އިންޑިއާ ސަރުކާރުން އެ ޤައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމަށް ދިވެހި ސަރުކާރަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަދްޔަ ޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން އެ ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ބައެއް މުސްލިމުންނަށް ތުހުމަތުކޮށް އެ ސްޓޭޓުގެ ހޯމް މިނިސްޓަރުގެ އަމުރަށް އެތައް ބަޔަކު ހައްޔަރުކޮށް އެ މުސްލިމުންގެ ގެދޮރަށް ގާނޫނާ ހިލާފަށް ގެއްލުންދީ ސުންނާފަތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ.

ހިންދޫ ދީނުގެ ދުވަހެއް ފާހަގަކުރުމަށް ހިންގި ހަރަކާތެއްގައި މުސްލިމުން އަޅުކަންކުރަން މިސްކިތްތަކުގައި ތިއްބައި މިސްކިތްތައް ކައިރިއަށް އެއްވެ ހިންގި ހަމަނުޖެހުންތަކުގައި މިސްކިތުގައި ތިބި މުސްލިމުން ބައިވެރިވިކަމަށް ބުނެ އިންޑިއާގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މުސްލިމުންނާމެދު އެ ގައުމުގެ ސަރުކާރުން އަނިޔާވެރިވަމުންދާކަމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާއަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާކަންވެސް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ވަރުގަދަ އަނިޔާވެރި އަމަލުތައް ހިންގާއިރު ސައްތައިން ސައްތަ މުސްލިމު ދިވެހިރާއްޖޭގެ ސަރުކާރުން އެކަމާމެދު ބަހެއް ނުބުނެ ހަނު އޮތުމަކީ އެއްވެސް ގޮތަކަަށް ދިވެހިން ބަލައިގަންނާނެ އަދި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން އިތުރަށް ވަނީ އިންޑިއާ ސަރުކާރުން މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ކުށްވެރިކުރުމާއެކު އެ އަނިޔާވެރި އަމަލުތައް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމުގައި ދިވެހި ސަރުކާރުން އިސްނެގުމަށް ގޮވާލައި އިލްތިމާސްކޮށްފައެވެ.