އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)ގެ ރައީސަކަށް ކުރިން އެ ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް ހޮވައިފިއެވެ.

އައްޑޫގެ ތަރައްގީއަށް ވަކާލާތުކުރާ ގްރޫޕެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެންޖީއޯ، އޭޑީސީން ވަނީ ބޯޑް މެންބަރުން އައްޔަން ކޮށްފައެވެ. އެ ގޮތުން ޝަރީފް ރައީސް ކަމަށް ހޮވާފައިވާ އިރު މިއަދު ވަނީ އާ ބޯޑް މެންބަރުންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

މާލެ ފަދަ ސިޓީއެއްގެ ގޮތަށް އައްޑޫ ސިޓީ ތަރައްގީ ކުރުމަށް އޭޑީސީން އަންނަނީ އަޑުއުފުލާ ވަކާލާތު ކުރަމުންނެވެ. އެ ގޮތުން ޓޫރިޒަމް ފުޅާކޮށް އުމްރާނީ ތަރައްގީއާއި، ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ފުރުސަތުތައް ހުޅުވާލުމަށް ވެސް އެ ކޮމިޓީން އަންނަނީ އަޑުއުފުލާ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރަމުންނެވެ.

ޝަރީފަކީ އެފަދަ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި އަދި ކަމާ ގުޅޭ އެހެނިހެން ތަންތަނުގެ އިސް ވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ވެސް ޝަރީފަކީ ސިޔާސީ މައިދާނުގައި ވެސް މިހާރު ހަރަކާތްތެރި ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުކެވެ. އެގޮތުން ސިޔާސީ ޕާޓީ އެމްއެންޕީގެ ނައިބު ރައީސްގެ މަގާމު މިހާރު އޭނާ ގެންދަވަނީ ފުރުއްވަމުންނެވެ.