ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މިވަގުތު ކުލި ނުދައްކައި މަޑުކޮށްގެން ތިބުމަށް ހިޔާ ޔޫނިއަނުން ގޮވާލައިފިއެވެ.

މިގޮތަށް ހިޔާ ޔޫނިއަނުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން އެދިފައިވަނީ، ކުލި ނެގުން ފަސްކޮށްދިން ގްރޭސް ޕީރިއަޑްގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެ، މިމަހުން ފެށިގެން ކުލި ނަގަމުން ދާނެ ކަމަށް އެޗްޑީސީން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މި މަހުން ފެށިގެން މެއިންޓަނެންސް ފީ ހިމަނައިގެން ޖުމްލަ 8،500ރ މަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ހިޔާ ޔޫނިއަނުން ބުނީ، މިމަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގާނެ ކަމަށް ބުނެ އެޗްޑީސީން ނެރުނު އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، މެއިންޓަނެންސް ފީ ހިމެނޭ ގޮތަށް ފްލެޓްތަކުން ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ.

"މެއިންޓަނެންސް ފީ ނެގޭނީ އެގްރިމަންޓުގައި ބުނެފައިވާ ފަދައިން ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑުތައް މެދުވެރިކޮށެވެ. އަދި މިކަން ޖުމްލަ 6 މަސް ދުވަހުގެ ތެރޭގައި އެޗްޑީސީން ނިންމަން ވާނެ ކަންވެސް ވަނީ ހިޔާގެ ވެރިންނާ އެކު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައެވެ." އެ ޔޫނިއަނުން ބުންޏެވެ.

އެ ސަބަބުތަކާ ހެދި، އަދި ހިޔާ ޝަހަރުގައި ހުރި ބައިވަރު މައްސަލަތަކާއި، ވަކިވަކި ފަރާތްތަކުގެ ހާލަތާއި، ރަމަޟާން މަހުގެ މި ދަނޑިވަޅުގައި ފްލެޓްތަކުން ކުލި ނެގުން އަވަސްކަމުގައިވެސް އެ ޔޫނިއަނުން ބުންޏެވެ.

އެހެންކަމުން މެއިންޓަނަންސް ފީ އާއި ކުލި ނެގުން މި ވަގުތަށް ހުއްޓާލުމަށް އެޗްޑީސީއަށް ގޮވާލައި، މިވަގުތު ކުލި ނުދައްކައި ތިބުމަށް ފްލެޓްތަކުގެ ވެރިންގެ ކިބައިން ހިޔާ ޔޫނިއަނުން ވަނީ އެދިފައެވެ.

އަދި ފްލެޓްތަކުގެ ކުލި ދެއްކުމުގެ ކަންކަން އޮމާން ކަމާއެކު ކުރިއަށްދާ ވާހަކައާއި ފްލެޓްތަކުގެ ކުއްޔާ ގުޅިގެން ބޮޑު ޝަކުވާއެއް ނުލިބޭކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުޙައިލް އަޙުމަދު ވިދާޅުވެފައިވާ ވިދާޅުވުންވެސް އެ ޔޫނިއަނުން ވަނީ ކުށްވެރިކޮށްފައެވެ.

"ހިޔާ ޔޫނިއަނުން މިހާރުވެސް މި ގެންދަނީ ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމާއި އަދިވެސް ހުރި އެތައް އެތައް މައްސަލަތަކަށް ވަކާލާތުކޮށް ހައްލު ހޯދަން މަސައްކަތް ކުރަމުންނެވެ." އެ ޔޫނިއަނުން ބުންޏެވެ.