ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ބަލަމުން އަންނަ ހޮންގްކޮންގްގެ އިރުމަތީ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ގޮވާ، އެކަކު މަރުވެ، 6 މީހަކު ޒަހަމްވެއްޖެއެވެ.

ހޮންގްކޮންގް ގަވަމަންޓް ފްލައިންގް ސާވިސަސް އިން މައުލޫމާތު ދޭ ގޮތުގައި، ހޮންގްކޮންގްގެ އިރުމަތިން، 300 ކިލޯމީޓަރު ބޭރުގައި އޮތް ތެޔޮ ޓޭންކަރެއްގައި އެއްޗެއް ގޮވި ކަމުގެ މައުލޫމާތު ރިޕޯޓް ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 04:05ގައެވެ.

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތުތަކާ ޖެހުނު އިރުވެސް، ޓޭންކަރުގައި ގޮވުމެއް ގޮވަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ.

ރެސްކިއު ކުރޫއަށް ޓޭންކަރާ ހިސާބަށް ދެވުނުއިރު އަލިފާންގަނޑު ނިއްވާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ދަތުރުފަތުރު ކޮށް އުޅުމުގެ ގާބިލުކަން އެ ބޯޓަށް ގެއްލިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް އިރު ރޭގަނޑުގެ އަނދިރިވުމުގެ ސަބަބުން މަންޒަރު ފެނުން ދަތިވެ، ކަނޑަށް ތެޔޮ ބޭރު ވަމުން ދާ ކަން ނުވަތަ ކަން ކަށަވަރު ނުވާ ކަމަށްވެސް ހަބަރު ލިބެއެވެ.

5547 ޓަނުގެ "ޗުއާންގް ޔީ" ތެޔޮ ޓޭންކަރު ދަތުރު ކުރަމުން ދިޔައީ ޕެނަމާ ދިދައިގެ ދަށުގައެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އިންޑޮނޭޝިއާގެ 3 މީހަކަށެވެ. އެމީހުންނަކީ އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ ޒުވާނުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އިންޑޮނޭޝިއާގެ އިތުރު ފަޅުވެރިއަކާއި މިޔަންމާގެ ފަޅުވެރިއަކަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑުބޯޓުފަހަރު ޓްރެކް ކުރާ އެޕްލިކޭޝަންތަކުގައި ވާ މައުލޫމާތަށް ބަލާއިރު ތެލާއި ކެމިކަލްވެސް ހިފައިގެން ޓޭންކަރު ދަތުރު ކުރަމުން ދިޔައީ ޓައިވާނަށެވެ. 120 މީޓަރު ދިގު، އެ އުޅަނދަކީ 22 އަހަރުވީ އުޅަނދެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މައިދާނުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ގިނަ ވެފައި ވާ ދުވަސްވަރެކެވެ.