އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އާންމު ދިރިއުޅުމުގައި އަވަދިނެތި އުޅޭނެ މީހެކެވެ. އޮފީސް މަސައްކަތްތަކާ ގޭގައި ކުރަން ހުންނަ މަސައްކަތްތަކާ ކުދިންގެ ކަންކަމާ އެހެން ގޮސް އެތަށް ކަމެކެވެ.
މިހެން 'ބިޒީ' ކޮށް އުޅެމުންދާ އިރު ރޯދަ މަހެއްގައި ކުރަން ހުންނަ ކަންކަން ދެގުނަ އިތުރުވެގެން ދެއެވެ. އަދި ވަގުތުގެ ބޭނުން ނުހިފޭނަމަ ރޯދަ މަހުގެ ދަރުމާއި ސަވާބު ހޯދަން ހުސް ކުރެވޭ ގަޑި މަދުވެ އަޅުކަމާ ދުރުގައި އުޅުމަށް މެދުވެރިވެއެވެ. މިއަދު މި ހިއްސާކޮށްލަނީ ވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
ކުރަން ޖެހޭ ކަންކަން ލިޔެގެން އުޅުން
ދުވާލުގެ 24 ގަޑި އިރުގެ ތެރޭގައި ކުރަން ޖެހޭ ކަންކަން ގުނާ ވެސް ނުލެވޭ ހާ ގިނަ ނަމަ އެންމެ ރަނގަޅު ގޮތަކީ ކުރަން ހުންނަ ކަންކަން ފޮތެއްގައި ލިޔުމެވެ. ފޯނުގެ ނޯޓް އެޕްގައި ވެސް މިކަންކަން ލިޔެވިދާނެއެވެ.
އެއީ އެހާ ގިނަ ކަންކަން ކުރަން ހުރިއްޔާ ބައެއް ކަންކަން ހަނދާނުން ކައްސާލުމަކީ އެކަށީގެންވާ ކަމަކަށްވާ ވާތީއެވެ. ކުރަން ޖެހޭ ކަންކަން ލިޔެ އެކަންކަން ކުރެވޭ ވަރަކަށް ފާހަގައެއް ޖަހަމުންދާނަމަ އަމިއްލަ އަށް ހާސިލްކުރާ މި ކާމިޔާބީއާ މެދު ފަހްރުވެރިވާނެ ކަން ޔަގީނެވެ. އަދި ދެން ބާކީ ހުރި ކަންކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
ކަންކަން ކުރާނެ ވަކި ތަރުތީބެއް ގެންގުޅުން
އާންމުކޮށް ކޮންމެ ދުވަހަކު ހެން ކުރާ ކަންކަން ނަމަ އެކަން ކަން ކުރާނެ ވަކި ތަރުތީބެއް ގެންގުޅުން ރަނގަޅެވެ. މިގޮތުން ކޮންމެ ކަމެއް ކުރަން ވެސް ވަކި ވަގުތެއް ކަނޑައެޅުން މުހިންމެވެ. ބަދިގޭގެ ކަންކަން ވެސް މިގޮތަށް ތަރުތީބުކޮށް ލެވިދާނެއެވެ. މިސާލަކަށް ކޮންމެ ދުވަހަކު ރޮށި ފިހަން ޖެހޭ ނަމަ މެންދުރު 2 ޖަހާ އިރު މިއީ ރޮށި ފިހާ ގަޑި ކަމަށް ހެދިދާނެއެވެ. ރޯދަ ވިއްލާ ގަޑިއަށް ފަންޏެއް ގިރާނަމަ ހަވީރު ތިނެއް ޖަހާ އިރު އެ ގިރާލާފައި އަލަމާރިއަށް ލާށެވެ. އޭރުން 6 ޖަހަން ވާ އިރު ހަމަ ގައިމުވެސް ފިނިވާނެއެވެ.
ނަމާދު ވަށައިގެން ދުވަސް ރާވާލުން
ނަމާދުގެ ވަގުތަށް ނަމާދު ކުރުމަކީ އޭނގައި އޮންނަ އެންމެ ރަނގަޅު ގޮތެވެ. ކަންކަމުގެ އަވަދިނެތި އުޅެމުން ފަހު ވަގުތު ނަމާދު ކުރަން ދުވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނުވާނެއެވެ.
މިކަން މިހެން ނުވާނެ އެއްގޮތަކީ ނަމާދުގެ ވަށައިގެން ދުވަސް ރާވާލުމެވެ. އޭރުން އަނެއްކާ ވެސް ދުވަހުގެ ކަންކަން ތަރުތީބުވެ ނަމާދު ފަދަ މާތް އަޅުކަމެއް ވެސް އެންމެ ރަނގަޅު ގޮތުގައި ކުރެވުނީއެވެ.
ދުރާލާ ރޭވުން އަދި ބޭކާރު ކަންކަމަށް ވަގުތު ނަގާނުލުން
އެދުވަހަކު ބަދިގެއަށް ބޭނުންވާ އެއްޗެއް އޭނގެ ކުރީ ދުވަހު ގަނެފައި ބެހެއްޓުމަކީ ބައެއް މީހުން ކަން ކުރާ ގޮތެކެވެ. މިގޮތަށް ދުރާލާ ރާވައިގެން ކަންކަން ކުރުމުން ލިބޭ ފައިދާ ވެސް ބޮޑުވާނެއެވެ. ވަގުތު ސަލާމަތްވެ އެހެން ކަންކަމަށް ވަގުތު ހުސްކުރަން ފަސޭހަވާ އިރު ހުސް ވަގުތުކޮޅެއްގައި ދުރާލާ ކުރިއަށް އޮތް ދުވަސް ރާވާ ލެވިދާނެއެވެ.
ވަގުތު ސަލާމަތް ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ބޭނުން ނެތް ކަމަށް ވަގުތު ނަގާނުލުމެވެ. ނޫން ނަމަ އެފަދަ ކަންކަމަށް ވީހާ ވެސް މަދުން ވަގުތު ދިނުމެވެ. ދެން އަނެއް ކަމަކީ މަދު ވަގުތު ހޭދަވާ ކަންކަން އަވަހަށް ކޮށްލާ ނިންމާލުމެވެ. މިސާލަކަށް 5 މިނެޓް ހޭދަވާ ކަމަކާ 1 ގަޑި އިރު ހޭދަވާ ކަމެއްގެ ތެރެއިން އިސްކުރަން ވީ 5 މިނެޓް ހޭދަވާ ކަމެވެ.