ކޮންމެ ރޯދަމަހަކީ، ވިޔަފާރިވެރިންނަށް އަންނަ "ބޮޑު އީދެއް" އެވެ. ބައެއް ވިޔަފާރިވެރިން ރޯދަ އަށް މުދާ ހައްދައިގެން އާދޭތޯ ބަލަބަލާ ތިބޭ އިރު އަނެއްބައި ވިޔަފާރިވެރިން މުދާ ހައްދަނީ، ރޯދަ ފެށޭފަހުން ލިބޭ ގޮތަށް ބަލައިގެންނެވެ.

ރޯދަ އަށް އާންމުން ތައްޔާރީތައް ވާން ވިޔަފާރި ކުރަމުން ދާއިރު، ބައެއް ވިޔަފާރިވެރިން، އެމީހުންގެ އަތުގައި ހުންނަ ސްޓޮކް ނެރެނީ އެތިއެތިކޮޅުން ކުޑަކޮށެވެ. އެއީ އާންމުން ތަކެއްޗަށް ބޭނުންވާ މިންވަރަށް ބާޒާރުގައި ތަކެތި ނެތީމައި އަގު ބޮޑުވާނެކަން އެނގޭތީ ބޮޑުފައިދާ ހޯދަން ކުރާ ކަމެކެވެ.

އެއީ ވިޔަފާރީގެ އުކުޅެކެވެ. ކިތަންމެ އަގު ބޮޑު ކުރިޔަސް ބޭނުން ޖެހިފައި ހުންނަ މީހާ ގަންނާނެކަން އެނގޭތީ ކުރާ ކަމެއެވެ.

މަމީ އޭގެ އެކަކެވެ. ގޭގައި މިރުސްކޮޅެއް ނެތިގެން އަންހެނުން ފިހިގަނޑު ހިފައިގެން ނުކުތުމުގެ ކުރިން ބާޒާރު މައްޗަށް ދިޔައީއެވެ.

ދެ ހިޔާލެއްގައި ހުރެ ގޮސް ބަލާލި އިރު، ކޮންމެ އަހަރެއްގެވެސް ރޯދަމަސް އަންނަ އިރު، ރާއްޖޭގެ ބާޒާރުގައި ފީ ހޮވައިގެން ވިއްކަން ހުންނަ އެއްޗެހި ރަނަށް ވާގޮތަށް މިހާރުވެސް ހުރީ ރަނަށް ވެފައެވެ. އެހާވެސް އަގުބޮޑެވެ. ދެން ހުންނަނީ މުޅިންވެސް ކަނޑޫދޫ މިރުހާއި ވިއެޓްނާމް ލުނބޮއެވެ. އެ އެއްޗެހީގެ އަގުވެސް އެހާ ބޮޑެވެ.

މިއަހަރުގެ ރޯދަމަސް ދިވެހިންނާ ބައްދަލު ކުރި އިރު މާލޭގެ ބާޒާރުގައި ލުނބޮއެއް ނެތެވެ. ހުރީ ފީހޮވާށެވެ. އެވެސް ވިއްކީ ކިލޯއެއް 150ރ. އަށެވެ. މިރުސް އޭރު ހުރީ 800ރ. އިން މަތީގައެވެ.

މާރުކޭޓް ގޮޅިއެއްގައި ވިއްކަން ހުރި ލުނބޯ ފޮށިގަނޑެއް / ފޮޓޯ: ދަ ޕްރެސް

މިއަދު މާރުކޭޓުގެ އަގުތައް

މިއަދު ލޯކަލް މާރުކޭޓަށް ވަން އިރުވެސް މިރުހާއި ލުނބޮއިން މާ ބޮޑު ލުޔެއް ނުފެނެއެވެ. އެ ބުނާ ކަނޑޫދޫ މިރުސް ހުރީ 690ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގައެވެ. ލ. އަތޮޅު މިރުސް ހުރީ 500ރ. އިން މަތީގައެވެ. ލުނބޯ ކުޑަކޮށް ތިޔާގި ނަމަވެސް، ވިޔަފާރިވެރިން އެ ވިއްކަނީ 90ރ. އިން ފެށިގެން 120ރ. އާ ދެމެދުގައެވެ.

"އަގުހެޔޮ ކުރަން ދަނީ އެސްޓީއޯ އަށް، އެމީހުން ވިއްކަނީ ނު 1 ކިލޯ 1 ކިލޯ، އަހަރެން ނުވިއްކަނީ"
ބިދޭސީ ސޭޓެއް

މާރުކޭޓް ގޮޅިއެއްގައި ހުރި ބިދޭސީ ސޭޓް ކައިރީ "މާ އަގުބޮޑޭ" ބުނީމައި ބުނީ އެހެންނެވެ. އަހަރެން އިތުރަށް ޝަކުވާ ކުރަމުން، ލުނބޯ ކޮންޓޭނަރު ވައްދައިފި ނޫންހޭ ބުނީމާވެސް ބުނީ، ލުނބޯ ވެއްދިޔަސް "ނުވިއްކަނީ" ކަމަށެވެ. ބާޒާރުގެ ވެރިންނަނީ މިއަދު ބިދޭސީންނަށް ވީމައި އަހަރެން ދެން އިތުރަކަށް އެއްޗެއް ނުބުނަމެވެ.

އެސްޓީއޯއިން 45ރ. އަށް ލުނބޯ ވިއްކައޭ ބުނީމައި ދިޔައީ ދެން އެތަނަށެވެ. އެތާނގައި ކިލޯ ކިރާ ކޮތަޅުކޮތަޅަށް ލުނބޯ އަޅާފައި ހުއްޓާ ފެނުނެވެ. ނަމަވެސް ކިއުގައި ހުރެގެން ލައްވާލި އިރު ހުރިހާ ކޮތަޅެއް ހުސްވެއްޖެއެވެ. ދެން އަހަރެން ނުކުމެ އަތޮޅުފިހާރަބަރިއަށް އަރާލި އިރު، އެތާނގައި ލުނބޮއެއް ވިއްކަން ހުރިއްޔާ ހުރި ތަނެއްގައި 100ރ. ގެ މިކޮޅަކު ނުވިއްކައެވެ.

އެސްޓީއޯގެ އެގްރި ސެންޓަރުގައި ލުނބޯ، ކިލޯ ކިރައިގެން ކޮތަޅުކޮތަޅަށް އަޅާފައި ---

ބާޒާރުގައި ވިއްކަން ހުރި އެހެން ބައެއް ބާވަތްތަކުގެ އަގަށް ބަދަލެއް ނާދެއެވެ. ކެރެޓް ކިލޯ 25ރ.، ކަރާ ކިލޯ 25ރ. ކުރުނބާ 120ރ. ދޮންކެޔޮ، ފޭރު، ޓޮމާޓޯ، އާފަލު، އޮރެންޖް ހުރީ އާންމު އަގުތަކުގައެވެ.

އަހަރެން ބާޒާރު މައްޗަށް އެރީ ތަންކޮޅެއް އަގުހެޔޮ ވެދާނެކަމަށް ބަލާފައެވެ. ނަމަވެސް އުއްމީދު ގެއްލުމުން އެއްގަމުތެރެއަށް އަރައިގެން ދަނިކޮށް ދިމާވި އޮޅިގަނޑެއްގެ މަތީގައި 3 ބިދޭސީއަކު ލުނބޮއާއި މިރުހާއި ތަރުކާރީ އަދި ބައެއް މޭވާ އަތުރައިގެން ތިއްބާ ފެނުނެވެ. ކައިރިކޮށްލާ އަގު އަހާލި އިރު، އެމީހުން 100ރ. އަށް ލުނބޯ ވިއްކައެވެ. ކޮންތަނެއްގެ ލުނބޮއެއްތޯ އަހާލީމައި ބުނީ، ވެއިޓްނާމް ލުނބޯ ކަމަށެވެ. އަހަރެން އަގުގެ ވާހަކަ ދެއްކީމައި އެމީހުންވެސް ބުނީ އެސްޓީއޯއަށް ދިޔުމަށެވެ. ޖަވާބުގައި އެސްޓީއޯއަކުން ނުލިބުނޭ، ހުސްވެއްޖޭ އަހަރެން ބުނީމައި ބުނީ، އެމީހުން މީހުން ފޮނުވައިގެން ކިއުޖައްސައިގެން ގަނެގެން ކުޑަކޮށް ނުވިއްކެނީ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި މީހަކު މިރުސް ވިއްކާއިރު، ގަންނަން ގޮސް އުޅޭ މީހުން މިރުސް ބަލަނީ / ފޮޓޯ: ދަ ޕްރެސް

މިރުހާއި ލުނބޯ ނޫން ގޮތެއް

ރާއްޖޭގައި އޮންނަނީ ފްރީ ޓްރޭޑް ކަމަށް ވާތީ، ކޮންޓްރޯލް ކޮށްގެން ވިއްކާ އެއްޗެއް ފިޔަވާ ދެން ހުންނަ ކޮންމެ މުދަލެއް، އެމީހަކު ހިތުހުރި އަގަކަށް ވިއްކޭނެއެވެ. ކޮންޓޭނަރު ވަނުން ލަސްވުމާއި، ކުލި ބޮޑުވުމާއި، ގެންގުޅޭ މުވައްޒަފުންގެ މުސާރަ ބޮޑުވުމާއި، ތެލުގެ އަގުބޮޑުވުމާއި ދެން މިހެން ގޮސް ހައްތާވެސް މުދަލުގެ އަގުބޮޑުކުރަން ޖެހޭ ހުއްޖަތެވެ.

ބާޒާރުގެ 90 ޕަސެންޓް ކޮންޓްރޯލް ނަގާފައި ވަނީ ބިދޭސީންނެވެ. ރަށްރަށުގައި ހައްދާ ދަނޑުތަކާ ހަމައިން ފެށިގެން، ރާއްޖެއަށް އެތެރެ ކުރާ މޭވާއާއި، ތަރުކާރީގެ ރާއްޖޭގެ އެޖެންޓުކަންވެސް ތިބެނީ ހޯދައިގެންނެވެ.

"ބިދޭސީންނަށް އެހެން ވިޔަފާރިއެއް ނުކުރެވޭ، ދިވެހިންނަށް ހުއްދަ އޮންނާނީ، ފިޔަވަޅު އަޅާނަނަ"
އޮފިޝަލެއް

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ބުނީ، އަހަރެން ކިޔައިދިން ގޮތަށް ބިދޭސީންނަށް ހުއްދަ ނެތި ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ވިޔަފާރި ކުރަންޏާ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

ދެން އެއީ، އަބަދު ދައްކާ ވާހަކައެކެވެ. އެޅޭ ފިޔަވަޅެއް އަޅާ ފިޔަވަޅެއް ފެންނާކަށް ނެތެވެ. ބިދޭސީން ވިއްކިއްޔާ ކައްކައިގެން، ދިނިއްޔާ ކައިގެން ދިވެހިންނަށް އުޅެން ޖެހިފައި އޮތް މިގައުމުގައި ރަހަ ހެޔޮވަރު ވިޔަސް ނުވިޔަސް، މިރުހާއި ލުނބޯ ނޫން ގޮތެއް ރޯދަމަސް ނިމެންދެން ހޯދަން އެބަޖެހެއެވެ. ގަނެވޭވަރަށް ވުރެ އަގުތައް ބޮޑީއެވެ.