދިނުމާއި އެ ކުށާއި ދެކޮޅަށް އަޑުއެފުލި ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ވަނީ ބަދަލުކޮށްފައެވެ.

އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުން ނޫންކަމަށް ބަޔާންކޮށް މީގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނޫސް ބަޔާނެއް ނެރިފައިވެއެވެ.

އެކަމާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލޯ ފާމުން ބުނީ މި މައްސަލަ ދިރާސާކުރިއިރު ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުންކަން މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި ހެއްކާއި ގަރީނާއަށް ބެލުމުން އެނގެން އޮތުމުން އެ ޓީޗަރުންތައް އެހެން ސްކޫލުތަކަށް ބަދަލުކުރަން ނިންމި ގާނޫނާއި ހިލާފު ނިންމުން ބާތިލްކޮށްދިނުމަށް އެދި އެ ޓީޗަރުންގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލާގައި އޭޕްރިލް 21، 2022 ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކަނޑައަޅައި ނިންމާފައިވަނީ ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކޮށްފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.