ހިޔާ ފްލެޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ވިއްކަމުންދާ ފަރާތްތައް އެ ހިދުމަތް ހުއްޓާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ހުޅުމާލެ ހިޔާ ފުލެޓު ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުން ދާ ސަރަހައްދެއް ކަމުން ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދަށްވެފައި، މިފަދަ ތަންތަނުން ދޭ ހިދުމަތްތަކުގެ ސަބަބުން ކުރިމަތި ވެދާނެ ބަލިމަޑުކަމެއް ފެތުރި ދާނެ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި މިތަންތަނުގައި ހިދުމަތް ދެމުން ގެންދަނީ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މި ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް އަދި މި ފަދަ ހިދުމަތްތައް ދިނުން ހުއްޓާލުމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މި މަހުގެ 10ގެ ފަހުން މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާ، ނުނަގައި ހުރި ތަކެތި ނަގައި ސާފު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.