ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރާ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ގާއިމް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް މޯލްޑިވްސް ނޭޝެނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އެމްއެންޕީން ބުނީ އައްޑޫސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެއްގޮތަކަށްވެސް މި ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެމައްސަލައިގައި ގާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ގާއިމްކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިމިނެއްގައި އެޅުމަށް އެޕާޓީއިން ގޮވައިލާފައެވެ.

މީގެ އިތުރުން މިފަދަ ހައްސާސް މައްސަލަތަކުގައި ކުޑަ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީއިން އަބަދުވެސް މަސައްކަތްކުރާނީ ކުޑަ ކުދިންގެ ހައްގުތައް ކުރިއަރުވައި ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.

އައްޑޫގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.

އެ މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށްފައިވާއިރު އެޕެޓިޝަން މިހާރު 4 މުވައްސަސާއަކަށް ވަނީ ހުށަހަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަންހެނެއް ނަމަވެސް، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފައެވެ.