އިސްލާމްކަމުގެ ތިން ވަނަ ރުކުން ކަމަށްވާ ރޯދަ ހިފުމަކީ މުސްލިމް އަޅުތަކުން މާތް ﷲ އަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އެއް އަޅުކަމެވެ. ރޯދަ ހިފުމުގެ މުހިންމު ކަމާއި މާތްކަން ކީރިތި ޤުރުއާނުގައި ވެސް ބަޔާންވެގެންވާ އިރު އަބޫ ހުރައިރާ (ރަޟިޔަﷲ އަންހު) ރިވާކުރެއްވި ގުދުސީ މި ހަދީސުން ވެސް އެކަން ހާމަވެއެވެ. އެ ހަދީސްގެ މާނައިގައި ވަނީ ރޯދަ ފިޔަވައި އާދަމުގެ ދަރިޔާ ކުރާ ކޮންމެ ކަމެއްގެ ސަވާބާއި ދަރުމަ ވަނީ އޭނާގެ އަމިއްލަ ނަފުސަަށެވެ. އެހެން ނަމަވެސް ރޯދައަކީ ތިމަންރަސްކަނލާގެ (ﷲ) އަށް ހާއްސަވެގެންވާ އަޅުކަމެވެ. އެރޯދައަށް ޖަޒާ ދެއްވާނީ ތިމަން ރަސްކަލާނގެއެވެ.
ރޯދަ އަށް ހުންނަ މުސްލިމް އަޅާ ކުރާ އަޅުކަމާ ހެޔޮކަންތައް އެތަށް ގުނައަކަށް އުފިލިގެންދާ އިރު މި މާތް މަސްދަރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ހުރިހާ މުސްލިމް އަހުންނާއި އުހުތުން ވެސް އަމާޒު ހިފަން ވާނެއެވެ. ތިރީގައި މި ބަޔާން ކުރަނީ ރޯދައިގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަކޮށް ހޯދޭނެ ބައެއް ގޮތްތަކެވެ.
ރޯދަ ހިފާ ނިޔަތް
ފަތިސް ނަމާދުން ފެށިގެން މަޣްރިބް ނަމާދާ ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއި ތިބާ މާތް ﷲ އަށް ކިޔަމަންވެ ރޯދައަށް ހުންނަނީ ކޮން ސަބަބާކާ ހެދި ކަމާ މެދު ތާއަބަދު ވިސްނާށެވެ. ރޯދަ މިހިފަނީ ހެއްދެވި ފަރާތަށް ބޯލަނބާ އެކަލާނގެއަށް ކުއްތަން ވުމަށް ކަން އަމިއްލަ ނަފްސަށް ހަނދުމަށްކޮށް ދެމުންދާށެވެ. އިމާމް ބުޙާރީގެ ފަރާތުން ރިވާ ވެގެންވާ ރަސޫލާ صلى الله عليه وآله وسلمގެ ހަދީސް ފުޅެއްގައިވެއެވެ. ރަމަޟާން މަހުގެ ރޯދަ ތަގުވާވެރިކަމާއެކު އަދި ﷲ ތާއާލާގެ ކިބައިގެން ސަވާބު ހޯދުމުގެ ނިޔަތުގައި ހިފާ މީހާ، އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފައެއް ފުއްސަވާނެއެވެ.
ރަސޫލާގެ ސުންނަތަށް އަމަލުކުރުން
އަޅުކަމުގެ އެހެން ކަންކަމޭ އެއް ގޮތަށް ރޯދަ ހިފުމުގައި ވެސް މިއުންމަތުގެ ރަސޫލާ މުހައްމަދު صلى الله عليه وآله وسلم ގެ މާތްވެގެންވާ ސުންނަތަށް އަމަލުކުރަން ޖެހެއެވެ. މިގޮތުން ފަތިސް ނަމާދަ ގޮވުމުގެ ކުޑަ އިރުކޮޅެއް ކުރުން ހާރު ކެއުމަށް އާދަކުރުމާ އިރު އޮއްސޭތަނުން ރޯދަ ވީއްލުން ހިމެނެއެވެ. ރަސޫލާ ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފޭތޯ މަސައްކަތް ކުރާށެވެ.
ހަރާމް ކަންކަމާ މަކްރޫހު ކަންކަމުން ދުރުވުން
ރަމަޟާން މަހު ތިބާގެ ހަށިގަނޑާއި ނަފްސު ތާހިރުކަމެއްގެ ތެރޭގައި ބެހެއްޓުމަށް އިސްކަން ދެމާ ހެއްޔެވެ. ރޯދަ ހިފުމަކީ ހަމައެކަނި ކާއެއްޗެއްސާއި ބޯ އެއްޗެހިން ދުރުވެ ހުރުމެއް ނޫނެވެ. އެއީ ނުބައި އާދަތަކާ ނުބައި ބަސްމަގުން ވެސް އެކަހެރިވެ ހުރުމެވެ. މީހުންނާއި އަޑު ހަރުކޮށް ވާހަކަ ދައްކާ ޒުވާބުކޮށް ހެދުމާ ދުރުވެގަންނާނެވެ. އަދި މި ނޫންވެސް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުން ބަރީއަވެގަންނާނެވެ.
ޤުރުއާން
ރޯދައަށް ހުރުމާއި މާތް ﷲ ގެ ބަސްފުޅު ބާވާލެއްވުމާއި ވަނީ ގުޅި ލާމެހިފައެވެ. މޫސާ އަލައިހިއްސަލާމް އަށް ތައުރާތް ބާއްވާލެއްވި އިރު އެކަލޭގެފާނު ރޯދަ ހިއްޕެވިއެވެ. އީސާ އަލައިހިއްސަލާމް އަށް އިންޖީލް ބާއްވާލެއްވި އިރު އެކަލޭގެފާނު ވެސް ހުންނެވީ ރޯދައަށެވެ. ހަމަ އެއާއެކު މިއުއްމަތުގެ ރަސޫލާ މުހައްމަދު صلى الله عليه وآله وسلم އަށް ކީރިތި ޤުރުއާންގެ ފުރަތަމަ އާޔަތްތައް ބާއްވާލެއްވި އިރު އެކަލޭގެފާނު ވެސް ހުންނެވީ ރޯދައަށެވެ. ރަސޫލު ބޭކަލުންގެ ކިބައިން މިސާލު ނަގައިގެން ރޯދަ ހިފާ އިރު ކީރިތި ޤުރުއާނާ ވެސް ގާތް ވަމާ ހެއްޔެވެ. ގިނަ ގަނައިން ޤުރުއާން ކިޔަވާ އަޑު އަހާ ޤުރުއާންގެ ތަފްސީރު ވެސް ހޯދާ ދަސްކުރަމާ ހެއްޔެވެ.
ނަމާދުކުރުން، ދުއާ ކުރުން އަދި ޒިކުރު ކުރުން
އާންމު ދިރިއުޅުމުގައި ކިތަންމެ އަވަދަނެތި އުޅުނު ކަމުގައި ވިޔަސް ނަމާދަށް ގޮވުމުން ވަގުތުން ނަމާދުކުރަން އާދަކުރާށެވެ. އަދި އެއްވެސް ނަމާދެއް ވައްޓާ ނުލާ ކުރާށެވެ. ރޯދަ މަހަށް ހާއްސަ ތަރާވީސް ނަމާދު ވެސް ކުރާށެވެ. ވީ ވަރަކުން ދަމު ނަމާދު ވެސް ކުރެވޭތޯ ބަލާށެވެ. ސުންނަތް ނަމާދުތައް ވެސް ދޫކޮށް ނުލާށެވެ. ރޯދަ މަހު ބަލަންވީ ތިބާއަށް ކުރެވޭ އެންމެ ގިނައަކުން އަޅުކަންތައް ކުރުމަށެވެ.
ނަމާދާއެކު މާތް ﷲ އަށް ޒިކުރުކުރަން ހަނދަާން ކުރާށެވެ. ހަމައެއާއެކު ތިބާ އެކަލާނގެ ހަޟްރަތުން ދުއާ ކުރުން ވެސް ދޫކޮށް ނުލާށެވެ. ފާފަ ފުއްސެވުން އެދި އަތް އުފުލާ ގިނަ ގިނައިން ދުއާ ކުރާށެވެ.
ޒަކާތް، ސަދަގާތް، އަދި ދީލަތިކަން
ރޯދަމަހަކީ ތިބާއަށް ވުރެ ދިރިއުޅުމުގެ ހާލަތު ދަށް މީހުން ތަހައްމަލުކުރާ ވޭންތައް ދެނެގަންނަން ވީ މަހެވެ. ކާބޯތަކެތިން މަހްރޫމްވެގެން ހުންނަ މުސްލިމް އަޅާއަށް ފަގީރުން ކޮންމެ ދުވަހަކު އުފުލާ ބަޑުހައިހޫނު ކަމުގެ ބޮޑު ބުރަ ވިސްނޭނެ ކަން ކަށަވަރެވެ. އެހެން ކަމުން ދީލަތި ކަމުގެ ރީތި ސިފައަށް ތަންދޭށެވެ. އެހީއަށް ބޭނުންވާ މީހުންނަށް ގިނަ ގިނައިން އެހީވާށެވެ.
މުސްލިމުންގެ މައްޗަށް ފަރުޟުވެގެންވާ ފިތުރު ޒަކާތް ދައްކާށެވެ. މީގެ އިތުރުން އެމީހަކަށް ވީ މިންވަރަކުން ސަދަގާތްވެސް ކުރާށެވެ.