"އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތައް މާލޭގެ އިމާރާތްތަކުގައި ދަމަން ފެށުމާއެކު އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި ނަމަވެސް އެ ބެނާތައް ނުނެގޭނެ ކަމަށާއި ބެނާތައް ވާނީ އިތުރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްްރެސް ކޯލިޝަނުން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން މާލޭގެ ބޮޑެތި އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދެމުމުގެ މަސައްކަތް އިދިކޮޅުން ވަނީ ފަށައިފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ވަނީ ނަގައިފައެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންޑިއާ އައުޓް ބެނާ ދެމުމަކީ ދިވެހި ރައްޔިތުން ބޭނުންވެގެން ކުރަމުންދާ ކަމެއް ކަމަށާއި އެކަން ކުރަން ފެށުމުން ސަރުކާރަށް ހަޖަމު ނުވީ ކަމަށެވެ. އަދި މާލޭގެ ބައެއް ގެތަކުގައި ދަމާފައި ހުރި ބެނާތައް ނެގުމަށް ގާނޫނާ ހިލާފަށް އަންގައި، ގޭގެ ވެރިންނަށް ބިރުދެއްކުމުގެ މަސައްކަތް ފުލުހުން ލައްވައި ފަށާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި ދުލާ ގަލަމުގެ މިނިވަންކަން ބޭނުންކޮށްގެން އެގޮތަށް ބެނާ ދެމުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި ސަރުކާރުން ކުރާ އެފަދަ "ޣައިރު ގާނޫނީ" އަމަލުތަކަށް ފުލުހުންވެސް ތަބާ ނުވުމަށް އަދުރޭ ގޮވައިލެއްވިއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ދެމުމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތައް ދެމުމަކީ ގާނޫނުލް އުގޫބާތާއި ހިލާފު ކަމެއް ކަމަށާއި ފުލުހުން ވަގުތުން ވަގުތަށް އެ ތަކެތި ނަގަން ޖެހޭ ކަމަށެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި ދަމަމުންދާ ބެނާތައް ދެމުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.