"ޑެއާ ދޯ... ހޫމް... ވިސްނާލާނަން... ނިންމަން ޑެއާ އެއް ނެގީމަ ވާނެ ދޯ ޓަފް ކޮށްލަން..."

މޭޒުމަތީ ދެއަތް އަޅުވާލަމުން އަޒްކާ ކުރިއަށް ޖެހިލިއެވެ. އޭރު އަޒްކާއާއި އާޔާއާ ދެ ކުދިން ތިބީ އެކަކު އަނެކަކު މޫނަށް ބަލާށެވެ. އަޒްކާ ބުނަން އުޅޭ ޑެއާގެ އިންތިޒާރުގައި އެންމެން ޝައުގުވެރިކަމާ އެކު ތިބީ، އާޔާއަށް ވާވަރުގެ ކަމެއް އަޒްކާ ނުޖައްސާނެ ކަން އެނގޭތީއެވެ.

ވިސްނާލަން ހިނދުކޮޅަކު އިނުމަށް ފަހު، އާޔާއަށް ހަވާލު ކުރާ މަސައްކަތް އަޒްކާ ބުންޏެވެ. އެވަގުތު އެތާ ތިބި ހުރިހާ ކުދިން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔަ ހައިރާން ކަމާއެކު އެކަމަކީ އާޔާއަށް ކުރެވޭނެ ވަރުގެ ކަމެއް ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އެ އެންމެންގެ ތެރެއިން އެންމެ ފުރަތަމަ އެއްޗެއް ބުނީ، މާހިލްއެވެ.

"އަޒޫ.. ތި ވަރު ކަމެއް ޖައްސާ އިރު، އިނގޭ ދޯ އަޒޫ ހާ ގަޓެއް އާޔާގެ ނުހުންނާނެ ކަން.. އެހެން ޑެއާއެއް ބުނޭ... ތީތި ކަޑައޭ... މީހަކަށް ކުރެވޭ ވަރުގެ ކަމެއް ދޯ ޖައްސަން ވާނީ.."

މާހިލްގެ ވާހަކަ މެދުކެނޑުނީ ގޮނޑި ދަމާލާފައި އާޔާ އިން ތަނުން ތެދުވުމުންނެވެ. އާޔާގެ ހަރަކާތް ހުރި ގޮތުން އޭނާ އެތަނުން ތެދުވެގެން ދާން އުޅެނީއޭ އެ ކުދިންގެ ހިތަށް އެރިއެވެ. ކުރިއަށް ހިނގައިގަތް އާޔާގެ މިސްރާބު ހުރީ އެ ކްލާހުން ނުކުމެވެން ހުރި ދޮރާ ދިމާއަށެވެ. އެ ވަގުތު ނުހާ މޭޒު މަތީ ޖަހާލަމުން ޑެއާ ބަދަލު ކުރަން އެދުނެވެ. ނަމަވެސް އަޒްކާ އިނީ ޑެއާ ބަދަލު ކުރާ ގޮތަކަށް ނޫނެވެ.

"ދެން... ނިންމާލާފަ ހިނގާ ގެއަށް ދާން... އާޔާއަށް ނުވާވަރުގެ ކަންކަން ތި ޖައްސަނީ..." އަންމަޑޭ ގޮނޑިން ތެދުވަމުން އޭނާގެ ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެ އަޑަށް އާޔަގެ ފިޔަވަޅު މަޑުކޮށްލަމުން ފަސް އެނބުރި އެ ހަތަރު އެކުވެރިންނާ ދިމާއަށް ބަލާލީ، ފިނޑިއެއް ގޮތުގައި ލޭބަލް ވާން ބޭނުން ނުވާތީއެވެ. "ތިބުނާ ތަނެއް ހުންނަނީ ކޮންތާކު؟.. މަށަށް ކެރޭނެ. ކުރެވޭނެ... ރޫލްސްއާ އެއްގޮތަށް ބުނާ ކޮންމެ ކަމެއް ވެސް ކުރަން އެއްބަސްވެގެން ގޭމް ފެށީ.. ދެން އެތަން އަހަންނަށް ދައްކަން ވީއެއްނު..."

އާޔާގެ ވާހަކަތަކުން ފެނުނީ އޭނާގެ ކެރޭ ކަމާއި އެ ޑެއާ ފުރިހަމަ ކުރަން އޭނާ ބޭނުންވެފައި ހުރި މިންވަރެވެ. އެކަމުން މޭޒު ކައިރީ ތިބި ކުދިންނަށް ލިބުނީ ހައިރާން ކަމެކެވެ. މަޑުކޮށްގެން ހުރި އާޔާ ހަށަން ބަނދެލުމުން އެތާ ތިބި އެންމެން ގޮނޑިން ތެދުވިއެވެ. އެއާއެކު އެތަން އާޔާއަށް ދައްކަން ދާން އެމީހުން އެކުގައި ހިނގައިގަތެވެ.

އެންމެން އެކީ ސްކޫލް ފުޅަފުތެރެއިން ނިކުތް އިރު އަޒްކާގެ މޫނު މަތިން ފެންނަމުން ދިޔައީ ރުޅި ވެރިކަމެވެ. އާޔާއަށް ކުރަން ނުކެރޭނެ ވަރުގެ ކަމެއް އަޒްކާ ހަވާލު ކުރުމުން ވެސް އާޔާ އެ ހުރީ އެކަން ކުރަން ތައްޔާރަށެވެ. ހިނގަމުން ދިޔަ އަޒްކާއާ ހަމަކުރި ނުހާ، އަޒްކާގެ ކޮނޑުގައި ޖަހާލަމުން ވާހަކަ ދެއްކިއެވެ. "ތިއަށް ވުރެ އުނދަގޫ އެއްޗެއް ބުނި ނަމައެއްނު... ލައިކް އަންމަޑޭއާ ކިސްކޮށްލަން ބުނި ނަމަ އާޔާ އެ ޑެއާ ދޫކޮށްލީސް..." ނުހާގެ ބަސްތަކުން އަޒްކާ ގާތަށް އިތުރަށް ރުޅި އައެވެ. އަދި އަޒްކާ ބުނި ތަނަށް ދެވެން ދެން އިތުރު އެއްޗެއް ނުބުނެ ހުންނަން އޭނާ ނިންމިއެވެ.

ސްކޫލުން ނުކުތުމަށް ފަހު އެމީހުން މިސްރާބު ޖެހީ ސްކޫލްގެ ބިތްދޮށް ފަރާތަށް ދާށެވެ. އެތަނަށް އެންމެ ފަސޭހައިން ދެވޭނެ މަގަކީ އެއީ ކަމުން އެ މަގުން ދާން އެ ފަސް ކުދިން އެކުގައި ހިނގައިގަތެވެ.

ސްކޫލްގެ ބިއްދޮށަށް ދިއުމަށް ފަހު އެ ހުރިހާ ކުދިން ބަލަހައްޓައިގެން ތިބީ ބޯކޮށް ގަސް ހެދިފައި ވާ ވަލާ ދިމާއަށެވެ. އެ ދިމާލުން ފެންނަން ހުރި ނިކަ ގަހާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ލާފައި އެތަނަށް ދެވޭނެ ކަމަށް އަންމަޑޭ ބުންޏެވެ. ދެން އެ އެކުވެރިން އެތަނަށް ދާން ފިޔަވަޅު އަވަސް ކޮށްލިއެވެ. ނިގަ ގަހުގެ ފަހަތުން ފެންނަން އޮތީ ބޯކޮށް ހެދިފައި ވާ ގަސްތަކެވެ. އެ ގަސްތަކުގެ ތެރެއިން އެތެރެއަށް ވަންނަމުން ދިޔަ އިރު އާޔާ ދިޔައީ ވަށައިގެން ފެންނަމުން ދިޔަ ގަސްތަކަށް ރަނގަޅަށް ބަލަމުންނެވެ. އޭނާ ދިޔައީ އެ މަގު ދަސް ކުރަމުން ކަހަލައެވެ.

ވަލުތެރޭގައި ހުރި ގަސްތަކުން ބިންމައްޗަށް ފައިބާފައިވާ ފަތްތަކުން ވަނީ ފަސްގަނޑު ފޮރުވިފައެވެ. މިއިން ދުވަހަކު އެ މަގުން އެތަނަށް މީހަކު ވަދެ ނުކުމެފައި ނުވާ ކަހަލައެވެ. ބިރު ނުގަނެ ހުންނަން މަސައްކަތް ކުރި ނަމަވެސް އާޔާގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ. ވަކި ހިސާބަކަށް ދެވުމުން އޭނާ މަޑުޖެހި ފަސް އެނބުރި ސްކޫލް ހުރި ދިމާއަށް ބަލާލިއެވެ.

އާޔާ ހުއްޓުނު ހެން ހީވުމުން އަޒްކާ ފަސްއެނބުރިލިވެ. " ޑެއާ ދޫކޮށްލަނީތަ؟ ނުވާނެ ދޯ... ނުވަންޏާ އަހަރެމެން ވަލަށް ވައްދާނެ ކަމެއް ނެތް... އަނެއްކޮޅުން ނުލާހިކު މަދިރިވެސް އެބައުޅޭ... ރީއްޗަށް ބުނެބަލަ ނުވާނޭ..."

އަޒްކާ ބޭނުންވީ އާޔާ ގޮތް ދޫކޮށް ޑެއާ ދޫކުރާށެވެ. ނަމަވެސް އާޔާ ފަސްއެނބުރި އަޒްކާމެންނާ ދިމާއަށް ހިނގައިގަތެވެ. އާޔާ ބަހެއް ވެސް ނުބުނެ ކުރިއަށް ހިނގައިގަތުމުން މަލާމާތް ކުރާ ޒާތަކަށް ނުހާ އަހާލިއެވެ. "މަ ހީކުރީ ގެއަށް ދާން ނައްޓާލަން އުޅުނީ ކަމަށް.... އަމް ސްކެއާޑް... ޖިންނި އައިސްދާނެ... ނުކެރޭ... ދަންޏާ ދާން ވާނީ މިހެން ކިޔާ ރޮމުން..."

"މަށަށް ހީވި އެތާ މީހަކު ހުރި ހެން. އެހެންވެ ބަލާލީ..." މާލާމާތް ކޮށް ވައްތަރު ޖައްސަމުން ވާހަކަ ދެއްކި ނުހާ އަށް ރައްދު ދެމުން އާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އާޔާއަށް މީހަކު ފެނުނު ހެން ހީވިއޭ ބުނުމުން ދެން ތިބި އެންމެން ފަސް އެނބުރި ބަލާލިއެވެ. އެމީހުންނަށް އެ ބުނި ދިމާލުން މީހަކު ފެންނަން ނެތުމުން އާޔާ ހެދީ ދޮގު ކަމަށް ނިންމާ އެ އެންމެން ވަލުތެރެއަށް ވަންނަން އަވަސްވެގަތެވެ.

ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓްގެ ހިނގުމަކަށް ފަހު އެމީހުންނަށް ފަޅުކޮށް ހުރި ގެއަކާ ހިސާބަށް އާދެވިއްޖެއެވެ. އިރުއޮއްސި އަނދިރިވަމުން އައި ވަގުތު ކަމުން ވަށައިގެން ހެދިފައި ހުރި ބިޔަ ގަސްތަކުގެ ތެރޭގައި ހުރި އެ ފަޅުގެ ފެންނަނީ ވަރަށް ނާމާން ކޮށެވެ. ގަސްތަކުގެ ހިޔަނި އެޅި އެ ގަސްތަކުގެ މަތިން އުދުހެމުން ދިޔަ ކާޅުތަކުގެ ގޮވެލިން ވެސް ނާމާން ކަން ދިޔައީ އިހްސާސް ވަމުންނެވެ.

އެގެ ވަށާ ކުރު ފާރެއް ހުރި އިރު ވެޔޮގަނޑެއް އެ ފާރުމަތީ ފެތުރިފައިވުމުން އެއީ ފާރެއްކަން ދެނެގަންނާކަށް ވެސް ނޭނގެއެވެ. ތެޅި ގަލުން ރާނާފައިވާ އެ ފާރުގައި ވެޔޮގަނޑު ނެތް ދިމަދިމާލުގައި ހުރި ފެހި ޖަހާފައެވެ. މިއީ މީގެ އެތައް އހަަރުތަކެއް ކުރިން ރާނާފައި ހުރި ގެއަކާ އެކުދިންނަސް ވައްތަރު ވިއެވެ. އަދި މީހުން ނޫޅޭ ހިސާބެއްގައި އެ ފަޅުގެ ހުރުމުން ހައިރާންވެ ހުރެ ނުހާ ސުވާލު ކޮށްލިއެވެ. "އަސްލު މީ ކާކު ގެއެއްތަ؟ މަގޭ މާމަ ކައިރީ އަހާލީމަ އިނގޭނެ ކަންނޭނގޭ..."

ފާރު މަތިން އެ މީހުން އެ ގޭ ތެރެއަށް ފުންމާލިއެވެ. ގަސް ހެދިފައި ނެތް ދިމާތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކުގެ ސަބަބުން އެތަނުގައި ދިރޭ އެއްޗެއް އޮތަސް ނޭނގޭނެއެވެ. ކުރިއަށް ހިނގަމުން ދިޔަ އިރު އެގެއާ ކައިރިވީ ވަރަކަށް އަޒްކާގެ ހިތް ދިޔައީ ތެޅެމުންނެވެ. މީގެ އިރުގަނޑެއް ކުރިން އަޒްކާ އެދުނު ގޮތަށް އެ ޑެއާ ދޫކޮށްލެވުނު ނަމައޭ އާޔާގެ ހިތަށް އެރިއެވެ.

"ދިސް އިސް ސޯ ސޯ ކްރީޕީ... ދުވާލަށް ވުރެ އަދި މި ގަޑީގެ ގޮތުން ކަންނޭނގެ... ވަރަށް އެހެން ކަހަލަ ދޯ..." ނުހާއަށް ކުރަމުން ދިޔަ އިހްސާސްތައް ހާމަކުރަމުން ދިޔަ އިރު އާޔާ އިނީ ބިރުން ވިރޭ ވަރުވެފައެވެ. ނަމަވެސް މިހިސާބަށް އެމީހުން ވައްދާފައި ދެން ނޫނެކޭ ބުނެފިއްޔާ ވާނެ ގޮތް އޭނާގެ ހިތަށް އެރުމުން ފުން ނޭވާއެއް ލައި ހަމަޖެހެން އޭނާ މަސައްކަތް ކުރިއެވެ. ހިތާ ހިތުން ކިޔަން އެނގޭ ހެޔޮ އެއްޗެއް އޭނާ ކިޔަމުން ދިޔައީ މި ޓާސްކް ނިންމާލުމުން އެމީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވާނެ ކަމުގެ އުންމީދުގައެވެ.

އެޅި ގަލުން ރާނާފައި ހުރި އެ ގޭގެ ދޮރު ވެސް ހުރީ ވީރާނާވެގެން ހަލާކުވެފައެވެ. އެ ގެއާ ހަމައަށް ދިޔަ އިރު ގޭގެ ފެނޑާއެއް ހެން ބޭރަށް ހިޔާކޮށްފައި ހުރި ބައިގައި ވަކަރުން ހުރި އުނދޯއްޔެއް އެލުވާފައި ހުއްޓެވެ. އެ އުނދޯލި ކައިރިއަށް ގޮސް އޭގެ މަތީ އަޒްކާ އަތް ހާކާލިއެވެ. މިއިން ދުވަހަކު މިތަނަށް މީހަކު ވަދެފައި ނުވާ ކަހަލައެވެ. އުނދޯލީގައި ވެސް ހުރީ ހިރަފުހާއި މަކުނު ވަލެވެ. އެ ސަރަހއްދުން ވެސް ދުވަނީ އެއްޗެހި ފީވެ ބާވެފައި ހުރުމުން ދުވާ ކަހަލަ ވަހެކެވެ.

"އޯކޭ... މިއޮތީ މިގެއަށް އާދެވިފަ.. ސޯ ޑެއާ ފުރިހަމަ ކޮށްފަ ނުކުންނާނީ.... އަހަރެމެން މި ދަނީ ދެން.." އަޒްކާ އެގެއިން ނުކުންނަން ހިނގައިގަންނަމުން އަތުގެ އިޝާރާތުން ދެން ތިބި އެކުވެރިން ގާތު އަންނާށޭ ބުނެލިއެވެ. ބޯ ޖަހާލަމުން އާޔާ ވަށައިގެން އެތަނަށް ބަލީ އިރު އޭނާގެ މޭގަނޑު ބަންބަން ލާފައި ޖެހެމުން ދިޔައެވެ. އަދި މިގެ ފަޅުވެފައި މި ހުރީ ކޮންމެ ވެސް ކަމެއް ވީމަ ބާއޭ ހިތަށް އެރިއެވެ.

އެގޭގެ ބޭރު ފާރާ ހަމައަށް ގޮސް އަޒްކާ ފަސް އެނބުރި އާޔާ ހުރި ދިމާއަށް ބަލާލިއެވެ. އަދި ޑެއާ ފުރިހަމަ ވާން ބާކީ އޮތީ 40 މިނެޓް ކަމަށް އޭނާ ބުނެލިއެވެ. "އިޝާން ނަމާދަށް ބަންގި ގޮވާ އަޑު މިތަނަށް ރީއްޗަށް އިވޭނެ. ބަންގި ގޮވީމަ ނުކުންނަން ވީ... އަހަރެމެން ސްކޫލް ބިއްދޮށުގައި މަޑުކޮށްގެން ތިބޭނަން... އޯކޭތަ؟... މި ޑެއާ ކޮންޕްލީޓް ކޮށްފިއްޔާ ތީ މި ގޭންގް މެންބަރެއް..." އަޒްކާގެ ވާޙަކަތަކުން އާޔާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުމުން ބޯޖަހާލިއެވެ.

އޭނާއަށް ފަސްދީ އެ އެކުވެރިން ފާރު ބުރި މަތިން އަނެއް ފަރާތަށް ފުންމާލިއެވެ. އަދި އެމީހުން ހެމުން ހެމުން އެތަނުން ދިޔައެވެ. "މަށަށް ގެރެންޓީ އާޔާ އިރުކޮޅަކުން ދުވެފަ ނިކުންނާނެ... މާ ގިނަ އިރެއް ނުވާނެ. ބަލައްޗޭ... މިހާރު ވެސް އެހުރީ ބިރުން ވިރިވިރި..." އާޔާގެ ފިނޑިކަން ހާމަ ކުރަމުން އަޒްކާ އެ ވަލުތެރެއިން ނިކުތުމަށް އަވަސްވެގަތެވެ.

*** *** *** *** *** ***

އަޒްކާގެ އަތުގައި ހުރި ފިއްގަނޑުތައް މަތިން އޭނާގެ ނިޔަފަތިން ކަހާލިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިން އަޒްކާގެ އަތުގައި ހުރި ފިއްގަނޑުތައް ފުލުހުންގެ ލޮލުގައި އަޅައިގަތެވެ. އަދި އެއީ ކިހިނެއް ވެފަ ހުރި ތަނެއްތޯ އެމީހުން ސުވާލު ކޮށްލިއެވެ.

"މަދިރި ހަފާފަ ހުރިތަން ތަން މީ... މަދިރި ހެފީމަ އަބަދުވެސް މިހެން ފިއްގަނޑު ނަގާނެ..." ހިރުވާ ތަން ނުކަހަން އަޒްކާ މަސައްކަތް ކުރަމުން އެތަނުގައި އޭނާގެ އަތުން ފިރުމާލިއެވެ.

ފުލުހުން އެގެއިން ނިކުންނަމުން ބޭރަށް ނުދިއުމަށާއި، އަދި ފުލުހުން އިތުރު މައުލޫމާތު ސާފު ކުރަން ޖެހިއްޖިއްޔާ އަންނާނެ ކަމަށް ބުންޏެވެ. ފުލުހުންނަށް އެއްބާރުލުން ދޭނަން ކަމަށް އާން ބަސް ބުނަމުން އެ ފުލުހުން ގެއިން ނިކުންނަން ދިޔަ ދޮރާއްޓާ ހަމައަށް ހަރީރާ ދިޔައެވެ. ފުލުހުން ދިއުމާ އެކު އެ ގޭތެރެއަށް ހަރީރާގެ ރައްޓެހިންތައް ބޯދިއް ކޮށްލިއެވެ. ވާހަކަ ހޯދަން އެމީހުން ވަންނާނެ ކަން ހަރީރާއަށް މާކުރިން އެނގެއެވެ.

"އާޔާގެ ކުލާހުގައި އަޒްކާ އުޅޭތީ... އޭނާ ސްކޫލަށް ދިޔަތޯ އާއި ސްކޫލުގައި ކަންވީ ގޮތް އޮޅުން ފިލުވަން އެ އައީ... ދެން އެ ދިޔައީއެއްނު... މިރޭ ފުލުހުން އެ ކުލާހުގައި އުޅޭ ހުރިހާ ކުދިންގެ ގެއަށް ދާނެ ހެން ހީވަނީ... ކީކޭ ދެން ބުނާނީ...." ހަރީރާ އެމީހުންނާ އެކު ގެއިން ބޭރަށް ނިކުތީ އަޒްކާ ކުށްވެރިކޮށްގެން އެމީހުން ވާހަކަ ދައްކާ ނެތީއެވެ.

ހަރީރާ ގެއިން ބޭރަށް ނިކުތުމުން އަޒްކާ އޭނާގެ ކޮޓަރިއާ ދިމާއަށް އަވަސްވެގަތެވެ. ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ނަގާ ނުހާގެ ނަންބަރަށް ގުޅާޅިއެވެ. "ހެއި... ފުލުހުން އައިއްސި.. މަށާ ވަރަށް ސުވާލު ކުރި..."

އަޒްކާގެ އަޑުގައި ވަނީ ހާސްކަމެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ނުހާއަށް ލިބުނު ހައިރާން ކަމާއެކު ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. "ކީކޭ... ދެން އަޒޫ ކިޔައިދިނީތަ؟.."

"އާން.. ކިޔައިދޭކަށްނު ޖެހޭނީ... އެމީހުންނަށް މަ ދޮގު ހަދައިފި ކަން އެނގިއްޖިއްޔާ ޔޯ.... ނޭނގެ މަ ވަރަށް ބިރު ގަނޭ އެބަ... އަނެއްކާ އާޔާއަށް ކިހިނެއް ބާ ވީ؟ އައިމް ސްކެއާޑް ނައު... ވީ ވެންޓް ޓޫ ފާ.." އަޒްކާގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވިއެވެ. މިހާރު އާޔާއަށް ހަމްދަރުދީ އުފެދި އަމިއްލަ ނަފްސު އޭނާ ކުށްވެރި ކުރިއެވެ.

"ވީ އެއް ނޫން.. ޔޫ ވެންޓް ޓޫ ފާ... އެއީ ހޮންޓަޑް ހައުސް އެއް ދޯ.. އަނެއްކާ ޖިންނި އަވަލީބާ..." އެންމެންގެ މައްޗަށް އެ ތުހުމަތު އޮންނަ ގޮތަށް އަަޒްކާ ވާހަކަ ދެއްކުމުން އެއީ އަޒްކާގެ ޕްލޭން ކަމާއި އަޒްކާ ދިން ޑެއާއެއްކަން ނުހާ ހަނދާން ކޮށްދިނެވެ. ޖިންނީގެ ވާހަކަ ދެއްކުމުން އަޒްކާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"ޕްލީސް.. ތިކަހަލަ ވާހަކަ ނުދައްކާ... އަނެއްކާ ޖިންނި އަވަލައިގެން މަގޭ ފަހަތުން އައިސް ދާނެ....ނޭނގެ މަ ވަރަށް ބިރުގަނޭ... މާހިލް އަށް ގުޅޭތޯ ބަލާބަލަ... ގުޅެންޏާ ކޮންފަރަންސް ހަދާ ބަލަ..." އަޒްކާ ބޭނުންވީ މާހިލް އާ ވާހަކަ ދައްކާށެވެ. މާހިލްއާ ގުޅައިގެން މި ހުރިހާ ވާހަކައެއް ހިއްސާ ކުރެވިއްޖެ ނަމަ އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަމަށް އަޒްކާ ގަބޫލު ކުރިއެވެ.

(ނުނިމޭ)