ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީ އާއި އެތަނުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

ޕާމަނަންޓް ސެކްރެޓަރީއާ އެކު ދެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަނީ ގަވާއިދާ ހިލާފަށް އެ މިނިސްޓްރީއިން ވަޒީފާ ދެމުން އަންނަ މައްސަލައެވެ. ވަޒީފާއަށް އިއުލާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް މީހުންނަށް ވަޒީފާ ދޭ މައްސަލައަކީ މީގެ ކުރިން ވެސް އެ މިނިސްޓްރީ ތެރެއިން ފެންމަތިވަމުން އައި މައްސަލަތަކެވެ.

ޕާމަނަންޓް ސެކްރެޓަރީންނަކީ އެ މިނިސްޓްރީއެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ފަރާތެވެ. ފަހަކަށް އައިސް އެކި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާ ގުޅޭ މައްސަލަތައް ފެނިފައިވާ އިރު، އެ މައްސަލަތަކުގައި ބައެއް މީހުން ވަޒީފާ އިން ވަނީ ވަކިކޮށްފައެވެ.