މައުލޫމާތު ސެޝަންތަކަށް ހުރަސް އެޅޭ ކަމަށާއި، ހިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމަށް ބުނެ، ހިޔާ ފްލްޓްތަކާ ބެހޭ މައުލޫމާތު ސެޝަންތަކާއި ފްލެޓްތަކުގެ ކުލި ބަލައިގަތުން، ހިޔާ ޓަވަރު 11 ގައި ހިޔާ މެނޭޖްމަންޓް ސެންޓަރަށް މިއަދު ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:30 ގެ ނިޔަލަށް ދޭނެ ކަމަށެވެ.

ހިޔާ މެނޭޖްމަންޓް ސެންޓަރަށް ސެޝަންތައް ބަދަލުކުރަން އެޗްޑީސީން ނިންމާފައިވަނީ ހިޔާ ސަރަހައްދުގައި ހިނގަމުންދާ ސެޝަންތަކަށް ހުރަސް އެޅޭތީ ކަމަށް ބުނެއެވެ. އެޗްޑީސީން މިހެން ބުނެފައިވާއިރު، ކުލި ކުޑަކުރުމަށް ގޮވާލައި، އެ ސަރަހައްދުގައި ރެއާއި އޭގެ ކުރީ ރޭ ވެސް އިހްތިޖާޖު ކޮށްފައިވެއެވެ.

އިހްތިޖާޖުގައި ބައިވެރިވި މީހުން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ 5،600ރ އަށް ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށެވެ. އަދި ފްލެޓްތަކުގެ ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވާ އޮއްވާ ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެޗްޑީސީން ދިނުމުން، އިހްތިޖާޖުގެ ބައިވެރިން ވަނީ އެޗްޑީސީން ބިރުދެއްކުން ހުއްޓާލުމަށްވެސް ގޮވާލައިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިރޭވެސް އެ ސަރަހައްދުގައި އިހްތިޖާޖު ކުރިއަށްދާނެއެވެ.

ކުލި ކުޑަކުރުމަށް ގޮވާލުމުގެ އިތުރުން، ހިޔާގެ ބައެއް ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ނުނިމޭތީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށްވެސް އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވާއިރު، މިދިޔަ މަހުގެ ނިޔަލަށް ގްރޭސް ޕީރިއަޑް ވަނީ ހަމަވެފައެވެ. އެޗްޑީސީން ބުނިގޮތުގައި މިމަހުން ފެށިގެން ފްލެޓަށް ކުލި ދައްކަން ޖެހޭނެއެވެ. އެހެންކަމުން މި މަހުން ފެށިގެން ކުލި ދައްކަން ޖެހޭއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުރި އިއުލާނެއްގައި އެ ކޯޕަރޭޝަނުން ބުނީ މިމަހުގެ 10 އިން ފެށިގެން އަންނަ މަހުގެ 10 ގެ ނިޔަލަށް ޖޫރިމަނާއަކާ ނުލާ ކުލި ދެއްކޭނެ ކަމަށެވެ.