އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާގެ އިންފްލޭޝަން ރޭޓް، އަނެއްކާވެސް ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެއެވެ.
ސްރީލަންކާގެ ސަރުކާރުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ އެ ގައުމުގެ އިންފްލޭޝަން ރޭޓް މައްޗަށް ދިޔަ، ވިދިވިދިގެން 6 ވަނަ މަހެވެ. މި ދަނޑިވަޅަކީ އެ ގައުމު ވެއްޓިފައި ވާ ހީނަރުކަމުގެ އަނދަވަޅަކުން ސަލާމަތް ކޮށްދިނުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީތެރިކަމަށް ސްރީލަންކާގެ ސަރުކާރުން އެދިފައި ވާ ދަނޑިވަޅެކެވެ.
އިންފްލޭޝަން ރޭޓަކީ ވަކި ފައިސާއެއް ބޭނުން ކޮށްގެން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި މުދާ ގަތުމަށް ލިބިދީފައި ވާ ބާރު (ޕާޗޭސިންގް ޕަވާ) ދެރަވެގެންވާ މިންވަރު އަންގައިދޭ މިންގަނޑެކެވެ. ޕާޗޭސިންގް ޕަވާއަކީ ފައިސާގެ ޔުނިޓަކަށް މުދަލާއި ހިދުމަތް ގަނެވޭ ނިސްބަތެވެ. އިންފްލޭޝަން ރޭޓް މައްޗަށް ދާ ވަރަކަށް ފައިސާގެ ޔުނިޓަކަށް ގަނެވޭ މުދަލާއި ހިދުމަތުގެ މިންވަރު ދަށްވެއެވެ.
ސްރީލަންކާގެ މާޗް މަހުގެ އިންފްލޭޝަން ރޭޓް ވަނީ، މާޗް 2021 އާ އަޅާ ބަލާއިރު 21.5 ޕަސެންޓް މައްޗަށް ޖެހިފައެވެ. މިއީ މިދިޔަ މާޗްއާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ. މާޗް 2021 ގައި ސްރީލަންކާގެ އިންފްލޭޝަން ރޭޓް އުޅުނީ 5.1 ޕަސެންޓްގައެވެ.
ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްއިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާޗް މަހު ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ހުރީ 29.5 ޕަސެންޓްގައެވެ.
ސްރީލަންކާގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. ދައުލަތުގެ ތެޔޮ ކުންފުނިން މިހާރުވެސް ވަނީ އާންމު ދަތުރުފަތުރުގައި އެންމެ އާންމު ކޮށް ބޭނުން ކުރާ ޑީސަލް ވިއްކާ އަގު، 64.2 ޕަސެންޓް ކޮށްފައެވެ.
ސްރީލަންކާގެ އިގުތިސޯދީ ކާރިސާ ގޯހުން ގޯހަށް ދާ އިރު، އެ ގައުމުގެ އެކި ހިސާބުތަކުގައި ވެސް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. ކަންކަން ބެލެހެއްޓުމަށް ސަރުކާރު ފެއިލް ވެފައި ވާ ކަމަށާއި، ކޮރަޕްޝަންގެވެސް ހިންގާ ކަމުގެ ތުހުމަތު އަމާޒުކޮށް، އާންމުން ދަނީ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ގޮތަބާޔާ ވަނީ ގޯސްތަކެއް ހެއްދެވިފައި ވާ ކަމަށް އިއުތިރާފުވެސްވެވަޑައިގެންފައެވެ.
ސްރީލަންކާއިން ވަނީ އެ ގައުމަށް ކުއްލި ހާލަތުގެ މާލީ އެހީ ފޯރުކޮށްދިނުމަށް އައިއެމްއެފްގައި އެދިފައިއެވެ. ނަމަވެސް އައިއެމްއެފްއިން ވަނީ 51 ބިލިއަން ޑޮލަރުން ބޭރުގެ ފަރާތްތަކަށް ލަންކާއިން ދަރާފައި ވާ ކަން ފާހަގަކޮށް، އެހީއެއް ދިނުމުގެ ކުރިން، އެ ދަރަނި ހަލާސް ކުރުމުގެ ކަންކަން ރީސްޓްރަޗްކްޗާ ކުރުމަށް ލަންކާއަށް ގޮވާލާފައެވެ.