ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބަޒާރުގައި ސާފު ނުކުރާ ތެލުގެ އަގުތައް އުފުލިފައި ވާ މި ދަނޑިވަޅުގައި، 11.07 ބިލިއަން ޑޮލަރުގެ ތެޔޮ އެކްސްޕޯޓް ކޮށްފައި ވާ ކަމަށް، އިރާގުގެ ތެލާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

މިއީ ފާއިތުވީ 50 އަހަރު ދުވަހުގެ ތާރީހަށް ބަލާއިރު، އިރާގަށް ރެކޯޑެއް ކަމަށް މައުލޫމާތު ލިބެއެވެ. ތެލުގެ އެކްސްޕޯޓަކީ އިރާގަށް ލިބޭ އާމްދަނީގެ 90 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެކެވެ. އަދި އިރާގަށް އަގުހުރި ރައުސުލްމާލުގެ މުހިންމު ހިއްސާއެއްވެސްމެއެވެ.

އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް) ގެ މެންބަރުންގެ ތެރެއިން 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދަމުން ދަނީ އިރާގުންނެވެ. އިރާގުގެ ތެލާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، 11.07 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނީ 100563999 ފީފާގެ ތެޔޮ އެކްސްޕޯޓް ކޮށްގެންނެވެ.

މިއީ 1972 ވަނަ އަހަރަށް ފަހު އިރާގުގެ ތެލުގެ ވިޔަފާރިއަށް މިހާ ބޮޑު އާމްދަނިއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ތެލުގެ ސިނާއަތުން ލިބޭ އާމްދަނީއަކީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި ވާ ގައުމު އާރާސްތު ކުރުމުގެ އިތުރުން، މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ އިރާގުގެ ސަރުކާރަށް އިންތިހާއަށް މުހިންމު އާމްދަނީއެކެވެ.

އިރާގުގެ ތެލާއި ގޭސް ރިޒާވް މުއްސަނޖެއްކަމަކު އެ ގައުމުގެ ހަކަތައިގެ ބޭނުންތައް ފަރުޖައްސަނީ އިމްޕޯޓަށް ބަރޯސާވެގެންނެވެ. އިރާގުގެ ގޭހާއި ކަރަންޓުގެ ބޭނުންތަކުގެ 3 ބައިކުޅަ 1 ބައި މިހާރުވެސް ފޯރުކޮށްދެމުން ދަނީ އީރާނުންނެވެ. ނަމަވެސް މި ސަޕްލައިއަށް ބުރޫއެރުން އާންމުވެ، ކަރަންޓުގެ ހިދުމަތް މެދުކެނޑުންވެސް އޮންނަނީ އާންމު ވެފައެވެ.

ސައުދީ އިސްވެ އޮވެގެން ހިންގާ އޯޕެކްއަދި ރަޝިއާއިން ނުފޫޒު ފޯރުވަމުންދާ 10 ގައުމުގެ އިއްތިހާދު ނުވަތަ އޯޕެކް ޕްލަސްއިން ވަނީ، ކުރިއަށް އޮތް މެއި މަހު، އެ ގައުމުތަކުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު، ކޮންމެވެސް ވަރަކަށް އިތުރު ކުރަން އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެމެރިކާއިން ވަނީ ތެޔޮ އުފައްދާ މިންވަރު ވީހާވެސް ބޮޑަކަށް އިތުރު ކުރުމަށް ގޮވާލާފައެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އެންމެ ވަރުގަދަ ބްރޭންޑްތަކުގެ ގޮތުގައި ބަލާ އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް އަދި އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ސާފު ނުކުރާ ތެޔޮ ވިއްކަމުން ދިޔަ އަގު ވަނީ ދަށަށް ގޮސްފައެވެ.