"ޕްލީސް... އާޔާ ހޯދަން މަށާ އެކީ ދާން އާދެބަލަ... ދުވަހަކު ކަމެއް ކޮށްދެންޏާ..."

ފަވާޒްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކުގައި ވަނީ އާދޭހުގެ ރާގެކެވެ. ދުވަހަކު ވެސް މީހެއްގެ ކުރި މަތީ ކުޑަކަކޫ ޖަހައިގެން ފަވާޒަކީ އާދޭސް ކުރާނެ މީހެއް ނޫނެވެ. ފަވާޒުގެ އެކުވެރިއާއަށް ފެންނަމުން ދިޔައީ މުޅިން ތަފާތު މީހެކެވެ. އެހެންކަމުން ފަވާޒުގެ އެދުމަށް ދެކޮޅު ހަދަން އެ އެކުވެރިޔާއަކަށް ނުކެރުނެވެ.

ފަވާޒް ސްކޫލް ފާރުގައި ލެގިލަމުން އޭނާގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެ ވަގުތު ސްކޫލް ގޯތި ޖެހިގެން އޮތް މަގުން މެދު އުމުރުގެ ފިރިހެނުން ތަކެއް ނިކުތް ތަން ފެނުމުން އެ ދިމާއަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އެމީހުންގެ ތެރެއިން ބާރުބާރަށް ހިނގާފައި ކުރިއަށް ނިކުތީ ފަވާޒް ދަންނަ މޫނެކެވެ. އެއީ އާޔާގެ ބައްޕަ ގަފޫރެވެ.

ގަފޫރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނާގެ ފަހަތުން އައި އެ އުމުރުފުރާގެ ފިރިހެނުންތައް ވެސް އައީ އޮލަ ވާހަކައެއްގައި ތިބެއެވެ. އެ ވާހަކައަށް ގަފޫރު ސަމާލުކަން ދޭން ބޭނުން ނުވާ ކަހަލައެވެ. ފަވާޒު ހުރި ދިމާއަށް އެމީުން އަރާ ހަމަވި އިރު އެތަނުން މީހަކު ބުނި ޖުމްލަ ވަރަށް ސާފުކޮށް ފަވާޒަށް އިވުނެވެ.

"އެ މަންޖެ މީހަކާ ހިތާވެގެންތަ އުޅެނީ... ފަހަރެއްގައި ހިތާވެގެން އުޅޭ މީހާ ކައިރިއަށް ވަނީ ކަންނޭނގެ... ފުރާވަރު ކުދިން ވިއްޔާ..."

އެ މީހުންގެ ކުރިއަށް ހިންގަމުން ދިޔަ ގަފޫރުގެ ފިޔަވަޅު މަޑުޖެހުނު ކަން އެމީހުންނަށް ނޭނގުނަސް ދުރުގައި މަންޒަރު ބަލަން ހުރި ފަވާޒަށް އެކަން ނަގައިގަނެވުނެވެ. ގަފޫރު ފަސްއެނބުރި އެހެން ބުނި މީހާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފާ އެމީހާގެ ހަށިގަނޑު ގަޔާ ދިމާއަށް ދަމައިގަތެވެ.

"ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ... މަގޭ އާޔާއަކީ ތިހީކުރާ ގޮތަށް އުޅޭ ކުއްޖެއް ނޫން... ދެން އާޔާއޭ ކިޔައިގެން އެންމެ އެއްޗެއް ބުންޏަސް ކޮށާލާނަން..." ގަފޫރު އަޑުގެ ނެތްތަނަށް ދެއްކި ވާހަކަތައް އަޑުއަހަން ތިބި އެންމެން ގަފޫރުގެ އަތް އެމީހާގެ ގަމީހުން ފޮޅުވާލަން މަސައްކަތް ކުރިއެވެ. އެ ވަގުތު އެމީހާގެ ގަމީހުގެ ގޮށްތައް ނެއްޓުމުން ގަފޫރު އަތް ފޮޅާލާ ދުރަށް ޖެހިލިއެވެ.

ގަފޫރުގެ ހަރުކަށި ބަސްތަކަށް އެމީހާ ފަސް ޖެހޭ ގޮތެއް ނުވިއެވެ. ރައްދުގައި ގަފޫރާ ދިމާއަށް އެމީހާ އެއްޗިހި ކިޔާ އޭނާގެ އާރާއި ބާރު ދައްކަން މަސައްކަތް ކުރިއެވެ. "ޝުކުރު ކޮށްބަލަ އަތިރި މައްޗާ ތަންތަން ބަލާ އެކުއްޖާ ހޯދަން މަ ނިކުތީތީވެސް... މަވެސް ހިތަށް އެރި އެއްޗެއް މި ބުނީ. އެ އުމުރު ކުދިން އުޅޭނީ އެހެން ވީމަ.... މަ ކޮށާލާނަމޭތަ ތި ކިޔަނީ... މަ ކޮށާލަބަލަ... އާޔާ ފެންނާނެ އޭރުން..."

ގަފޫރު ފަހަތަށް ޖެހެމުން ދިޔަ އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިއާއި ހިތްދަތިކަމެވެ. އެމީހާގެ ބަސްތަކަށް ރައްދު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ވަށައިގެން އެތާ ތިބި މީހުންނާ ދިމާއަށް ބަލާލުމަށް ފަހު ފަސް އެނބުރި ގަފޫރު އެތަނުން ހިނގައިގަތީ އޭނާގެ ރުޅި ކޮންޓްރޯލް ނުވެ އަތުން ފައިން އިތުރު ގޯސްތަކެއް ހެދިދާނެތީއެވެ.

*** *** *** *** *** ***

ފުލުހުން ހަރީރާމެންގޭ ތެރޭ މަޑުކޮށްގެން ތިބީ ޖެންޑާގެ ފަރާތުން އަންނަން ބުނެފައިވާ މީހުން އެގެއަށް އަންނާނެ ވަގުތަކަށެވެ. ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައެއް ކަމުން ޖެންޑާގެ މީހަކު އެތަނުގައި ހުންނަން ޖެހެއެވެ. އެގެއަށް މީހުން ހަމަވާކަށް މާގިނަ އިރެއް ނުވިއެވެ. އެއާއެކު އަޒްކާ ގާތުން އޮޅުން ފިލުވަން ބޭނުންވާ ސުވާލުތައް ފުލުހުން ކުރަން ފެށިއެވެ. އެދުވަހު ސްކޫލަށް ގޮސް އުޅުނު އިރު އާޔާއާ ދިމާވިތޯ އާއި ސްކޫލުން އަޒްކާ ގެއަށް އައީ އެކަނިތޯ އާއި އެހެން ގޮސް އެތައް ސުވާލެއް ފުލުހުންގެ ފަރާތުން ދިޔައީ އަޒްކާއާ ކުރަމުންނެވެ.

ހާސްވެފައި އިން އަޒްކާއަށް އެ ދުވަހު ވީ ކަންތައް ސިއްރު ނުކުރެވޭނެ ކަން އެނގުނެވެ. އަދި ސުވާލުތައް ކުރަން ފެށުމުގެ ކުރިން ދޮގު ނުހެދުމަށާއި، ދޮގު މައުލޫމާތު ދިނުމަކީ ކިހާވަރެއްގެ ކުށެއްކަން ބުނުމުން އޭނާ ދެ ހިޔާލެއްގައި އިނީ ނުހާ އޭނާ ގާތު ސިއްރު ހިފަހައްޓަން ބުނި ބުނުމާ މެދު ވިސްނާށެވެ. އެންމެ ފަހުން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައި ދިނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޒްކާ ގަބޫލުކޮށް އެދުވަހު އެކްސްޓަރާ ކްލާސް ކެންސަލް ވުމާއި ހަމައިން އޭނާ ގެއަށް އައުމާ ދެމެދު ވީ ކަންތައް ކިޔައި ދޭން ފެށިއެވެ.

*** *** *** *** *** ***

ކްލާހުގެ ހުރިހާ ކުދިންގެ ސަމާލުކަން ބަޔޮލޮޖީ މުދައްރިސަށް ހުސްކޮށްލުމުން އޭނާ ވާހަކަ ދެއްކީ ހުރިހާ ކުދިންނަށް މިއަދުގެ އެކްސްޓްރާ ކްލާސް ކެންސަލް ކުރަން ޖެހޭ ސަބަބު ކިޔައި ދެމުންނެވެ. ބަޔޮލޮޖީ އެކްސްޓްރާ ކްލާސް ރާވާފައި ވަނީ ޕްރޮޖެކްޓާ މެދުވެރިކޮށް ކުދިންނަށް ހިއްސާ ކުރާ ވީޑިއޯއެއްގެ ޒަރީއާ އިން ފިލާވަޅު ނަގައިދިނުމަށް ކަމަށް އެ މުދައްރިސް ބުންޏެވެ. ނަމަވެސް ޕްރޮޖެކްޓަރަށް މައްސަލައެއް ދިމާވެފައި ވާތީ ކްލާސް ކުރިއަށް ގެންދެވެން ނެތް ކަމަށާއި އެހެންކަމުން އެ ކްލާސް ފަހުގެ ތާރިހެއްގައި ބާއްވަން ހަމަޖައްސާފައި ކުދިންނަށް އަންގާނެ ކަމަށް މުދައްރިސް ބުންޏެވެ. މިއަދު ދެން ހުރިހާ ކުދިން ގެއަށް ދިއުމަށް އެދި މުދައްރިސް ކުދިންނާ އެކު އެ ކްލާހުން ނިކުތެވެ.

އެ ކްލާހުގައި ތިބި ކުދިންތައް ނިކުމެގެން ގެއަށް ދާން ހިނގައިގަތުމުން އާޔާ ވެސް ގެއަށް ދިއުމަށް އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވަން ގޮނޑި ފަހަތަށް ޖައްސާލިއެވެ. އޭނާ ތެދުވަން އުޅޭ ކަން އެނގުމުން އާޔާ އަށް ގޮވާލަމުން އަދި މަޑުކޮށްލާށޭ އަޒްކާ ބުނެލީ އަތުގެ އިޝާރާތުންނެވެ. އެއާއެކު ވަށައިގެން އެ ކްލާސް ތެރެއަށް އަޒްކާ ބަލާލިއެވެ.

އެ ކްލާސް ތެރޭގައި އޭރު ތިބީ އަޒްކާއާއި އާޔާގެ އިތުރުން ނުހާ އާއި މާހިލް އަދި އަންމަޑޭއެވެ. އެހެން ހުރިހާ ކުދިން ގެއަށް ދާން ކްލާހުން ނިކުމެއްޖެއެވެ. އެ ކުދިންތަކާ އެކު އެ މުދައްރިސް ވެސް ދިޔަތަން ފެނުމުން އެ އެންމެން އަޒްކާ އިން މޭޒު ކައިރިއަށް އައިސް ވަށައިގެން ހުރި ގޮނޑިތަކުގައި އިށީނެވެ. މޭޒު ވަށާލާ އެންމެން ތިބީ އަޒްކާ ބުނަން އުޅޭ އެއްޗެއް އަޑު އަހަން ސަމާލުކަން ދީގެންނެވެ.

"ދެން އެހާ އަވަހަށް ގެއަށް ދަނީ ކީއްކުރަން. ހިނގާ 6:30 ވަންދެން މަޑުކުރަން ދޯ...." އަޒްކާގެ ނިންމުން ހާމަ ކުރުމުން އެންމެން ވެސް އެ ކަމަށާ ތާއިދު ކުރިއެވެ. ނޫނެކޭ ބުނަން ނުކެރި އިން އާޔާ ވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

"ސޯ ކޮންމެސް މަޖާ ކަމެއް ކޮށްލަމާ ހިނގާ... ކޮންމެސް ގޭމެއް ވިޔަސް ސަޅި ވާނެ..." ނުހާ އޭނާގެ ހިޔާލު ހިއްސާ ކުރުމުން އެކަމަށް އެންމެން ތާއީދުކޮށް ކުޅޭނެ ގޭމަކީ "ޓްރުތް އޯ ޑެއާ" ކަމަށް ބުންޏެވެ. އަޒްކާގެ ސްކޫލް ދަބަސް ތެރެއިން ހުސްވާން ކައިރިވެފައި އިން ފެންފުޅިއެއް ނަގާ އެ ފުޅި މޭޒުމަތީ ބަހައްޓަމުން ގޭމް ކުޅޭ ގޮތުގެ އިރުޝާދު ދިނެވެ.

އެއަށްފަހު އަޒްކާ ފުޅި އަނބުރާލިއެވެ. އެންމެ ފުރަތަމަ އެ ފުޅީގެ މަތިގަނޑު އިން ކޮޅު ދިމާވީ މާހިލްއާއެވެ. މާހިލް ނެގީ "ޑެއާ" އެވެ. އެ ފުޅީގެ އަނެއްކޮޅާ ދިމާވާގޮތަށް އިން ނުހާ ހިނިގަނޑެއް ޖަހާލަމުން މާހިލްއަށް ޑެއާއެއް ހަވާލު ކުރިއެވެ. ޑެއާ އަކަށް ދިނީ އަޒްކާ އުރާލާށެވެ. އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށް ބުނަމުން މާހިލް ތެދުވެ އަޒްކާ ކައިރިއަށް ޖެހިލިއެވެ.

ގޮނޑިން އަޒްކާ ތެދުވި އިރު އޭނާ ހުރީ ވަރަށް ހިނިއައިސްފައެވެ. އެއީ މާކުރިން ވެސް އޭނާ އެދިއެދި ހުރި ކަމެއް ކަހަލައެވެ. މާހިލްގެ ދެއަތް އަޒްކާ ބުޑުމަތިން ވަށާލާ ކޮޅަށް ހުރި އަޒްކާ އުފުލާލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށް ފަހު "އޯކޭ ދޯ" އޭ ބުނުމަށް ފަހު އަޒްކާ ތިރި ކޮށްލިއެވެ.

ޑެއާ ފުރިހަމަ ކުރުމަށް ފަހު މާހިލް އެ ފުޅި އަނބުރާލިއެވެ. އެ ގޮތަށް އެ ފަސް އެކުވެރިން އެ ގޭމް ކުޅެ ހީ ސަމާސާ ކުރަން ތިއްބެވެ. އެ އެންމެންގެ ތެރޭގައި އިން އާޔާގެ ފަރާތުން ފެންނަމުން ދިޔައީ ލަދުވެތި ކަމެވެ. އޭނާއަށް "ޑެއާ" އެއް ނަގާކަށް ނުކެރެއެވެ. ކޮންމެ ފަހަރަކުވެސް އާޔާ ނަގަމުން ދިޔައީ "ޓްރުތް" އެވެ. ތެދު ބުނާކަށް އޭނާއަަށް އުނދަގޫ ނުވާނެ ކަމަށް ހީކޮށް ޑެއާ ނުނަގާ އިނީ އެމީހުން ޖައްސަފާނެ ކަމެއް ކުރަން ނުކެރިދާނެތީއެވެ.

އާޔާ ޓްރުތް ނެގި ފަހަރު ތަކުގައި އެތާ ތިބި ހަތަރު އެކުވެރިން މަޝްވަރާ ކޮށް އެކި ކަހަލަ ސުވާލު އާޔާއަށް ކުރިއެވެ. ފުރަތަމަ ކިސްއެއް ކުރީ ކާކާ ތޯ އާއި، ފަވާޒާ އޮންނަ ގުޅުމަކީ ކޮބައިތޯ އެމީހުން އޮޅުން ފިލުވިއެވެ. އެ ޖަވާބުތައް ދިން އިރު އާޔާ އިނީ ލަދުން ވިރޭ ވަރުވެފައެވެ. ދުވަހަކު ވެސް ކުއްޖަކާ ކިސް ނުކުރާ ކަަމަށާއި އަދި ފަވާޒަކީ ސްޓްރޭންޖާއެއް ކަމަށް އޭނާ ބުންޏެވެ. މި ޖަވާބުތައް ދިން ކޮންމެ ފަހަރަކު އަޒްކާގެ މަލާމާތުގެ ބަސްތަކާ އާޔާއަށް ކުރިމަތިލާން ޖެހުނެވެ.

ގަޑިން 6:30 ވާން ކައިރިވެފައި ހުއްޓާ ފަހު ފަހަރު ކަމަށް ބުނެ އެ ފުޅި މޭޒުމަތީ އަނބުރާލީ އެންމެ ފަހުން ޑެއާއެއް ފުރިހަމަ ކުރި އަންމަޑޭއެވެ. އެ ފުޅި އެނބުރެމުން އެނބުރެމުން އައިސް ހުއްޓުނު އިރު އާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުޅީގެ މަތިގަނޑު އިން ކޮޅު އިނީ އާޔާއާ ދިމާއަށެވެ. އަނެއްކޮޅު ދިމާވެފައި އިނީ އަޒްކާއަށެވެ. އާޔާ ހިޔާރު ކުރާ ގޮތް ނުބުނެވެނީ އަޒްކާ ވާހަކަ ދެއްކިއެވެ. "ދެން ޓްރުތް އެއް ނުނެގޭނެ... ދެން ނަގަން ޖެހޭނީ ޑެއާ... ރޫލްސް އާ ރޫލްސް....."

ވަކިވަކިން އެތާ ތިބި މީހުންނާ ދިމާއަށް އާޔާ ބަލާލިއެވެ. އޭނާއަށް އެމީހުން ޖައްސާނީ ކިހާވަރެއްގެ ޑެއާއެއް ކަން ނޭނގޭތީ އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ހާސްވެފައި އިން އާޔާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނި އަންމަޑޭ ހިނިގަނޑެއް ޖަހާލިއެވެ. އެ ވަގުތު މާހިލް ބޯހޫރުވާލަމުން މޭޒުމަތީ އޮތް ފުޅި ނެގިއެވެ. "ދެން ހިނގާ ނިންމާލަން.... އިރުކޮޅަކުން ބަންގި ވެސް ގޮވާނެ..."

"އާ ޔޫ ސޭވިން ހާ... ޑެއާ ނަގައިގެން އާޔާ އަށް އެކަން ނުކުރެވިދާނެ ހެން މާހިލަށް ހީވަނީތަ..." މަލާމާތް ކުރާ ޒާތަކަށް އާޔާއާ ދިމާއަށް ބަލަން އިނދެ ނުހާ ވާހަކަ ދެއްކިއެވެ. ނުހާގެ ބަސްތައް އަޑުއިވުމާއެކު އާޔާ ދެރަ ނުވާން "ޑެއާ... އައި ޓޭކް ޑެއާ" މިހެން ބުނެލީ އޭނާއަކީ ވެސް އެމީހުން ކަހަލަ ކެރޭ މީހެއްކަން ސާބިތު ކޮށްދޭށެވެ.

"ޑެއާ ދޯ... ހޫމް... ވިސްނާލާނަން... ނިންމަން ޑެއާ އެއް ނެގީމަ ވާނެ ދޯ ޓަފް ކޮށްލަން..." މޭޒުމަތީ ދެއަތް އަޅުވާލަމުން އަޒްކާ ކުރިއަށް ޖެހިލިއެވެ. އޭރު އަޒްކާއާއި އާޔާއާ ދެ ކުދިން ތިބީ އެކަކު އަނެކަކު މޫނަށް ބަލާށެވެ. އަޒްކާ ބުނަން އުޅޭ ޑެއާގެ އިންތިޒާރުގައި އެންމެން ޝައުގުވެރިކަމާ އެކު ތިބީ، އާޔާއަށް ވާވަރުގެ ކަމެއް އަޒްކާ ނުޖައްސާނެ ކަން އެނގޭތީއެވެ.

(ނުނިމޭ)