ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާ ސަބަބު ހޯދަން ދިރާސާއެއް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު އާރޯކޮށް އަލުން ފެށުމަށް ސަރުކާރުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިގޮތުން ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކެއިން ބުއިމާއި މާހައުލުގެ ޒަރީއާއިން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް، އަދި ވަކިން ހާއްސަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް ވަނީ ފެށިފައި
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު، ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ، އެކަންކަމަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕެންޑެމިކްތަކާ، ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވެސް، ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް 'ރެޒީލިއެންޓް' ނުވަތަ ވިލުންވެރި ބަޔަކަށް ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.