ރޯދަ ވީއްލާ ގަޑީގައި ގިނަ ގޭގޭގެ ސުފުރާ މަތިން ފެންނާނެ އެކައްޗެއް ވެއެވެ. އެއީ ކަދުރެވެ. ރާއްޖޭގެ ބައެއް ރަށްރަޑުގައިވެސް ހެދި ފޯދޭ ކަދުރަކީ، ރޯދަ އަށް ހުންނަ މުސްލިމް އަޅާ އެއެއްޗަކުން ރޯދަ ވީއްލުން ސުންނަތްކަން ގަދަވެގެންވާ އެއްޗެކެވެ.

އިމާމް އަހްމަދު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. "ތިޔަބައިމީހުން ކަދުރު އޮށަކުން ރޯދަ ވީއްލާށެވެ. ނުވަތަ ފެން ފޮދެއް ބޮއިގެން ރޯދަ ވީއްލާށެވެ. އޭރުން ހަށިގަނޑު ތާހިރުވެގެންދާނެއެވެ."

ކަދުރަކީ ދިވެހި ރުއް ހުންނަ ބައްޓަމަށް ނަމަވެސް އޭގެ ރުއްގަނޑާއި ފަންތައް ތަފާތުކޮށް މައްޗަށް ހެދޭ ރުކެކެވެ. ބައެއް ރުއް މާ މައްޗަށް ނުހެދި ކަދުރު އެޅި ނަމަވެސް ބައެއް ރުކުގައި ކަދުރު އަޅަނީ 15 ވަރަކަށް ފޫޓަށް ހެދޭ ފަހުންނެވެ. ކަދުރު ރުކަކީ މޭވާ އަޅާ ޒާތުގެ ގަސްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ގަހުގެ ބާވަތް ކަމަށް ބައެއް ލިޔުންތަކުގައި ނުބެއެވެ. ކަދުރު ރުއް ފުރަތަމަ ފެނުނު ތަނެއް ބުނެދޭން ނޭނގޭ އިރު ބައެއް މީހުން ބުނާ ގޮތުން ކަދުރު ރުއް ފުރަތަމަ ހެދިގެން އައީ އިރާގުގައެވެ. އަދި އަނެއް ބަޔަކު ބުނަނީ ކަދުރު ރުއް ފުރަތަމަ ހެދުނީ ސައުދީއަރަބިއްޔާގައި ކަމަށެވެ. ނަމަވެސް ކަދުރު ރުއް އާންމު ކޮށް ހެދެނީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ގައުމުތަކުގައިކަން އެނގެން އެބައޮތެވެ.

ބ. ތުޅާދޫގައި އޮންނަ ކަދުރު ޕާކުގައި ދެމީހަކު ހަރަކާތްތެރި ވަނީ / ފޮޓޯ: ތުޅާދޫ ސްޕޯޓްސް ކްލަބް

ހޫނު މާހައުލުތަކުގައި ފަޅާ ކަދުރު ރުކަކީ ފުރާ ފުރިހަމަވާން ގިނަ ދުވަސްތަކެއް ނަގާ ރުކެކެވެ. އަދި ކަދުރު ރުކުގައި އަންހެން ރުއް އަދި ފިރިހެން ރުއް ހުންނަ އިރު އަންހެން ކަދުރު ރުކެއް އިންދާތާ 5 އަހަރުގެ ތެރޭގައި ފޯދި ކަދުރު އަޅައެވެ.

ދީނީ ގޮތުން ބަލާއިރުވެސް ކަދުރު ހާއްސައެވެ. އިސްލާމް ދީނުގެ އަލީގައި، ނަފްސަށް ފަރުވާދޭނެ ގޮތްތައް ބަޔާންކޮށްދެއްވަމުން، މުސައްނިފު އާމިރު އަޔާދު، އޭނާގެ ފޮތް، "ހީލިންގް ބޮޑީ އެންޑް ސޯލް"ގައި ލިޔުއްވާފައި ވާ ގޮތުގައި، ކީރިތި ޤުރުއާނުގައި، ކާތަކެތީގެ މަސްދަރުތަކުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ނަންގަނެވިފައި ވަނީ ކަދުރުގެ ވާހަކައެވެ.

"އަދި ހަލްޤުތަކުންނަށްޓަކައި އެ ކަލާންގެ ބިން ލައްވާފައިވެއެވެ. އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ."

(އައް-ރަޙްމާން ސޫރަތް، 10-11)

"އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަސްރަސްކަލާންގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ."

(ޔާސީން ސޫރަތް، 34)

މި އުއްމަތުގެ ރަސޫލާ މުހައްމަދު صلى الله عليه وسلم، އިތުރު ކާތަކެއްޗާއެކު ކަދުރު ފަރީއްކުޅުއްވުމަށް ގަޔާވެވަޑައިގަތެވެ. އެގޮތުން، ކިއުކަމްބާއާއެކު ކަދުރު ފަރީއްކުޅުއްވިއެވެ. މީގެ އިތުރުން، ބަޓަރު، ޕާން އަދި ކަރައާއެކުވެސް އެކަލޭގެފާނު ކަދުރު ފަރީއްކުޅުއްވިއެވެ.

ރޯދަ ވީއްލާ ވަގުތުގައިވެސް، ވީ ވަރަކުން ކަދުރު ބޭނުން ކުރުމަށް ރަސޫލާ މުހައްމަދު صلى الله عليه وسلم، ވަނީ އިރުޝާދު ދެއްވާފައެވެ.

ކަދުރު ރުކަކީ ކީރިތި ޤުރުއާނުގެ އެތަށް ތަނެއްގައި ފާހަގަކޮށްފައިވާ ގަހެކެވެ. ހާއްސަކޮށް މާތް ﷲ ގެ މުއުޖިޒާތްތަކާއި އެކަލާނގެ އިންސާނުންނަށް ދެއްވި ރަހްމަތްތަކުގެ ވާހަކަތަކާ ގުޅުވައިގެންނެވެ.

އީސާ (އަލަހިއްސަލާމް) ގެ މަންމާފުޅު މަރިޔަމްގެ ފާނުގެ ވާހަކަ ބަޔާންކޮށްފައިވާ ސޫރަތް 'މަރިޔަމް'ގެ 25 ވަނަ އާޔަތުން 26 ވަނަ އާޔަތަށް މާތް ﷲ ވަހީކުރައްވާފައި ވެއެވެ.

"އަދި ކަމަނާއާ ދިމާލަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ. އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. ފަހެ ކަމަނާ ފަރީއްކުޅުވައި، ފެންފޮދު ހިއްޕަވާ، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ."

އާއިލާއެއްގެ މެންބަރުން ކަދުރު ކަނީ

ކަދުރުން ލިބޭ ސިއްހީ ފައިދާ

ކަދުރު އޮށެއްގެ 70 އިންސައްތަ އަކީ ހަކުރުގެ ބާވަތްތަކެވެ. ރޯދައަށް ހުންނަ މީހެއްގެ ގައިން އެންމެ އަވަހަށް ދަމާލާނީ ހަކުރު ކަމަށްވާ އިރު ރޯދަ ވީއްލާ ވަގުތު ކަދުރެއް ކާލުމުން ލިބޭ ފައިދާ ގިނަގުނައެވެ. ކަދުރުގައި ހިމެނޭ އިތުރު މައުދަނުތަކުގެ ތެރޭގައި އަޔަން، ޕޮޓޭސިއަމް، މެގްނީސިއަމް، ސަލްފާ، ކޮޕާ، ކެލްސިއަމް، އަދި ފޮސްފަރަސް ހިމެނެއެވެ. މިއީ ހައްތަހާވެސް ހަށިގަނޑުގެ އެކި ގުނަވަންތަކަށް މުހިންމު ބާވަތްތަކެވެ. މީގެ އިތުރުން ވިޓަމިންގެ ބާވަތްތަކާއި ފެނާއި ޕްރޮޓީން ވެސް ކަދުރުގައި ހިމެއެވެ.

1 ކިލޯ ކަދުރުން އިންސާނާގެ ހަށިގަނޑަށް 3،470 ކެލަރީސްގެ ހަކަތަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބިދޭ އިރު ކަދުރުގެ ކުޑަ މިންވަރެއް ކައިގެން ވެސް ހަކަތަ ލިބިގެންދާނެއެވެ. އަދި މިއީ މުޅި ދުވަހު ނުކައި ހުރެ ލިބިފައިވާ ވަރުބަލިކަން ކުޑަވަގުތުކޮޅަކަށް ނަމަވެސް ފިލުވާލާނެ ފަދަ މޭވާއެވެ.

ހަށިގަނޑަށް ފައިދާހުރި ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ ކަމަށް ވެސް ބުނެއެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް އެކުލެވިގެން ވާ އިރު ބަނޑު ހިކުން ފަދަ ކަންކަމުން ފެށިގެން، ހިތުގެ ބައްޔާއި ކެންސަރު ބަލީގެ މީހުންނަށްވެސް ކަދުރަކީ މޮޅު އެއްޗެކެވެ.

ކަދުރުގެ ކޮންމެ 100ގ އެއްގައި ހިމެނޭ ފައިދާތައް ފެންނަޓޭބަލް އެއް

ކަދުރުގައި ފެނަށް ގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަނގަޅު އެއްޗެކެވެ.

ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސް ސަބަބުން ގޮހޮރުގެ އެކިއެކި މައްސަލަތަކަށް ލުއިކަން ގެނެސް ދެއެވެ. ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ.

ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުފަދަ ބަލިތައް އުފަންވެގެން އައުން ކުޑަކޮށްދޭ ކަމެކެވެ.

ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެކެވެ.