އާމިރާއަށް އެ ވަގުތު ޖަވާބު ދިނީ އިޔާންއެވެ. ޓީވީން ކާޓޫން ބަލަން އިން ހަ އަހަރުގެ އިޔާން އަދި ދޮންތަ ގެއަށް ނާންނަ ކަމަށް ބުންޏެވެ. ކޮޓަރީއާ ދިމާލަށް ދިޔަ އާމިރާ އެ ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރީ އާޔާ ގެއަށް ނައިސް ލަސްވުމުންނެވެ. 6:30 ވާން ވާއިރަށް ކްލާސް ނިމޭނެ ކަމަށް ބުނި އާޔާ އެހާ ލަސްވީ ކީއްވެ ބާއޭ ހިތަށް އެރި އާމިރާގެ ނިތްކުރި މައްޗަށް ރޫގިނަ ކޮށްލިއެވެ.

ޕިސްޕިސް ކަނޑަމުން އާމިރާ ކޮޓަރިއަށް ވަދެ ވުޟޫކޮށްގެން ނަމާދަށް އެރީ ފޯނުން އާޔާގެ މުދައްރިސަށް މެސެޖެއް ކޮށްލުމަށް ފަހުއެވެ. އަދި ވެސް އެކްސްޓަރާ ކްލާސް ނުނިމެނީ ތޯ އާއި ނިމުމުން އޭނާއަށް މެސެޖެއް ފޮނުވާލުމަށް އެދިއެވެ. ނަމާދަށް ހުއްޓާ އާމިރާގެ ފޯނު ދެބުރަކަށް ރިންގް ވިއެވެ. އިޝާން ނަމާދުގެ ހަތަރު ރަކްއަތް ނިންމާ ސަލާމް ދިނުމަށް ފަހު، މުސައްލަ މަތީ އިށީނދެގެން އިން އާމިރާ އަތުޖެހޭ ހިސާބު އޮތް ފޯނު ނަގާ އޭނާ ބަލާލީ އެ ގުޅީ އާޔާގެ މުދައްރިސް ހެން ހީވުމުންނެވެ.

އޭރު އައި ދެ ކޯލަކީ ވެސް އާޔާގެ މުދައްރިސްގެ ކޯލެއް ކަމުން އެ މުދައްރިސަށް ގުޅާލަން އާމިރާ އަވަސް ވެގަތެވެ. އޭނާގެ ނަންބަރަށް ނުގުޅެނީސް އެ ފޯނުގެ ސްކްރީންގެ މައްޗަށް އައި މެސެޖްގެ ނޮޓިފިކޭޝަން ލޮލުގައި އަޅައިގަތުމުން އާމިރާ އެ މެސެޖު ހުޅުވާލިއެވެ. އެ މެސެޖަކީ އާޔާގެ މުދައްރިސް ފޮނުވި މެސެޖެކެވެ.

މެސެޖު ކިޔަމުން ދިޔަ އާމިރާގެ މޫނު މައްޗަށް ހައިރާން ކަމުގެ ކުލަވަރު ފެތުރިގެން ދިޔައެވެ. މިއަދު އެކްސްޓްރާ ކްލާސް ކެންސަލް ކޮށްލީ ކަމަށާއި އެހެންވެ ހުރިހާ ކުދިން ގެއަށް ފޮނުވާލީ ކަމަށް މުދައްރިސް ބުނެފައި އޮތެވެ. އާޔާ ގެއަށް ނައިސް އެހާ ލަސްވަންދެން އެ އުޅެނީ ކޮންތާކު ބާއޭ ސުވާލު އުފެދުނު ނަމަވެސް މުދައްރިސާ އެ ސުވާލު ކުރަން އޭނާ ބޭނުމެއް ނުވިއެވެ. ފުތަރަމަ އާޔާ ވީ ތަނެއް ބަލާފައި ނޫނީ މެސެޖު ނުކުރަން އޭނާ ނިންމިއެވެ. ފުރާވަރުގެ އަންހެން ދަރިފުޅަށް ކަމެއް ވީ ބާއޭ ހިތަށް އެރުމުން އާމިރާގެ ވިންދު އަވަސްވެ، ނޭވާ ކުރުވެ، ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރަމުން ދިޔައެވެ.

ނަމާދު ދޮޅި ބޭލުމަށް ފަހު މުސައްލަ ފަތްޖަހަން މަޑުކުރާކަށް ވެސް އާމިރާ ބޭނުމެއް ނުވިއެވެ. އޭނާގެ ފިޔަވަޅުތައް ހަލުވި ވެފައި ހަރަކާތްތައް އަވަހެވެ. ދޮރު ހުޅުވާލުމަށް ފަހު ސިޓިން ރޫމުގައި އެކަނިމާ އެކަނި އިން އިޔާންގެ އަތުގައި ހިފައިގެން އެ ސޮރު ގޮވައިގެން އެގޭގެ މައިދޮރުން ބޭރަށް އާމިރާ ނިކުތީ ބުއްރާސް ކަނޑާފައެވެ. މަންމަގެ ހަރަކާތް އަވަސްވެފައި ހުރި މިންވަރާއި އިޔާންގެ އަތުގައި އާމިރާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އިޔާން ދެބުމަ ގޮށްޖަހާލިއެވެ. ވަކި ހިސާބަކަށް ދެވުމުން އިޔާން އޭނާގެ މަންމަގެ އަތުން ވީއްލެން މަސައްކަތް ކުރަމުން ބޮޑާހާކަން ފެށީ ކޮއްކޮއަށް އެހާ ބާރަށް ނުހިނގޭނެ ކަމަށް ބުނަމުންނެވެ.

*** *** *** *** *** ***

ޖެހިގެން އޮތް މަގަށް ލަނބާލި އިރު ޒަމާނީ ފެންވަރަށް ހަދާފައި ހުރި އިމާރާތުގެ ތެރެއަށް ވަންނަމުން އާމިރާ ސަލާމް ގޮވާލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން މަޑުކުރާކަށް ނުހުރެ، ފައިވާން ބޭލުމަށް ފަހު ގޭގެ އޮޅިގަނޑު ގިރާކޮށް އޭނާ އެތެރެއަށް ވަނީ ހަރީރާ އަށް ގޮވަމުންނެވެ.

ބަދިގެ ފަރާތުން ހަރީރާ ނިކުތީ އާމިރާ ގޮވާ އަޑަށެވެ. އާމިރާ ލޯ ބޮޑު ކޮށްގެން ހުރެ ހަރީރާގެ މަންޖެ، އަޒްކާ މިއަދު ހަވީރު ސްކޫލަށް ދިޔަތޯ ސުވާލު ކޮށްލީ އޭނާގެ އަތުގައި ހިފާ ދަމަމުން ދިޔަ އިޔާންގެ އަތުން ދޫކޮށްލަމުންނެވެ. ދެކޮނޑު އަރުވާލަމުން ނޭނގޭ ބުނާ ގޮތަށް މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން ހަރީރާ އަޑުގެ ނެތްތަނަށް އަޒްކާ އަށް ގޮވާލީ ކޮންމެވެސް ބޮޑު ކަމެއް ލައިގަތީ ހެން އާމިރާގެ މޫނު މަތިން ފެންނަމުން ކުލަވަރުތަކުން ދޭހަވުމުންނެވެ. ހަރީރާއާއި އާމިރާގެ މޫނަށް ބަލާލުމަށްފަހު އެގޭ ސިޓިން ރޫމްގައި ހުރި ސޯފާގައި އިޔާން އިށީނދެލަމުން ހަމަޖެހިލީ އާމިރާ އެ ދިމާއަށް އިޝަރާތް ކޮށްލުމުންނެވެ.

ހަރީރާ ގޮވާ އަޑަށް އެގޭ ގޯތި ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނިކުތް އަޒްކާ ހަރީރާމެން ކުރިމައްޗަށް ހުއްޓެމުން އާމިރާ އާއި ހަރީރާގެ މޫނަށް ބަލާލީ ޖެހިލުން ވެފައި ހުރެއެވެ. އެ ވަގުތު އާމިރާ ކުރިއަށް ޖެހި އަޒްކާއާ ހަތަރު ކަޅި ހަމަކޮށްލަމުން އަހާލިއެވެ. "މިއަދު އެކްސްޓްރާ ކްލާހެއް އޮތްތަ؟ ސްކޫލަށް ދިޔައިންތަ؟"

"އާން. ސްކޫލަށް ދިޔައިން. ދިޔަ ފަހުން އެކްސްޓްރާ ކްލާސް ކެންސަލް ކޮށްލީއޭ ބުނީމަ ދެން ގެއަށް އައިީ"

ސްކޫލަށް ގޮސް ވީ ކަންތައް އޮޅުން ފިލުވައިދެމުން އަޒްކާ މަޑުމަޑުން ވާހަކަ ދެއްކީ ކިޔަމަންތެރިކަމާ އެކީގައެވެ. އެއްޗެއްކޭ ނުބުނެ އާމިރާ ގަނޑުވެފައި ހުރުމުން އަޒްކާ އެނބުރި އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތީ އޭނާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވުމުންނެވެ. އެވަގުތު އާމިރާގެ އަތުގައި ހަރީރާ ހިފާލިއެވެ. އެފަދަ ސުވާލެއް އޭނާގެ ދަރިފުޅާ ކުރި ސަބަބު އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން ހަރީރާ ސުވާލު ކޮށްލިއެވެ. "ކިހިނެއްވީ؟.... މަށަށް ކިޔައިދީބަލަ ތި ވެގެން އުޅޭ ގޮތެއް؟..."

އާމިރާގެ މޫނުމަތިން ފާޅުވަމުން ދިޔަ އޮއްދާތަކުން އޭނާގެ ކަންބޮޑުވުން ސިއްރު ކުރެވޭ ގޮތެއް ނުވިއެވެ. އާމިރާ ދެއްކި ވާހަކަތައް ހަރީރާއަށް ސާފުވީ ކަނުލާ އަޑުއަހަން ހުރުމުންނެވެ. "މަގޭ ދަރި... އާޔާ ސްކޫލަށް ދިޔަ ގޮތަކަށް ގެއަކަށް ނާދޭ... މިހާރު އެއޮއް އަށެއް ޖަހަނީ... ކްލާސް ކެންސަލް ވިއްޔާ އޭނާވެސް ގެއަށް އަންނަން ވާނެ ދޯ..."

އާމިރާ ގާތު ހަމަޖެހޭށޭ ބުނުމަށް ފަހު އަޒްކާ ދިޔަ ކޮޓަރިއާ ދިމާއަށް ހަރީރާ މިސްރާބު ޖެހީ ލައިގެން ހުރި ހައުސްކޯޓް އުފުލާލަމުން ދުރުދުރުގައި ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރީގެ ދޮރު ނުލެއްޕެނީސް އެއް އަތުން ދޮރުގައި ހިފާ ތަންމިނަށް ހުޅުވާލި ހަރީރާ، އަނެއް އަތް އުނަގަނޑުގައި ވިއްދާލަމުން އޭނާގެ ދަރިފުޅާ ސުވާލު ކޮށްލިއެވެ. "އެކޮއެ... މިއަދު ތި ބުނާ ކްލާހަކަށް އާމިރާގެ އާޔާ ދިޔަތަ؟.. އަނެއްކާ އާޔާ ފިރިހެން ކުއްޖަކާ އެކީ ތަނަކަށް ދިޔައީތަ؟"

ކަން ވީ ގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ހަރީރާ އޭނާގެ ދަރިފުޅާ ސުވާލުކޮށްލީ އާމިރާގެ ދަރިފުޅަކީ ފުރާވަރުގެ ކުދިންތަކުގެ ތެރެއިން ފިރިހެނުންނާ ހިތާވަމުން ރަށުތެރޭ ދުވާ ކުއްޖެއް ތޯ ޔަގީން ކޮށްލުމަށެވެ. ނޭނގޭ ބުނާ ޒާތަކަށް ދެކޮނޑު އަރުވާލަމުން އާޔާ ސްކޫލުން ފެނުނު ކަމާއި، ދިޔައީ ކޮންތާކަށް ކާކާ އެކީ ކަން ނޭނގޭ ކަމަށް އަޒްކާ ބުނެ އޭނާ އެނދުގައި ފޮތެއް ހިފައިގެން އޮށޯތެވެ. ހަރީރާ އެނބުރި ދާން ހިންގައިގަތުމުން ކޮޓަރީގެ ދޮރު ލެއްޕެން ދެން އަޒްކާ އޮތީ ފޮތަށް ބަލަހައްޓައިގެންނެވެ.

ބާލިސް ދަށުގައި އޮތް ފޯނު ނަގަން އަޒްކާ އަވަސްވެގަތެވެ. އެ ފޯނުން އޭނާ ޗެޓްލޮގް ހުޅުވާލުމަށް ފަހު ނުހާއަށް މެސެޖެއް ފޮނުވާލިއެވެ. "ހެއި... އާޔާގެ ހަބަރެއްވިތަ؟ އާމިރާއްތަ މި ގެއަށް އައިސްފި.. އާޔާ ގެއަށް ނުގޮސްގެން ކަންނޭނގެ... ކީކޭތަ އަހަރެން ބުނަންވީ"

މާ ގިނަ އިރެއް ނުވެ އަޒްކާ ފޮނުވި މެސެޖް ނުހާ ބަލައިފިކަން އެނގުމުން ހިތްއަވަސްވެފައި އަޒްކާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ނުހާ މެސެޖް ޓައިޕް ކުރަމުންދާ ކަން އަޒްކާ އަށް އިނގޭތީ އަޒްކާގެ އިނީ އޭނާގެ ނަޒަރު ފޯނަށް ހުސްކޮށްލައިގެންނެވެ.

"އެނގޭ ކަމަށް ހަދާނެ ކަމެއް ނެތް... މަށަކަށް ވެސް މި ގަޑީ ނުނިކުމެވޭނެ. މެތްސް މިސް މަ ފިލާވަޅު ނުނިންމާ ވާހަކަ ބުނެގެން މީނީ ގޭ ބަންދު ވެފަ... މާހިލް އަށް ގުޅައިގެން ދޭބަލަ އެ ދިމާއަށް... މިހާރު އޭނާ ނުކުންނަން ވާނެ ދޯ..."

ފޫހި ވައްތަރެއް މޫނު މައްޗަށް ޖައްސަމުން އަޒްކާ އަނެއްކާ ވެސް މެސެޖެއް ޓައިޕް ކޮށްލިއެވެ. "މަށަކަށް ވެސް ނުދެވޭނޭ... އެކަމަކު ދެން މާހިލް އާޔާ ނިކުމޭތޯ ބަލަން ފޮނުވާކަށް މަ ބޭނުމެއް ވެސް ނޫން... އާޔާ އާ މާހިލް މާ ގާތްވާކަށް.. ޔޫނޯ ވަޓް އައި މީން... ހުރޭ އަހަރެން އައްމަޑޭ އަށް އެބަ ގުޅަން..." އެ މެސެޖު ފޮނުވާލުމަށް ފަހު އެމީހުންގެ ކުލާހުގައި އުޅޭ އައްމަޑޭގެ ނަންބަރު ޑައަލް ކޮށްލަމުން އަޒްކާ ކަންފަތުގައި ފޯނު ޖަހާލިއެވެ.

*** *** *** *** *** ***

އާޔާ ދިޔަ ތަނެއް ނޭނގޭ ހާލުގައި ކަންތައް ބޮޑުވެފައި ހުރި އާމިރާއަށް އެގޭ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ފުންމައިގެން ތެދުވެ ދޮރާ ދިމާއަށް ބަލާލިއެވެ. ހުޅުވިފައި ހުރި ދޮރުން ބޭރުގައި ތިބީ ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ އޮފިސަރުންނެވެ. އެ ފުލުހުންގެ ފަހަތުން ގެއަށް އައިސް ވައިން އާމިރާގެ ފިރިމީހާ، ގަފޫރު ފެނުމާ އެކު އާމިރާގެ އިހްސާސްތައް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ ބަޑި ފަޅައިގެން ގޮސް އަޑުން އަޑު ނަގާ ރޯން ފެށި އިރު ކައިރީގައި އިޔާން ހުރި ކަން ވެސް ރޭކާ ނުލިއެވެ.

ގެއަށް އައި ފުލުހުންނަށް ވަގުތުގެ ހައްސާސްކަން ދެނެގަނެވުމުން ގަފޫރު ގޭތެރެއަށް ވަދެ އާމިރާ ހަމައަކަށް އަޅުވަންދެން އެމީހުން ބޭރުގައި މަޑުކޮށްލިއެވެ. އާމިރާ ރޮމުން ގިސްލަމުން އާޔާ ގެއްލިގެން އުޅޭ ކަމުގެ ހަބަރު ގަފޫރަށް ދިނެވެ. އާމިރާ ހަމައަކަށް އަޅުވަމުން އިޔާން ގޮވައިގެން ކޮޓަރިއަށް ދާށޭ ބުނެ، ފުލުހުންނާ ވާހަކަ ދައްކަން ގަފޫރު އަވަސް ވެގަތެވެ.

ގަފޫރާ ވާހަކަ ދައްކައި ފުލުހުން މައުލޫމާތު ނެގުމަށް ފަހު އާމިރާ އާ ވަކިން ބައްދަލުކޮށްގެން ވެސް ފުލުހުން ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އާޔާ ފެނުނު ވަގުތާއި ސްކޫލަށް ދާން ގެއިން ނުކުތް ވަގުތާއި އޭނަ ލައިގެން ހުރި އެއްޗިއްސާއި އާޔާގެ ފޮޓޯއެއް ހޯދުމަށްފަހު ފުލުހުން އެގެއިން ނުކުތީ އެ ކުއްޖާ ހޯދަން މަސައްކަތް ފަށައި، އެ ދެމަފިރިންނަށް ގުޅޭނެ ނަންބަރެއް ވެސް ހޯދުމަށް ފަހުއެވެ.

(ނުނިމޭ)