އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމްގެ އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ފުލުހުން ނަގާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރެފާ ވަނިކޮށް ރޭ ވެސް މާލޭގެ އިތުރު ގެއެއްގައި ބެނާ ދަމައިފިއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ނިންމަވާ ރައީސް ގަރާރު ނެރުއްވުމާ ގުޅިގެން އެ ކެމްޕޭނުގައި ބޭނުން ކުރަމުން އަންނަ ބެނާތަކުގައިވާ އިބާރާތުގެ ސްޕެލިން ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ރޭ ގަލޮޅު ގެއެއްގައި ހަރުކުރި އެ ބެނާގައި އިނގެރޭސި އަކުރުން ލިޔެފައިވަނީ "IN DEAR OUT" އެވެ.

ޕީޕީއެމް އޮފީހާއި ރައީސް ޔާމީންގެ ގެކޮޅާއި އަދި ހެންވޭރު ގެއެއްގައި ނަގާފައި ހުރި "އިންޑިއާ އައުޓް" ބެނާ އިއްޔެ ފުލުހުން ނެގީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އިއްޔެ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

އިދިކޮޅުން ވަނީ އެ ގަރާރު ބާތިލުކޮށްދިނުމަށް އެދި ކޯޓަށްދާނެ ކަމަށްވެސް ހާމަކޮށްފައެވެ. އަދި ބެނާ ދެމުން ނުހުއްޓުވޭނެ ކަމަށް އެ ކޯލިޝަނުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.