ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރަމުން ދާ އުމުރުން 31 އަހަރުގެ އަންހެނަކަށް، 20 ދުވަހުގެ ތެރޭގައި 2 ފަހަރަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައި ވާ ކަމަށާ، މިއީ 2 ފަހަރަށް ބަލި ޖެހުމުގެ ދެމެދު ހޭދަވީ އެންމެ ކުރު މުއްދަތު ކަމަށް ސްޕެއިންގެ ރިސާޗަރުންތަކެއް ބުނެފިއެވެ.
ޓެސްޓުތަކުން ދައްކާ ގޮތުގައި އެ އަންހެން މީހާ 2 ފަހަރު މަތިން ޕޮޒިޓިވް ވެފައި ވަނީ ކޮވިޑްގެ 2 ވޭރިއަންޓަކަށެވެ. އެގޮތުން ޑިސެމްބަރު މަހު ޑެލްޓާ ވޭރިއަންޓަށް ޕޮޒިޓިވް ވެފައި ވާ އިރު، ޖެނުއަރީ މަހު އޭނާ ޕޮޒިޓިވްވީ އޮމިކްރޯން ވޭރިއަންޓަށެވެ.
މީގެ މާނައަކީ، ވެކްސިން ފުރިހަމަ ކޮށްފައި ވީ ނަމަވެސް، އަލުން ބަލިޖެހުމުގެ ފުރުސަތު އޮތުން ކަމަށް ރިސާޗަރުން ބުނެއެވެ.
ސްޕެއިންއަށް ނިސްބަތްވާ 31 އަހަރުގެ އަންހެން މީހާއަށް ފުރަތަމަ ކޮވިޑް ޖެހުނު އިރު އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތެއް ނުފެނެއެވެ. ނަމަވެސް އޭގެ ފަހުން 3 ހަފުތާވެސް ފާއިތު ނުވަނީސް ހުން އައިސް ކެއްސަން ފެށުމުން 2 ވަނަ ޓެސްޓެއް ހެދީއެވެ. ޓެސްޓުތައް އިތުރަށް ތަހުލީލު ކުރުމުން އޭނާއަށް 2 ފަހަރު މަތިން ޖެހުނީ 2 ވޭރިއަންޓެއް ކަން އެނގުނެވެ.
ޔޫރަޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޯބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒްއަށް ދެއްވި ހުށަހެޅުމެއްގައި ދިރާސާގެ މުސައްނިފު ޑރ ޖެމާ ރީސިއޯ ވިދާޅުވީ، ވެކްސިން ނުވަތަ މީގެ ކުރިން ބަލި ޖެހިގެން ލިއްބައިދީފައިވާ ދިފާއު، އޮމިކްރޯން ވޭރިއަންޓުން ފޫއަޅުވާލާކަން މި ކޭހުން އަންގައިދޭ ކަމަށެވެ.
ޑރ ރީސިއޯ ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް އަލުން ބެލި ޖެހޭތޯ މޮނިޓާ ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި މިކަމަކީ ވެކްސިނަށްވުރެ ގަދަވާ ވޭރިއަންޓްތައް ދެނަގަތުމަށް އެހީ ލިބޭނެ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.