ބާޒާރުގައި ލުނބޯ ހުސްވެފައި ވަނިކޮށް މިދަނޑިވަޅުގައި ރާއްޖެއިން ބޭރުން ލުނބޯ ގެނެސްފައި ވީ ނަމަވެސް އަގުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

މިއަދު ލުނބޯ ކިލޯއެއް ވިއްކަން ހުރީ، 90ރ. އިން ފެށިގެން ގޮސް 120ރ. އާ ދެމެދުގައެވެ.

ބައެއް ވިޔަފާރިވެރިން ބުނީ، އަދި ލުނބޯ އަގުހެޔޮ ނުވާނެ ކަމަށާއި ރާއްޖޭން ބޭރުން ގެނައި ލުނބޯކޮޅު މިހާރު ވިކިފައި ވާކަމަށެވެ. އެހެން ވުމާއެކު ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ލުނބޯ ނުލިބޭކަމަށް ބުންޏެވެ.

"އަގުތައް އަދި ތިރިއެއް ނުވާނެ. އެންމެ ކޮންޓެއިނަރެއް ގެނައި. އެ ވިކި ހުސްވެއްޖެ ކަމަށް ވަނީ. ދެން އަހަރެމެނަށް މި ލިބެނީ އެތިކޮޅެއް. އެހެންވީމަ އަގު ހެޔޮ ނުވަނީ"
ލޯކަލް މާކެޓުގެ ގޮޅިއެއްގެ ސޭޓެއް

ބާޒާރުގެ އެހެން އަގުތަކަށް ބަލާއިރު، މިރުހުގެ އަގުވެސް ދަށެއް ނުވެއެވެ. ކަނޑޫދޫ މިރުސްކަމަށް ބުނެ ވިއްކާ މިރުސް ހުރީ 690ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގައެވެ. ލ. އަތޮޅު މިރުސް ހުރީ 500ރ. އިން މަތީގައެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ބަލާއިރު، މިރުސް ތިޔާއްގެވެ. އެހެން ނަމަވެސް އަގު ދަށް ނުވާތީ ސުވާލުކޮށްލުމުން ވިޔަފާރިވެރިން ބުނީ، އަދި ވެސް އަގުތައް ދާނީ މައްޗަށް ކަމަށާއި ބޭނުންވާ ވަރަކަށް މިރުހެއްވެސް ނުލިބޭ ކަމަށެވެ.

މާރުކޭޓް ގޮޅިއެއްގައި ވިއްކަން ހުރި މިރުސް / ފޮޓޯ: ދަ ޕްރެސް

ބާޒާރުގެ އެެހެނިހެން އަގުތައް:

  • ކުރުނބާ ފުޅިއެއް 120ރ.
  • ކެރެޓް ކިލޯ 25ރ.
  • ކަރާ ކިލޯ 25ރ.
  • ފޭރު ކިލޯ 60ރ.
  • ބަޓާނާ ކިލޯ 65ރ.
  • ފާގަ ކިލޯ 50ރ.
  • ފަޅޯ ކިލޯ 50ރ.

ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތައް ހުރީ އާންމު އަގުތަކުގައެވެ. އަގު ބޮޑުވެގެން ފާހަގަ ކުރެވެނީ މިރުހާއި ލުނބޮއެވެ. މިރުހާއި ލުނބޮއަކީ ކޮންމެ އަހަރަކުވެސް ރޯދަމަހު އާންމުކޮށް އަގުބޮޑުކޮށް ވިއްކާ 2 ބާވަތެވެ. ފާއިތުވި 2-3 ރޯދަމަހުވެސް މިރުހުގެ އަގު ބޮޑުތަނުން ބޮޑުކޮށް ހުރިކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ލޯކަލް މާރުކޭޓުގައި ވިއްކާ ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކާ ބާވަތްތަކެވެ. ރާއްޖޭގައި ހައްދާ ބާވަތްތައް ވިއްކަން ހުންނަ ނިސްބަތް މަދު ނަމަވެސް "ކަނޑޫދޫ" މިރުސް ފަދަ މަދު ބާވަތްތަކުގެ އަގު ހުންނަނީ އަތް ނުފޯރާ ފަށުގައެވެ.