ގަފޫރު އައިސްފައި ހުރި ރުޅިން އޭނާއަށް ވާހަކަ ދެއްކުނީ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަމުންނެވެ. ގަފޫރު ދައްކަމުން ދިޔަ ވާހަކަތައް ނުނިމެނީސް އެ ކޯލް ކުރި މީހާ ފޯނު ކަނޑާލައިފިއެވެ. ގަފޫރުގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވި އޭނާގެ އަތުގައި އޮތް ފޯނު އެނދުމައްޗަށް ހޫރާލިއެވެ. ގަފޫރަށް ކުރަމުންދިޔަ އިހްސާސްތައް އާމިރާއަށް ދޭހަވިއެވެ. އަދި ގަފޫރު ހަމައަކަށް އަޅުވަން އާމިރާ ހަދާނެ ގޮތަކާ މެދު ވިސްނާލުމަށް ފަހު އޭނާގެ އަތުގައި ހިފާލަމުން ބަލިކަށި އަޑަކުން ފިރިމީހާއަށް ގޮވާލިއެވެ.
އެ ވަގުތު ގަފޫރު ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އާމިރާގެ ގޮވާލުމުން ވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދަރިފުޅު ގެއްލިގެން ހޯދަމުންދާތާ ގަޑިއިރެއްވީ އިރު، އަދި ވެސް އާޔާގެ ހަބަރެއް ނުވާތީ، ގަފޫރުގެ ހިތުގައި އުފެދެމުން ދިޔަ ޖަޒްބާތުތައް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. އާމިރާއާ ވާހަކަ ދައްކަން ބޭނުމަސް މި ވަގުތު އޭނާއަށް ރީއްޗަށް ވާހަކަ ނުދެއްކޭނެ ކަން އެނގުމުން، އާމިރާގެ އަތް ފޮޅުވާލާފައި އެ ކޮޓަރިން ގަފޫރު ނިކުތީ ފަސްއެނބުރި ބަލައި ވެސް ނުލައެވެ.
ސިޓިން ރޫމް ސޯފާގައި އިށީނދެ ދެއަތުގެ އުޅަނބޮށި ކަކުލުގައި ވިއްދާލަމުން ދެއަތް ތިލައިން އޭނާގެ މޫނު ފޮރުވާލިއެވެ. އެ ދެމަފިރިންނަށް އެ ކުއްޖާ ތަރުބިއްޔަތު ކުރުމުގައި ހެދުނީ ކޮން ގޯހެއް ތޯ އަމިއްލަ ޒަމީރާ އޭނާ ސުވާލު ކޮށްލިއެވެ.
ގަފޫރުގެ އިހްސާސްތައް އާމިރާއަށް ދެނެގަންނަން ނޭނގުނަސް ހިތާމައާއި ހިތްދަތިކަމުގެ ކަޅު ވިލާގަނޑެއްގެ ހިޔަނި އެ އާއިލާގެ ބޯ މައްޗަށް އެޅިފައިވާ ކަން އާމިރާއަށް އިހްސާސް ކުރެވުނެވެ. މި ވަގުތު ގަފޫރުގެ އަޅާލުން އޭނާއަށް ވަރަށް ބޭނުމެވެ. ނަމަވެސް އައިސްފައިވާ ރުޅިއާއި ހިތްދަތިކަމުގައި ގަފޫރުގެ އަމަލުތައް ހުރި ގޮތުން އާމިރާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.
އިޔާން ނިދާފައި އޮތް އެނދު ކައިރިއަށް އާމިރާ ތިރިވި އިރު ހިފެހެއްޓުމެއް ނެތި އާމިރާގެ ލޮލުން ކަރުނަތައް އިހެމުން ދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި ވަނީ އެތައް ސުވާލުތަކެއް ފުނި ޖެހިފައެވެ. އާޔާ ގެއްލުނު މައްސަލައިގައި މިއަދު ގަފޫރު އެ ކުށްވެރި ކުރަނީ އާމިރާ ހެން އޭނާއަށް ހީވިއެވެ. އެހެންނޫން ނަމަ އަތް ފޮޅާލާފައި އަނގައިން ބަހެއް ނުބުނެ ގަފޫރު ދާން ޖެހޭ ސަބަބެއް އާމިރާއަކަށް ނުވިސްނުނެވެ.
އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔަ އާމިރާއަށް ރަނގަޅު މަޔަކަށް ނުވެވުނު ކަމުގެ އިހްސާސް ވެސް ކުރަން ފެށިއެވެ. އޭނާގެ ދެލޮލުގެ ނޫރުހެން ދެކެމުން ދިޔަ އެ ދަރިފުޅަށް މީހެއްގެ ހިޔަނި ވެސް އެޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އުޅެންވީ ރަނގަޅު ގޮތާއި ގޯސް އާދަތަކުން ދުރުވާން އަބަދުވެސް ދަރިފުޅަށް ނަސޭހަތް ދިން އިރު، މިއަދު އޭނާގެ ދަރިފުޅު ގެއްލިގެން އެ ދިޔައީ ކޮން ސަބަބަކާ ހުރެތޯ ހޯދަން ބޭނުން ވިއެވެ.
*** *** *** *** *** ***
ފޯން ރިންގް ވާތާ ގިނަ އިރުތަކެއް ވީ އިރުވެސް ފަވާޒު އޮތް ތަނުން ހިއްލާލާކަށް ބޭނުމެއް ނުވިއެވެ. އޭރުވެސް މެދުނުކެނޑި އޭނާގެ ފޯން ރިންގަވަމުން ދިޔައެވެ. ނިދީގައި އޮވެ ބާލީސް ކައިރިން އެނދުމަތީ އޭނާ އަތް ހާކާލަމުން ފޯނުގައި ހިފާލިއެވެ. އަދި ފޯނުގެ އަރިމަތީ ހުރި ފިތަކަށް ފިތާލާ އޭނާ ރިންގް ވަމުން ދިޔަ ފޯނުގެ އަޑު "މިއުޓް" ކޮށްލިއެވެ. އެއަށް ފަހު ބާލީހާ އެކު އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދާލަމުން ހަމަޖެހިލި އިރުވެސް އޭނާ ލޯ ހުޅުވާން ބޭނުން ނުވާ ކަހަލައެވެ.
އެހެން އިރުކޮޅަކު އޮއްވާ އަނެއްކާ ވެސް ފަވާޒުގެ ފޯނު ރިންގް ވެއްޖެއެވެ. ނިދާފައި އޮތް ފަވާޒް ދެބުމަ ގޮށް ޖަހާލަމުން ޕިސްޕިސް ކަނޑަމުން ފޯނު ނަގާ ކުޑަކޮށް ތެދުވެލިއެވެ. އެ ގުޅަނީ އޭނާގެ އެކުވެރިއެކެވެ. އެހާ ގިނައިން އޭނާ ގުޅާތީ ރުޅި އައިސްހުރެ ފަވާޒް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. "ބްރޯ... ތަނެއްގަ ރޯވެގެންތަ ތިއުޅެނީ. ހަފްތާއެއް ވަނީ މަ ރަނގަޅަށް ނުނިދާތާ... ދެން ހަމަ ނިދޭ އިރަށް ތިވަރަށް ގުޅާކަށް ނުވާނެ ދޯ..."
ފަވާޒްގެ ޝަކުވާތައް އަޑުއަހަން ހުރި އޭނާ އެކުވެރިއާ ވާހަކަ ދެއްކި އިރު އެ އަޑުގައި ވަނީ ހާސްކަމެވެ. "ރޯވުމަށް ވުރެވެސް ބޮޑުކަމެއް ވެގެންނޭ މި ގުޅަނީ.... ފަވާޒްގެ ގާލް... އާޔާ..."
އާޔާގެ ނަން އެކުވެރިޔާގެ ދުލުން ބޭރުވުމާއެކު ފަވާޒްގެ ލޮލުން ނިދިވެސް ފިލައިގެން ދިޔަ ކަހަލައެވެ. ދެލޯ ބޮޑުކޮށްލަމުން ވީ ކީއްތޯ އެކުވެރިޔާ ގާތު އަހާލިއެވެ. "އާޔާ... އާޔާއޭ... ކިޔާބަލަ.. ކީކޭ ކިޔަން ތިއުޅެނީ..."
"ނޭނގޭތަ؟ އާޔާ ގެއްލިގެން ހޯދަނީއެއްނު... ފުލުހުންވެސް ނިކުމެއްޖެ... ނޫސްތަކުގައި ވެސް ޖަހައިފި... ދެން ވެސް ނިދަން ނޯވެ ތެދުވެބަލަ..." އެކުވެރިޔާ ވީ ގޮތް އޮޅުން ފިލުވައިދެމުން ދިޔަ އިރު ފަވާޒްގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. އާޔާ ހޯދަން ނިކުންނަން އޭނާ ބޭނުންވިއެވެ. ގެއްލެންވީ ގޮތެއް އޭނާއަށް ނުވިސްނުނެވެ. އިރުއޮއްސުނު ފަހުން ވެސް އާޔާއާ ވާހަކަ ދެއްކި ހަނދާން ވުމުން އާޔާ ވީތަނެއް ހޯދަން އޭނާ ނުކުންނަން އަވަސްވެގަތެވެ. އެންމެ ފަހުން އޭނާއަށް އާޔާ ފެނުނު ދިމާއަށް ދާން ނިންމައިގެން ހުރެ، ބޮލުން ޓީޝާޓް މަހާލަމުން ފޯނު ހިފައިގެން ފަވާޒް ކޮޓަރިން ބޭރަށް ނިކުތެވެ.
*** *** *** *** *** ***
ހަރީރާ ގޭތެރެއަށް ވަން އިރު އަޒްކާ ފެންނަން ނެތުމުން ބަދިގެއާ ދިމާއަށް ހަރީރާ މިސްރާބު ޖެހިއެވެ. އޭރު ކާގެ ތެރޭ ތައްޓަކަށް ބަތް އަޅައިގެން ކާން އަޒްކާ އިށީންނަނީއެވެ. އަޒްކާއަށް އޭނާގެ މަންމަ އައިސް ބަދިގެއަށް ވަނުމުން ހިތަށް އުނދަގޫވިއެވެ. އެހެންކަމުން ހަމަޖެހެން މަސައްކަތް ކުރަމުން އަޒްކާ މޭޒުމަތީ ހުރި ފެން ތަށިން އެތި ފޮދެއް ބޯލަމުން ކާން އަތްލައިގެން އިން ބަތްތައްޓަށް ބަލާލިއެވެ.
"އަޒްކާ... މަށަށް ދޮގު ނުހަދާ ރީއްޗަށް ބުނޭ. އެ އާޔާ ދިޔަތަނެއް ހަމަ ނޭނގޭތަ؟.."
ހަރީރާ އަޑަށް ބާރުލަމުން ކޮށްލި ސުވާލުން އާޔާ ކޮށިއަރާ ގޮތްވިއެވެ. ހީވީ އޭނާގެ މަންމައަށް ކަމެއް އެނގިގެން ސުވާލުކޮށްލި ހެންނެވެ. ދެބުމަ ގޮށް ޖަހާލަމުން އާޔާ އޭނާގެ މަންމަ އާ ހަތަރު ކަޅި ހަމަކޮށްލި އިރު މަންމަގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔަތަން އޭނާ އަށް ފެނުނެވެ. ނަމަވެސް އަޒްކާ އިނީ ވީ ކަންތައް ހިއްސާ ކުރާ ގޮތަކަށް ނޫނެވެ.
"މަށެއް ނޫޅެން އާޔާއާ އެކީއެއް... އެހާ ކަޓު ހެދުން ލަނީ ވެސް.. މިހާރު މަ ކޮޕީކޮށް ހަދާތީ އޭނާ ދެކެ ވަރަށް ފޫހިވޭ... މަށަށް ވާން އޭނާ އުޅުނަސް ނުވެވޭނެ... އެންޑް އޭނާ ދާހާ ތަނެއް ބަލައި އޭނާ އުޅޭ ގޮތް ބަލާ މަށެއް އޭނާ ކޮޕީއެއް ނުކުރަން. ދެން މަށަށްތަ އެނގެނީ އޭނަ ދިޔަތަނެއް." އާޔާއަށް އޭނާ ކުރާ ނަފްރަތު ހާމަ ކުރަމުން އަޒްކާ ވާހަކަ ދެއްކީ ފުސްމޫނު ހަދަމުންނެވެ. އަޒްކާގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުރި ހަރީރާ އިތުރުއެއްޗެއް ނުބުނެ ކާގެއިން ނުކުމެގެން ދަމުން ވިސްނާލިއެވެ.
"އޭގެ މާނައަކީ އަޒްކާއަކަށް ހަމަ ނޭނގެއޭތަ؟ އެކަމަކު މަށަށް ހާދަ ހީ ނުވެޔޭ"
އަޒްކާއަށް ކަމެއް އެނގޭ ކަމަށް ހީކޮށްގެން ހުރި ހަރީރާއަށް އަޒްކާ ދިން ޖަވާބު ގަބޫލުކުރަން ދަތި ވިއެވެ. އޭނާގެ ހިތް އަދިވެސް ގަބޫލު ކުރަނީ އާޔާ ދިޔަތަނެއް އަޒްކާއަށް އެނގޭނެ ކަމަށެވެ.
ގޯތި ތެރެއިން ނިކުންނަމުން ދުފަން ބިލަތްގަނޑަކާ ކޮށާފައި ހުރި ފޯއް ކޮތަޅެއް ހިފައިގެން ހަރީރާ އައީ ޖޯލިފަތީގައި ތިބި މީހުންނަށް ދުފާ އެއްޗިހި ހިފައިގެންނެވެ. ދުފަން ފޯރި ހުންނަ އެ އެންމެން އަނގަ ފުރާ ފޯކާއި ބިލަތާއި ހުނިވެސް ލައި ދުފަން ފެށިއެވެ. އެހެން އެމީހުން ތިއްބާ އެ ގޯޅިއަށް އައިސް ލަނބާލީ ފުލުހުންގެ ސައިކަލެވެ. އެ ސައިކަލު ހަރީރާ މެންގޭ ދޮރުމައްޗަށް މަޑުކޮށްލުމަށް ފަހު ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ޖޯލީގައި އިށީނދެގެން އިން ހަރީރާ ގުން ފައި ޖަހާފައި ތެދުވިއެވެ.
މަންޒަރު ބަލަން ތިބި އަންހެން ވެރިން ހައިރާންވެފައި އެގެއަށް ފުލުހުން ވަންނަން ޖެހޭ ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން ހަރީރާ ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި އެމީހުން މަޑުކޮށްގެން ތިއްބެވެ. އޭރު އެކަކު އަނެއްކަކަށް އެ ކަމާ ގުޅުވާ "ކުޗުކުޗު" ލައްވަން ފަށައިފިއެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ގޭތެރެއަށް ވަދެ ސަލާމް ގޮވަން ތިބި އޮފިސަރުންނަށް ހަރީރާ ގޮވާލިއެވެ. "ކާކު ހޯދަން ތި އައީ..."
ހަރީރާގެ އަޑަށް އެ ފުލުހުން ފަސް އެނބުރި ބަލާލިއެވެ. އަދި އަޒްކާ އާއި އޭނާގެ ބެލެނިވެރިއަކާ ބައްދަލުކޮށްލަން ބޭނުން ކަމަށް ބުންޏެވެ. ހަރީރާއަކީ އަޒްކާގެ މަންމަ ކަމަށް ބުނުމުން، ފުލުހުން އައީ ކޮން ބޭނުމަކު ކަން އޮޅުން ފިލުވައި ދިނެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން ބޭނުން ނުވާތީ އެމީހުން ގޭތެރެއަށް ވެއްދުމަށް ފަހު އަޒްކާއަށް އޭނާ ގޮވާލިއެވެ. އެ ވަގުތު ގެއިން ބޭރުގައި ތިބި މީހުން މިހާރު ހަރީރާމެންނޭ ކިޔައިގެން ދައްކާނެ ވާހަކައަކާ މެދު ހަރީރާ ދިޔައީ ވިސްނަމުންނެވެ، އަދި އެމީހުންނަށް ފުލުހުން އައީ ކޮން ބޭނުމަކު ކަން ބުނެދޭން ކިޔާނެ އެއްޗެއް ވެސް ހަރީރާގެ ސިކުނޑީގައި ދިޔައީ ރާވަމުންނެވެ.
ކާގޭ ތެރެއިން ނިކުމެގެން ހަރީރާ ގޮވާ އަޑަށް އަޒްކާ އައީ މޫނު މައްޗަށް ކުނި ވައްތަރެއް ޖައްސަމުންނެވެ. އޭނާއަށް ސިޓިން ރޫމުގައި ތިބި ފުލުހުން ފެނުމާ އެކު ފިޔަވަޅު މަޑު ޖެހުނެވެ. އަދި ހިން ދިރުވާލަމުން އަވަސްވަމުން ދިޔަ އޭނާގެ ނޭވާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. ހައިރާން ކަން މޫނު މަތިން ދައްކަމުން އެއްފަރާތެއްގައި ހުރި އޭނާގެ މަންމަ އާ ދިމާއަށް ބަލާލަމުން ކިހިނެއްތޯވީ އަހާލީ މަޑުމައިތިރި ކަމާ އެކީގައެވެ. އެތަނަށް ވެރިވެފައި ހަމަހިމޭން ކަމުގެ ތެރެއިން އަޒްކާގެ ހިތް ތެޅެމުން ދިޔަ އަޑު އޭނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.
*** *** *** *** *** ***
ގެއިން ބޭރަށް ނިކުތް ގޮތަށް ފަވާޒް މިސްރާބު ޖެހީ އެ ރަށު ސްކޫލާ ދިމާއަށެވެ. އޭނާ ސްކޫލާ ހަމައަށް ދިޔައިރު ހިތާ ހިތުން އާޔާ ފެންނާނެ ނަމައޭ ދިޔައީ ކިޔަމުންނެވެ. އާޔާއަށް ދެރަގޮތެއް ވާކަށް ފަވާޒެއް ނޭދެއެވެ. އެއަށް ވުރެ އާޔާ އަކީ އޭނާއަށް ހާއްސަ ކުއްޖެކެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ފަވާޒަށް ކޮށްފައިވާ ކަހަލައެވެ. މަގުމަތިން ދިޔަ އިރު ފަވާޒުގެ ހަރަކާތްތައް ފެންނަ މީހުން ވެސް ހައިރާން ކަމާއެކު ފަވާޒާ ދިމާއަށް ބަލަމުން ދިޔަ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަން އެނގުނު ނަމަ ފަވާޒަކީ ހިމޭނުން ހުންނާނެ މީހެއް ނޫނެވެ.
ސްކޫލާ އަރާ ހަމަވިތަނާހެން ފަވާޒުގެ ފޯނު ރިންގް ވުމުން އޭނާ އެ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. އަދި ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އޭނާގެ އެކުވެރިޔާ ގާތު ސްކޫލް ކައިރިއަށް އައުމަށް އޭނާ އެދުނެވެ. އާޔާ ހޯދަން ބޭނުން ވިޔަސް އެކަނި ދާނެ ހާ ހިތްވަރު ނެތްކަން އޭނާ އަށް ޔަގީންވިއެވެ. ދެފައިގައި ތުރުތުރެއް ހުރި އިރު އޭނާ ހިތަށް ބާރުވެ ފަޅައިގެން ދާން އުޅޭ ކަހަލަ އިހްސާސެއް ކުރަމުން ދިޔައެވެ.
"ޕްލީސް އާދެބަލަ.. އާޔާ ހޯދަން މަށާ އެކީ ދާން އާދެބަލަ... ދުވަހަކު ކަމެއް ކޮށްދެންޏާ..."
ފަޔާޒްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކުގައި ވަނީ އާދޭހުގެ ރާގެކެވެ. ދުވަހަކުވެސް މީހެއްގެ ކުރި މަތީ ކުޑަކަކޫ ޖަހައިގެން ފަވާޒަކީ އާދޭސް ކުރާނެ މީހެއް ނޫނެވެ. ފަވާޒުގެ އެކުވެރިއާއަށް ފެންނަމުން ދިޔައީ މުޅިން ތަފާތު މީހެކެވެ. އެހެންކަމުން ފަވާޒުގެ އެދުމަށް ދެކޮޅުހަދަން އެ އެކުވެރިޔާއަކަށް ނުކެރުނެވެ.
(ނުނިމޭ)