މިދިޔަ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ޕީޕީއެމްގެ ދަފްތަރުގައި ތިބި 5،000 ވުރެ ގިނަ މެންބަރުން އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޕީޕީއެމްގެ ދަފްތަރުގައި ތިބި 5،000 ވުރެ ގިނަ މެންބަރުން އެހެން ޕާޓީތަކަށް "ވަގަށް" ގެންގޮސްފައިވާ ކަމަށެވެ.

ތޮލާލް ވަނީ އެ މައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައެވެ. އެކަން ކުރި ޕާޓީތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅައިދިނުމަށާއި އެ ޕާޓީން ގެއްލުނު މެންބަރުން އަލުން ދަފްތަރު ކޮށް ދިނުމަށްވެސް އެދިފައިވެއެވެ.

ބައެއް މީހުންނަށް ނޭންގި ސިޔާސީ ޕާޓީތަކަަށް ވައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު މިއަހަރުގެ އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ހާމަކުރަން މިހާރު ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ ބައެއް މީހުންނަށް ނޭނގި އެމީހުންގެ ނަންތައް ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ޖައްސާ ކަމަށް ބުނެ އާންމުންގެ ފަރާތުން ވަރަށް ގިނައިން ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މިވަގުތަށް ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ހައްލަކީ ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު ކޮމިޝަންގެ ވެބްސައިޓްގައި ހާމަކުރުން ކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓްރު ފައްޔާޒު އިސްމާއީލް ވަނީ އެމްޑީޕީގެ ދަޕްތަރުގައި ޕީޕީއެމްގެ 20،000 މެންބަރުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.