ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ދެ މީހަކު ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެގޮތުން ބަންދުން ދޫކޮށްލުމަށް ނިންމާފައި ވަނީ، އެ މައްސަލައިގައި އެންމެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރި ޕީއެންސީގެ ކައުންސިލް މެންބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ.

އެ ދެ މީހުން ދެ މަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ބަންދު މުރާޖައާ އަޑުއެހުމުގައި، ބޭސްފަރުވާއާ ގުޅޭގޮތުން އެ ދެ މީހުންގެ ފަރާތުން ފާހަގަ ކުރި ކަންކަމާ ގުޅިގެންނެވެ. އެ ދެމީހުން ބަންދުން ދޫކުރީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިނުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތު ކޮށްފައެވެ.

ޝަހީބްގެ ވަކީލުން ބުނީ އޭނާ އަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމަށާއި ނަފްސާނީ އިތުރު ޓެސްޓްތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އެކަން ކަރެކްޝަންސުން ނުކުރާ ކަމަށާއި ޑޮކްޓަރުން ދޭ ލަފައާ ބެހޭގޮތުން ވެސް އެ އިދާރާ އިން އޮޅުވާލައިގެން ވާހަކަ ދައްކާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި މައިބަދައިގެ މައްސަލައެއްގެ ސަބަބުން މީގެ ކުރިން ވެސް ޝަހީބަށް ފަރުވާ ދޭން ޖެހުނު ކަމަށް ވަކީލުން ވިދާޅުވިއެވެ. ދައުލަތުން ބުނިގޮތުގައި އޭނާ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ފަރުވާ ދެއެވެ. އަދި އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ދައްކާ ކަމަށް ދައުލަތުން ބުނެއެވެ.

ޝަހީބް ބުނީ އޭނާ ޑޮކްޓަރަށް ދައްކަނީ ޖަލުގައި ތިބޭ އެންމެން ކޮންމެ ދެ ހަފުތާއަކުން ޖަލުގެ ޑޮކްޓަރަށް ދައްކާ އުސޫލުން ކަމަށެވެ. އަދި އެކި ސިއްހީ މައްސަލަތައް ދިމާވާތީ އެކަމާ ބެހޭ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖަލުގެ ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަންސުން އެކަން ނުކުރާ ކަމަށް އޭނާ ބުނެއެވެ.

މި މައްސަލްަިއގައި ދެން ބަންދުން ދޫކޮށް އަހުމަދު މޫސާގެ ވަކީލުން ބުނީީ، ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫ ނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައި އެބައޮތް ކަމަށެވެ. އެހެންވެ، ބަންދާ މެދު އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އަހުމަދު މޫސާގެ ސިއްހީ ފަރުވާއާ ގުޅޭ ކަންކަން ވެސް ދައުލަތުގެ ކިބައިން ސާފު ކުރައްވާފައެވެ. އަދި އެއްވެސް މީހަކަށް ގެއްލުން ވާނެ ގޮތަށް ކޯޓުތަކުން ނިންމުންތައް ނިންމާފައި ނުހުންނާނެ ކަމަށާއި ބަންދުގައި ތިބޭ މީހުންގެ ހާލަތަށް ކޯޓުތަކުން ބަލާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ދައުލަތުން ބުނީ މީގެ ދެ މަސް ކުރިން އަހުމަދު މޫސާ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އިތުރު ޓެސްޓްތަކެއް ހަދަން ލަފާ ދިނަސް، ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން އެކަން މިހާތަނަށް ނުކުރެވޭ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އެކަން ކުރާނެ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ދައުލަތުން ބުނެއެވެ.

ޓެސްޓެއް ނުހެދި، ދެ މަހަށް ވުރެ ދިގުވެެގެން ގޮސްފައިވާއިރު އެއީ އެކަށީގެންވާ މުއްދަތެއްތޯ އިސްގާޒީ ސުވާލު ކުރެއްވިއެވެ. ގާޒީ ވިދާޅުވީ ބޭސްފަރުވާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ދައުލަތަށް ގިނަ ފުރުސަތުތަކެއް ކުރިން ދީފައިވާ ކަމަށެވެ. އެހެންވެ، ބޭސްފަރުވާއަށް ދެ މަހަށް އެ މީހުން ބަންދުން ދޫކޮށްލަން ނިންމެވީ ކަމަށެވެ.