ރަމަޞާން މަހަކީ މީސްތަކުންގެ މައްޗަށް ނޫރެއް ކަމުގައި ލެއްވި ކީރިތި ޤުރުއާން ބާއްވާލެވުނު މަހެވެ. ރަމަޞާން މަހަކީ ކީރިތި ޤުރުއާންގެ މަހެވެ. އެހެން ކަމުން އެމަހުގެ ތެރޭގައި އެމީހަކަށް ވީ މިންވަރަކުން އެންމެ ގިނައި ޤުރުއާން ކިޔެވުމުގައި އުޅުމަކީ ރޯދަމަހުގެ ދަރުމައާއި ސަވާބު ހޯދޭނެ އެންމެ ރަނގަޅު އެއް ގޮތެވެ. ޤުރުއާނުގައި މާތް ﷲ ސުބަހާނަހޫވަތައާލާ އަންގަވާފައިވާ ކަންކަން ދެނެގަނެ އެކަންކަމާ މެދު ވިސްނާ އާންމު ދިރިއުޅުމުގައި އެކަންކަމަށް ކިޔަމަންވުމުން މުސްލިމުންގެ އަގީދާ ވަރުގަދަވެގެންދާނެ އިރު މިކަންކަން އެނގުމަށްޓަކައި ތިބާއާ ކީރިތި ޤުރުއާނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުން މުހިންމެވެ.
ތިރީގައި މިވަނީ ޤުރުއާނާއި ގާތްވުމަށް ކަންތައް ކުރެވިދާނެ ހަތަރު ގޮތެވެ.
ކީރިތި ޤުރުއާން ކިޔެވުން
އާދައިގެ މަސްމަހު ވެސް ކީރިތި ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ގުނައިގެ ސަވާބު ލިބޭ އިރު މާތްވެގެންވާ ރޯދަ މަހު ކީރިތި ޤުރުއާން ކިޔަވައިގެން ސަވާބު ލިބޭނެ މިންވަރު އަންދާޒާކޮށްލެވޭނެ ވަރަށް ވުރެ ވެސް ގިނަވާނެއެވެ. އެހެން ކަމުން ހާއްސަކޮށް ރޯދަމަހު ޤުރުއާން ކިޔަވާ މިންވަރު އިތުރުކުރަން ވީއެވެ.
ޤުރުއާން ކިޔެވުމަކީ ތިބާގެ އަޑު މާތް ﷲ ތައާލާއަށް ކުރެވޭ އަޅުކަމަކަށްވާ އިރު ހަރުއަޑު ރީތި ރާގުގައި ޤުރުއާން ކިޔެވުމަކީ އެދެވިގެންވާ ގޮތެވެ. މިގޮތުން، ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަދީޘްފުޅެއްގައި ވާ ގޮތުން ޤުރުއާން ރީތި ރާގުގައި ކިޔާ އަޅުތަކުންގެ ސަވާބު މަލާއިކަތް ބޭކަލުން ލިޔުއްވާނެއެވެ.
އެހެން ނަމަވެސް ކޮށިކޮށް އަޅައިގަނެގެން ޤުރުއާން ކިޔަވައިގެން ވެސް ގެއްލުމެއް ނެތެވެ. އެފަދަ އަޅުތަކުންނަށް ސަވާބު ލިބޭ ދެ ސަބަބެއް ވެއެވެ. އެއީ ޤުރުއާން ކިޔެވުމުން ދެއްވާ ސަވާބާ ކެތްތެރިކަމާ ހިތްވަރާއެކު އެކަން ކުރުމުން ދެވޭ ސަވާބެވެ.
ކީރިތި ޤުރުއާން އަޑުއެހުން
އާންމު ދިރިއުޅުމުގައި އުޅޭ އިރު ވެސް ކީރިތި ޤުރުއާން އަޑުއަހާ ހެދުމަކީ ހިތަށް ފިނިކަން ގެނުވާނެ ކަމެކެވެ. ރަމަޞާން މަހު އެކަން އިތުރުކޮށްލަމާ ހެއްޔެވެ. ގޭތެރޭގައި ގިނަ ގިނައިން ޤުރުއާން ޖަހާފައި ބެހެއްޓިދާނެއެވެ. ނުވަތަ ކޮންމެ ރެއަކު މިސްކިތްތަކުގައި ކުރާ ތަރާވީސް ނަމާދުގައި ބައިވެރިވެ އިމާމް ޤުރުއާން ކިޔަވާ އަޑު އަހާލެވިދާނެވެސް މެއެވެ. މިހާރު ގިނަ މިސްކިތްތަކުގައި ތަރާވިސް ނަމާދު ކުރާ އިމާމުން ރޯދަމަހުގެ ތެރޭގައި ހަތިމެއް ކުރަން އަމާޒު ހިފާ އިރު އިމާމް މީހާގެ ފަހަތުގައި މާތް ﷲ ތައާލާގެ ކުރިފުޅުމަތީގައި ކުއްތަވެ ހުރެ އެކަލާނގެ ބާވާލެއްވި ބަސްތައް އަޑުއެހުމުން ލިބޭ ސަވާބު ހަމަގައިމުވެސް އިތުރުވެގެންދާނެއެވެ.
ކީރިތި ޤުރުއާންގެ ބައެއް ސޫރަތްތައް ހިތުދަސްކުރުން
ރަމަޞާން މަހުގެ ތެރޭގައި ގިނަ ގިނައިން ޤުރުއާން ކިޔަވާ ހަދާނަމަ ކިޔަވަން ފަރިތަވެ ބައެއް ސޫރަތްތައް ހިތުން ކިޔަވާލެވޭނެ ހާވެސް ފަރިތަވެވޭނެއެވެ. އެހެން ކަމުން މި ރޯދަ މަހު އަމާޒު ހިފަންވީ އެއްކަމަކީ މީގެ ކުރިން ހިތުން ކިޔަން ނޭނގޭ ސޫރަތެއް ދަސްކުރުމަށެވެ. އެއީ ދިގު ސޫރަތެއް ނުވަތަ ކުރު ސޫރަތެއް ވިޔަސް މައްސަލައެއް ނެތެވެ. ބޭނުމަކީ ތިބާގެ ނަފްސު ކީރިތި ޤުރުއާނާ ގާތްކުރުވާ އޭނގެން ލިބޭ ހިތްހަމަޖެހުން ހޯދުމެވެ.
ކީރިތި ޤުރުއާންގެ ތަރުޖަމާ ކިޔާ އެއަށް އަމަލުކުރުން
ބޭރުގެ ޝޭހަކުން ދެއްވި ދަރުސްއެއްގައި ވިދާޅުވިއެވެ. ޤުރުއާން އޭނގެ މާނަ ނޭނގި ކިއުމަކީ މާތް ﷲ ތައާލާއަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ. އެއީ އެކަލާނގެ ބާއްވާލެއްވި ބަސްތަކަކީ އެކަލާނގެ އަޅުތަކުން ސުވަރުގޭގެ ދާއިމީ ނިއުމަތް ހޯދުމަށް ދެއްވެވި މަގެއް ކަމުގައިވާ އިރު ޤުރުއާންގައި ބަޔާންވެގެންވާ އެއްޗެއް ނޭނގި އެމަގު ދެނެގަނެވޭނީ ކިހިނަކުން ހެއްޔެވެ.
އެހެން ކަމުން އެމީހަކަށް ފަސޭހަ ތަރުޖަމާއެއް ވެސް ކިޔަންވީއެވެ. ޤުރުއާންގެ 114 ސޫރަތުގެ މާނަ ދަސްކުރަންވީއެވެ. އަދި އެއަށް އަމަލުވެސް ކުރަންވީއެވެ. ކުރީގެ އުއްމަތްތަކަށް ކުރިމަތި ކުރެއްވި އިމްތިހާނުތަކުން އިބުރަތް ލިބިގެނަ މާތް ﷲ ތައާލާގެ ބަސްފުޅަށް އާންމު ދިރިއުޅުމުގައި ވެސް އަމަލުކުރަންވީއެވެ.