ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ކުރިއަށްދާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވުމާއި ގުޅިގެންނެވެ.
ނަސީމް ވިދާޅުވީ، ގަމުގައި އެޅުމަށް ނިންމާފައިވާ 50 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ ފީޒިބިލަޓީ ސްޓަޑީ ލިބިފައިިވާ ކަމަށެވެ. އަދި އެ ރިޕޯޓަށް ސަރުކާރުގެ ފަރާތުން ކޮމެންޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މި ޕްރޮޖެކްޓުގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް މިހާރު ކުރެވެންމުންދާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.
ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ.
މި ހޮސްޕިޓަލާއެކު ކެންސަރު ބަލީގެ ތަހުލީލުތައް ކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ހޮސްޕިޓަލް ހުޅުވުމުން ގަމަށް މެޑިކަލް ޓޫރިޒަމް ވެސް ތައާރަފު ވެގެން ދާނެއެވެ. އަދި ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ.
އެ މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ރައީސް އިބްރާހިމް ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެ ދެ ބޭފުޅުން 2019 ވަނަ އަހަރު ކުރެއްވި ވީޑިއޯ ކޯލެއްގައެވެ.