ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވާލާފައި އޮއްވާ ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެޗްޑީސީން އިންޒާރުދީފައި އޮއްވާ، ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ގޮވާލައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިހްތިޖާޖުކޮށްފިއެވެ.

އިހްތިޖާޖުގެ ބައިވެރިން ވަނީ 5،600ރ އަށް ކުލި ކުޑަކޮށްދިނުމަށް ގޮވާލާފައި / ފޮޓޯ: ހިޔާ ޔޫނިއަން

އިއްޔެ ނެރުނު ނޫސްބަޔާނެއްގައި އެޗްޑީސީން ބުނެފައިވާ ގޮތުން، ގާނޫނީ ގޮތުން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވުމަށް ގޮވާލައި ހިތްވަރު ދިނުމަކީ ކުށެކެވެ. އަދި އެ މައްސަލަ ބަލައިދިނުމަށާއި، ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެ، އިންޒާރުދީފައި ވެއެވެ.

ރޭގެ އިހުތިޖާޖުގައި ބައިވެރިވި މީހުން އެއްވެފައިވަނީ ފްލެޓްތަކަށް ކުލި ދެއްކުމަށް އެހީތެރިވެދީ އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީން ބަހައްޓާފައި ހުރި މޭޒުތައް ކައިރިއަށެވެ. ބެނާތައް ހިފައިގެން އެ ސަރަހައްދަށް ބައިވެރިން އެއްވިއިރު، މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ 5،600ރ އަށް ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށެވެ. އަދި އިހްތިޖާޖުގައި ބައިވެރިވި މީހުން ވަނީ އެޗްޑީސީން ބިރުދެއްކުން ހުއްޓާލަންވެސް ގޮވާލައިފައެވެ.

އެޗްޑީސީން އިންޒާރުދީ ނޫސްބަޔާނެއް ނެރެފައިވަނީ ފްލެތްތައް ދޫކުރިތާ ހަތް މަސް ފަހުން ކުލި ނަގަން ފެށުމުން ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވާތީއެވެ. ހިޔާ ޔޫނިއަނުން ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް މީގެ ކުރިންވެސް ގޮވާލާފައިވާއިރު، މީގެ ކުރިންވެސް ކުލީގެ މައްސަލާގައި މުޒާހަރާ ކޮށްފައިވެއެވެ. ހިޔާ ޔޫނިއަންގެ އިތުރުން، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ހިޔާ ފްލެޓްތަކުގެ ކުލި 8،500ރ އިން 5،600ރ އަށް ކުޑަކޮށްދިނުމަށް އެދި ގޮވާލައްވާފައިވެއެވެ.

ކުލި ކުޑަކުރުމަށް ގޮވާލުމުގެ އިތުރުން، ހިޔާގެ ބައެއް ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ނުނިމޭތީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށްވެސް ގޮވާލާފައިވެއެވެ. މިދިޔަ މަހުގެ ނިޔަލަށް ގްރޭސް ޕީރިއަޑް ހަމަވެފައިވާއިރު، އެޗްޑީސީން ބުނެފައިވަނީ މިމަހުން ފެށިގެން ފްލެޓަށް ކުލި ދައްކަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި މަހުން ފެށިގެން ކުލި ދައްކަން ޖެހޭއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުރި އިއުލާނެއްގައި އެ ކޯޕަރޭޝަނުން ބުނީ މިމަހުގެ 10 އިން ފެށިގެން އަންނަ މަހުގެ 10 ގެ ނިޔަލަށް ޖޫރިމަނާއަކާ ނުލާ ކުލި ދެއްކޭނެ ކަމަށެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ ދައްކަން ޖެހޭ ގޮތަށް ވަނީ ސަރުކާރުން ނިންމާފައެވެ. އެހެންކަމުން، އެތަނުގައި ދިރިއުޅޭ މީހުން މަހަކު 8،500ރ ދައްކަން ޖެހޭނެއެވެ. އޭގެ އިތުރުން ފެނާއި ކަރަންޓު، އަދި ކުންޏަށްވެސް ބިލް ދައްކަން ޖެހޭނެއެވެ.