އާސަންދަ ސްކީމްގެ ތެރެއިން ކޮރަޕްޝަން ހިންގާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަން އިސްލާހު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ޖާބިރު ވަނީ އާސަންދައިން ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަނީ ކޮން މަސައްކަތްތަކެއްތޯ ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އާސަންދަ ސްކީމުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަން ހިންގާ ވަރު ޖެހޭނީ ބަލަން ކަމަށެވެ.

މިހާރު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އާސަންދަައިގެ ކަންތައްތަކަށް ހަރަދުވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އާސަންދާގައި އެތައް މައްސަލަތަކެއް އެބައުޅޭ ކަމަށާއި އެކަންކަން އިސްލާހު ކުރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެ ކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން އިނގޭތޯ އިއްޒަތްތެރި މެންބަރު. ޔަގީން ކުރައްވާ، އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް

މީގެ އިތުރުން އާސަަންދަ ސްކީމާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، އާސަންދައިގެ ކަންކަން ފާހަގަކުރެވޭ ކަމަށާއި، އަދި އެކަމުގައި އާސަންދައާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މަޝްވަރާތައް ނިމޭގޮތެއްގެ ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.