"ޕްލީސް.. ތިކަހަލަ ވާހަކަ ނުދައްކާ... އަނެއްކާ ޖިންނި އަވަލައިގެން މަގޭ ފަހަތުން އައިސް ދާނެ.... ނޭނގެ މަ ވަރަށް ބިރުގަނޭ... މާހިލް އަށް ގުޅޭތޯ ބަލާބަލަ... ގުޅެންޏާ ކޮންފަރަންސް ހަދާ ބަލަ..." އަޒްކާ ބޭނުންވީ މާހިލް އާ ވާހަކަ ދައްކާށެވެ. މާހިލްއާ ގުޅައިގެން މި ހުރިހާ ވާހަކައެއް ހިއްސާ ކުރެވިއްޖެ ނަމަ އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަމަށް އަޒްކާ ގަބޫލު ކުރިއެވެ.
*** *** *** *** *** ***
ސްކޫލް ކައިރީ މަޑުކޮށްގެން ހުރި ފަވާޒަށް އޭނާގެ އެކުވެރިޔާ މާހިރު އައިތަން ފެނުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ގެއްލިގެން ހޯދަމުން ދިޔަ އާޔާއާ ގުޅުވާފައި ރަށުތެރޭގައި ބައެއް މީހުން ދައްކަމުން ދިޔަ ވާހަކަ އާއި ބައެއް މީހުން އެ ކުއްޖާއާ މެދު ދެކެމުން ދިޔަ ގޮތް އެނގުމުން ފަވާޒް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ.
އޭނާގެ އެކުވެރި މާހިރު އައިސް ފަވާޒު ކައިރިއަށް ހުއްޓުމާ އެކު އޭނާއާ އެކު އަންނާށޭ ބުނެ ފަވާޒް މިސްރާބު ޖެހީ ޖެހިގެން އޮތް ގޯޅިން ސްކޫލް ބިއްދޮށް ފަރާތަށް ދެވޭ މަގުންނެވެ. ހައިރާންވެފައި ހުރި މާހިރު، އޭނާގެ އެކުވެރިޔާ ހުއްޓުވަން ބޭނުންވިއެވެ. "ކީއްކުރަން ތި ދިމާލަށް ތި ދަނީ... ތިތާ ސްކޫލް ބިއްދަށް ވެސް ބަލައިފިއޭ... ސްކޫލް ތެރެ ވެސް ބަލައިފިއޭ... ދެން ތި ދިމާއަށް ދިއުމުގެ ބޭނުމަކީ ކޮބާ؟..."
މާހިރު ދައްކަމުން ދިޔަ ވާހަކަތަކުން ފަވާޒް ހުއްޓޭ ގޮތެއް ނުވިއެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އޭރު ގޮސް ސްކޫލް ބިއްދަށު މަގަށް ލަނބާލައިފިއެވެ. މާހިރު އައިސް އެ މަގަށް ލަނބާލި އިރު ފަވާޒު ހުރީ ވަލުތެރެއަށް ދާން މިސްރާބު ބަހައްޓާފައެވެ. ފަވާޒު ވަލަށް ވަންނަ ސަބަބު ދެނެގަންނަން މާހިރު ބޭނުންވިއެވެ. އެހެންކަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފަވާޒާ އެއްހަމަ ކުރުމަށްފަހު އޭނާގެ އެކުވެރިޔާގެ އަތުގައި ހިފެހެއްޓިއެވެ.
"އޭ މަޑުކޮށްބަލަ... ވަލަށް ތި ވަންނަނީ ޔޯ..." މާހިރު އޭނާ ހުއްޓުވުމުން ފަވާޒް މަޑު ޖެހިލިއެވެ. އަދި އެކުވެރިޔާއަށް ކަންތައް ވީ ގޮތް ކިޔައިނުދެވި ކުރިއަށް ނުދެވޭނެ ކަން އޭނާއަށް އެނގުނެވެ. ފަވާޒަށް ބަހެއް ނުބުނެވެނީސް އެ މަގަށް ސައިކަލެއް އައިސް ވަންތަން ފެނުމުން އެ ހިސާބުގައި ހުރި ގަހެއްގެ ނިވަލަށް އެމީހުން ވަދެ ފިލިއެވެ. އަދި އެތަނަށް އައީ ކޮން ބައެއްތޯ ބަލަން އެމީހުން އެތާ މަޑުކޮށްގެން ތިބީ އަޑެއްވެސް ލައްވާ ނުލައެވެ.
ފުލުހުންގެ ދެ ސައިކަލެއް އައިސް އެ ދިމާއަށް މަޑުކޮށް ސައިކަލުން ފޭބި ހަތަރު ފުލުހުން ވަލުތެރެއަށް ވަންނަން މިސްރާބު ޖެހީ އެމީހުންގެ އަތުގައި އޮތް ޓޯޗުން އަލި ކުރަމުންނެވެ. ވެގެން އުޅޭ ގޮތް ދެނެގަންނަން ނޭނގިފައި އިން މާހިރު ވާހަކަ ދައްކަން އަނގަ ހުޅުވާލުމުން މާހިރުގެ އަނގައިގާ ފަވާޒް ހިފަހައްޓަމުން އަޑެއް ނުލައްވާ ހުރުމަށް ވައި އަޑުން ބުނެލިއެވެ.
ވަލުތެރެއަށް ވަންނަމުން ދިޔަ ހަތަރު ފުލުހުންގެ ތެރޭގައި ދެ އަންހެނަކާއި ދެ ފިރިހެނަކު ތިއްބެވެ. އޭގެތެރެއިން އެކަކު މަޑު ޖެހިލުމަށް ފަހު ގަސްތަކުގެ ތެރެއަށް ޓޯޗުން އަލިކޮށްލަމުން އާޔާގެ ނަމުން ގޮވާލިއެވެ. އޭނާއަށް އެތަނުން މީހެއްގެ ހިލަމެއް ވީ ކަމަށް ފަވާޒަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން ނޭވާ ހިފަހައްޓައިގެން ތިބި މާހިރާއި ފަވާޒު ދެ ލޯ މަރާ ބާރުކޮށްލީ ފުލުހުންނަށް އެމީހުން ފެނިދާނެތީއެވެ.
އިތުރު ދެބުރަކަށް އެ ފުލުސް މީހާ "ކާކު... އާޔާތަ...." މިހެން ގޮވާލުމަށް ފަހު ވަލުތެރެއަށް ވަދެގެން ދިޔަފުލުހުންނާ ދިމާއަށް އެނބުރި އޭނާ ވަލަށް ވަންނަން މިސްރާބު ޖެހިއެވެ. އެމީހުން ތަންކޮޅެއް ދުރަށް ދަންދެން ފަވާޒުމެން މަޑުކޮށްގެން ތިއްބެވެ. އެއަށް ފަހު ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އެކުވެރިޔާއަށް އެ ރޭ އިރުއޮއްސުނު ފަހުން ކަންތައް ވީ ގޮތް އޭނާ ކިޔައިދިނެވެ.
*** *** *** *** *** ***
ބޮޑު މަގުގައި އެ ރަށުގެ ޒުވާން އުމުރު ފުރައިގެ ބަޔަކާ އެކު ރާޒުވާ ކުޅެން އިން ފަވާޒު އޭނާގެ އަތުގައި އޮތް ފޯނުން ގަޑިން ވީ އިރު ބަލާލީ، އެ މަގުން ސްކޫލް އެކްޓިވިޓީ ޔުނީފޯމުގައި ދާ ކުދި ބަޔަކު ފެނުމުންނެވެ. އޭރު ގަޑިން ފަހެއް ޖެހީއެވެ. އެހެންކަމުން އޭނާ ހޯދި މައުލޫމާތަށް ބަލާނަމަ އާޔާ ދިޔަ އެކްސްޓްރާ ކްލާސް ނުނިމޭނެ ކަން އޭނާއަށް އެނގުނެވެ.
"އޭ ފަވާ... މި އޮތީ ސައި ކިޔާފަ..."
ރާޒުވާ ކުޅެން އިން މީހާ ފަވާޒަށް ގޮވާލީ އެ ކުޅިވަރަށް އޭނާގެ ސަމާލުކަން ނެތް ކަން ފާހަގަވުމުންނެވެ. އެ މީހުން ކުޅެން ތިބި އިރު އެ ކުޅިވަރު ބަލަން ވަށައިގެން ތިބި ފިރިހެނުން ހެމުން ފަވާޒުގެ ކޮނޑުގައި ޖަހާލިއެވެ. ރާޒުވާ ކުޅި ބަޔަށް ސަމާލުކަން ދޭން މަސައްކަތް ކުރަމުން ސައި ފިލުވަން ހަދާނެ ގޮތަކާ މެދު އޭނާ ވިސްނާލިއެވެ. އަދި އެ ކުޅިބައިން މަނާއެއް ކުރިއަށް ޖައްސާލަމުން އޭނާ ސައި ފިލުވާލިއެވެ.
އަނެއްކާވެސް އެ މަގުން ދެ ކުއްޖަކު އެކްޓިވިޓީ ޔުނީފޯމްގައި އަންނަ ތަން ފެނުމުން ފަވާޒް އެތަނުން ތެދުވިއެވެ. އަދި އެތަނަށް އެހެން މީހަކު ކުޅެން އެރުމަށް އެދި އެ މަގުން އައި ސްކޫލް ދެކުދިން ކައިރިއަށް އޭނާ ޖެހިލިއެވެ.
"ހާދަ އަވަހަކަށް ކްލާސް ނިމުނީ... 6:30 ގައެއް ނޫންތަ ނިމެނީ..." ފަވާޒު ސުވާލު ކޮށްލީ އާޔާމެން ކްލާހުގައި ކިޔަވާ ދެކުދިން އެ މަގުން ފެނުމުންނެވެ. އެ ކުދިން ކްލާސް ކެންސަލް ވީ ކަމަށް ބުނެ ކުރިއަށް ދާން ހިނގައިގަތުމުން ދުވެފައި ކަހަލަ ގޮތަކަށް ފަވާޒް ސްކޫލާ ދިމާއަށް ދިޔައެވެ.
މަޑުމަޑުން ސްކޫލް ފުޅަފު ތެރެއަށް އޭނާ ބޯ ދިއްކޮށްލީ އެ ހިސާބުން މީހަކު ފެންނަން ނެތުމުންނެވެ. އެ ވަގުތު އާޔާމެން ކްލާސް ތެރޭ ބަޔަކު ތިބިތަން އޭނާއަށް ފެނުނެވެ. އެތަނުގައި އާޔަ އިންތޯ ޔަގީން ކުރަން ސްކޫލް ބިއްދޮށް ފަރާތު ފާރު މަތިން ފަވާޒު ފުންމާލައިގެން އާޔާމެން ކްލާސް ހުރި ދިމާއަށް ގޮސް ސިއްރު ސިއްރުން އޭނާ އެ ކްލާސް ތެރެއަށް ބަލާލިއެވެ. މޭޒުމަތީ ފުޅިއެއް އަނބުރަމުން ޓްރުތް އޯ ޑެއާ ކުޅެންފަސް ކުއްޖަކު ތިބި އިރު އެތަނުގައި އަޔާ އިން ތަން ފެނުމުން ފަވާޒަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އާޔާ އެހެންޏާ އުޅޭ ގޮތެއް ނޫން ކަން ފަވާޒަށް އެނގުމުން އޭނާ އާޔާ ގެއަށް ނުދަނީސް އެތަނުން ނުދާން ނިންމިއެވެ.
އާޔާ ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި ފަވާޒު އިނީ ސްކޫލް ބިއްދޮށް ފަރާތް ފެންނަ ގޮތަށް ހުރި ފާރު ބުޑެއްގެ މަތީގައި އިށީނދެގެންނެވެ. ދޭތެރެއަކުން ސްކޫލް ފާރު މަތިން ބޯ ދިއްކޮށްލާ އެ މީހުން އެތާ ތިބި ތޯ ފަވާޒު ޔަގީން ކޮށްލައެވެ. މާ ލަސްވާތީ ފަވާޒް ކޮންމެވެސް ވަރަަކަށް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. ހިތަށް ނުތަނަވަސްކަން ވެރިވުމުން އޭނާގެ ޖީބުން ސިނގިރޭޓް ފޮއްޓެއް ނަގައި އޭގެން ސިނގިރޭޓެއް ތުނބުގައި ޖަހާލުމަށް ފަހު ލަޓަރަކުން އެ ރޯކޮށްލިއެވެ.
ފޯނުން ގަޑިން ވީ އިރު ބަލާލި ފަވާޒަށް 6:35 ވީ ކަން އެނގުމުން އަތުގައި އޮތް ސިނގިރޭޓް ބިންމައްޗަށް އެއްލާލާއި އޭގެ މައްޗަށް ފައިން އަރާ ނިވާލިއެވެ. އަދި ސްކޫލް ފާރު މަތިން ބޯދިއްކޮށްލަމުން އޭނާ އެތެރެއަށް ބަލާލީ އާޔާމެން ތިބި ތޯ ޔަގީޏް ކުރާށެވެ. ނަމަވެސް އޭރު އާޔާމެން އެ ކްލާސް ތެރެއަކު ނެތެވެ.
ލިބުނު ހައިރާން ކަމުން އާޔާ ގެއަށް ދިޔައީ ކަމަށް ނިންމިއެވެ. އަބަދުވެސް އާޔާ ގެއަށް ދާ މަގާ ދިމާއަށް ހިނގައިގަންނަން އުޅުނު ފަވާޒްގެ ފިޔަވަޅު ހުއްޓުނީ ހެމުން އަޑުގެ ނެތްތަނަށް ވާހަކަ ދައްކަމުން އެ މަގަށް ބަޔަކު އަންނަ އަޑު އިވުމުންނެވެ. އެމީހުންގެ އަޑަށް ސަމާލުކަން ދީގެން ހުރި ފަވާޒަށް އެއީ އާޔާމެން ކަން އެނގުމުން އޭނާ ގަސްތު ކުރީ އެމީހުންނަށް ނުފެންނާނެ ހެން ފިލާ ހުންނާށެވެ.
އާޔާ އާ އެކު ދެ ފިރިހެން ކުއްޖަކާއި ދެ އަންހެން ކުއްޖަކު ތިއްބެވެ. އެ އެންމެންގެ މިސްރާބު ހުރީ ވަލާ ދިމާއަށެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ ފަވާޒަށް ސާފު ނުވި ނަމަވެސް އެމީހުން އެކުގައި އެ ދަނީ ޑެއާއެއް ފުރިހަމަ ކުރަން ކަން ފަވާޒަށް އެނގުނެވެ.
އެކުދިންނާ އެކު އާޔާ ދާކަށް ފަވާޒުގެ ހިތެއް ނޭދެއެވެ. އެހެންކަމުން އޭނާއަށް ގެއަށް ދާކަށް ވެސް ނުކެރުނެވެ. ހަދާނެ ގޮތަކާ މެދު ވިސްނާލަން ސްކޫލް ބިއްދޮށް ފަރާތު ފާރު ކައިރީ މަޑުކޮށްގެން ހުރި ފަވާޒަށް އާޔާގެ ފިޔަވަޅު މަޑުކޮށްލުމަށް ފަހު ފަސް އެނބުރި އޭނާއާ ދިމާއަށް ބަލާލިތަން ފެނުނެވެ. އޭނާ ފެނުނީ ބާއޭ ހިތާ ފަވާޒު މަޑުމަޑުން އެއް ފަރާތަކަށް ޖެހިލީ ގަހެއްގެ ނިވަލަށް ވަދެ އާޔާއަށް ނުފެންނާނެ ގޮތަށެވެ. ބެލެވޭ ގޮތުގައި އާޔާއަކަށް ފަވާޒެއް ނުފެނެއެވެ.
ގަސްތަކުގެ ތެރެއަށް އެ ހަތަރު އެކުވެރިން ވަދެގެން ދިއުމުން ފަވާޒު އެމީހުންނަށް ފާރަލަމުން ވަލަށް ވަނެވެ. އެމީހުންނަށް މީހަކު ފާރަލަނީ ކަން ވެސް ރޭކާ ނުލާނެހާ ދުރުމިން ބަހައްޓައިގެން ފަވާޒު ދިޔައީ ވަރަށް ބަލައިގެންނެވެ. އެ ހަތަރު އެކުވެރިން ގޮސް ވަލުތޭރެ ހުރި ފަޅު ގޭތެރެއަށް ފުންމާލުމުން ފަވާޒު އެއް ފާރާތެއްގައި މަޑުކޮށްގެން ހުރީ އެގެއިން އެމީހުން ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
6:50 ވީ ތަނާހެން އަޒްކާއާއި ނުހާ އަދި މާހިލްއާއި އަންމަޑޭ އެ ގޭތެރެއިން ނިކުމެއްޖެއެވެ. ނަމަވެސް އެމީހުންނާ އެކު އާޔާ ނުނިކުތުމުން ފަވާޒްގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކޮށްފިއެވެ. އެ އެކުވެރިން އެ ފަޅު ގެއިން ނިކުތް ގޮތަށް މިސްރާބު ޖެހީ އެމީހުން އައި މަގުން އެ ވަލުން ނިކުންނަން ކަން ފަވާޒަށް އެނގުނެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން، އެ ފަޅު ގޭތެރޭގައި އާޔާ ބަހައްޓާފައި އެމީހުން އެ ދަނީ ގެއަށް ކަން ފަވާޒަށް އެނގުނެވެ. އެމީހުން ލޮލު ކޮޅާށް ގެއްލުމުން ދެން ފަވާޒް އެ ފަޅު ގެއާ ދިމާ އަށް މިސްރާބު ޖެހީ އާޔާ ކުރާ ކަމެއް ބަލަން ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ.
*** *** *** *** *** ***
ފަވާޒު ކިޔައިދެމުން ދިޔަ ވާހަކައަށް ހުއްޓުމެއް އައީ އެ ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އައިސް އަޑުގަދަވާން ފެށުމުންނެވެ. ފަވާޒާއި މާހިރު ގަހުގެ ނިވަލުގައި މަޑުކޮށްގެން ތިބީ ވެގެން އުޅޭ ގޮތެއް އޮޅުން ނުފިލުމުންނެވެ. ފަވާޒުގެ ވާހަކަ މެދު ކެނޑުނު ނަމަވެސް ދެން ވީ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރި މާހިރު ވައި އަޑުން ސުވާލު ކޮށްލިއެވެ. " ދެން ކަލޭ އެ ގެއަށް ވަނީތަ؟... އާޔާ ހުރިތަ އެތާ... ދެން ކީއްވެ އޭނާ އެ ތަނުން ނުނިކުތީ... ގެއަށް ނައިސް މިހާ ލަސްވީ ކީއްވެ؟..."
މާހިރުގެ އެ ސުވާލުތަަކަށް ޖަވާބު ދޭން ފަވާޒު ބޭނުމެވެ. ނަމަވެސް އެ ވާހަކަތަކަށް ވުރެ މިހާރު އެ ސަރަހައްދަށް މީހުން އެއްވެ އެއްބަޔަކު ފުލުހުން ދިޔަ ދިމާލަށް ދާތަން ފެނުމުން، އެ ވެގެން އުޅޭ ގޮތެއް ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަނެއްކާ އާޔާ ފެނުނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދި އެމީހުން ކައިރިއަށް ނިކުމެ ކަން އޮޅުން ފިލުވަން އޭނާ ބޭނުން ވިއެވެ. "އިހަށް ތިވާހަކަ ބާއްވާފަ ހިނގާބަލަ މިތާ ވެގެން އުޅޭ ގޮތެއް ބަލަން..."
ފޫހި ވައްތަރެއް ޖައްސާލަމުން ފަވާޒުގެ ފަހަތުން އެތަނަށް އެއްވެފައި ތިބި މީހުންތަކުގެ ތެރެއަށް މާހިރު ނިކުތެވެ. އަދި ވަލުތެރެެއަށް ވަދެގެން ދިޔަ މީހުން ލޮލުކޮޅަށް ގެއްލުމުން އެތަނުން މީހެއް ގާތު ކިހިނެއްވީ ތޯ ބަލަން ފަވާޒު ސުވާލު ކޮށްލިއެވެ. "ކިހިނެއް ވީ؟..."
"ނޭނގޭތަ މި ރަށު ސްކޫލް ކުއްޖަކު ގެއްލިގެން އުޅޭ ކަމެއް... އޭނާ ފެނިއްޖެޔޯ..." އެ މީހާ ވެގެން އުޅޭ ގޮތް ކިޔައި ދިނުމުން ފަވާޒުގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެ ވަގުތު އެތަނަށް އައި ވެހިކަލެއްގެ ހެޑްލައިޓްގެ އަލި އޭނާގެ މޫނަށް އެޅުމުން، މޫނު މައްޗަށް އަތް ހުރަސްކޮށްލައި އެ ދިމާއަށް ބަލާލި ފަވާޒުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
އެމްބިއުލާންސް އައިސް އެހިސާބަށް މަޑުކޮށް އޭގެއިން ހޮސްޕިޓަލުގެ ނަރުހަކާއި ޑޮކްޓަރެއް ފޭބިއެވެ. އަދި އިތުރު ފުލުހަކާ އެކު އެމީހުން ވަލުތެރެއަށް ދާން މިސްރާބު ޖެހިއެވެ. ސުވާލުން ފުރިގެންވާ ފަދަ ބެލުމަކުން ފަވާޒާ ދިމާއަށް މާހިރު ބަލާލީ އާޔާއަށް ކަމެއްވެއްޖެ ހެން ހީވުމުންނެވެ. އާޔާއަށް އެހެން ހެދީ ފަވާޒު ކަމަށް މާހިރަށް ޝައްކު ކުރެވުނެވެ.
(ނުނިމޭ)