ހިޔާ ފްލެޓު ސަރަހައްދުގެ 10 ފިހާރައަކުން މިހާރު ހިދުމަތްދޭ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ހިޔާފުލެޓު H1 ގައި “ހަޒާޝް” އިން ވަނީ ރީޓެއިލް ފިހާރައެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެ ފިހާރައަކީ ހިޔާ ފުލެޓުތަކުގައި ހުޅުވި 10 ވަނަ ފިހާރަ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު އެ ސަރަހައްދުން އާއްމު ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް މީގެ ކުރިން ވަނީ ގިނަ ބަޔަކު ކޮށްފައެވެ.

ހިޔާ މަޝްރޫއުގައި 6720 ހައުސިން ޔުނިޓް ހިމެނޭ ގޮތަށް 16 ޓަވަރު ވަނީ އަޅާފައެވެ. އެ ޓަވަރުތަކުގައި 40،000 މީހުންނަށް ދިރިއުޅެވޭ އިރު، ހުރިހާ ޓަވަރުތަކެއްގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ކުއްޔަށް އުޅޭ މީހުންގެ ބޭނުންތައް ފުއްދުމަށް ކޮމާޝަލް އަދި އިންސްޓިޓިއުޝަނަލް ބޭނުން ތަކަށެވެ.

އެގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލާފައެވެ. މިދިޔަ ހަފްތާގައި ހިޔާ ފްލެޓުގެ 15 ވަނަ ޓަވަރުގައި ވަނީ ސެލޫނެއް ވެސް ހުޅުވާފައެވެ.

ހިޔާ ފްލެޓް ތަކުގައި މީހުން އުޅެން ފަށާފައި ވީ ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އަދިވެސް ފިނިޝިންގެ މަސައްކަތް ނުނިމި އެތައް ފްލެޓެއް އެބަހުއްޓެވެ.