ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

'ދަޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނެވި ފަނޑިޔާރު ސަމީރު މިއަދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ސަމީރު އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރު ސަމީރަކީ 2011 ވަނަ އަހަރު އެ ކޯޓަށް އައްޔަންކުރި ބޭފުޅެވެ. އޭގެކުރިން އޭނާއަކީ ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ފަނޑިޔާރު ވެސް މެއެވެ.

ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް ނިންމެވީ ވެސް ފަނޑިޔާރު ސަމީރެވެ. 2020 ވަނަ އަހަރު އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައި، އެ ކުށާ ގުޅޭގޮތުން އުފެދިފައިި އޮތް ބޮޑު ބަހުސަށް ދީނީ ގޮތުން ތަފްސީލުކޮށް އޭނާ ޖަވާބު ދެއްވާފައި ވެއެވެ. މީގެ އިތުރުން ދެ ފިރިންގެ ތިބުމުގެ މައްސަލަތަކާ ހެދި، ވަރި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް 2015 ވަނަ އަހަރު ހައި ކޯޓުން ކަނޑައެޅީ ވެސް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ.

ހައި ކޯޓުގައި އޭނާ ބެއްލެވި މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ އާއި، ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ ހިމެނެއެވެ.