ގައުމަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގައި ހަނާ ވަމުންދާ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރު ފެއިލްވެފައި ވާ ކަމަށް ބުނެ، ވެރިކަން ކުރާ ކޮޅުނބުގައި ހޫނުގަދަވަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން ކާފިއު އިއުލާން ކުރުމަށް ފަހު، ސްރީލަންކާގެ މަސްރަހު ކޮންޓްރޯލް ކުރުމަށްޓަކާ އެ ގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކޮށްފިއެވެ.

ސައިބާ ސެކިއުރިޓީއާއި އިންޓަނެޓް ގަވަނަންސްގެ ކަންކަން ވިލަރެސް ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ނެޓްބްލޮކްސްއިން ވަނީ، ރޭ ދަންވަރު 00:00 އިން ފެށިގެން، ސްރީލަންކާގައި، ފޭސްބުކް، ޓްވިޓާ، ވަޓްސްއެޕް، ވައިބާ އަދި ޔޫޓިއުބް ބްލޮކް ކޮށްފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ.

މަސްރަހު ނުތަނަވަސް ވަމުން ދިއުމާ ގުޅިގެން ލަންކާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެއް ބްލޮކް ކޮށްފައި / ފޮޓޯ: ނެޓްބްލޮކްސް

ސްރީލަންކާއަކީ މަސްރަހު ހޫނުވަމުން ދާ ވަރަކަށް ސޯޝަލް މީޑިއާ ބްލޮކް ކުރުމުގެ ރެކޯޑް އޮންނަ ގައުމެކެވެ.

ލަންކާ ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރި ކަމުގައި ވީ ނަމަވެސް ވީޕީއެން ހިދުމަތްތައް ބޭޏުންކޮށްގެން، ނުސީދާ ގޮތުން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުން ކުރެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ ސްރީލަންކާގައި ހަކަތައާއި ބޭސްފަރުވާ ފަދަ ޒަރޫރީ ހިދުމަތްތައްވެސް މިހާރު އެކަށީގެން ވާ ގޮތުގައި ލިބެމުން ނުދާ ކަމަށް މައުލޫމާތު ލިބެއެވެ. ކާބޯތަކެތީގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތި ވެފައި ވާ އިރު، އާންމު ރައްޔިތުންގެ މުހުތާދުތަކަށް ލުއިކަން ހޯދާ ދިނުމަށް ލަންކާ ސަރުކާރުން އެކަށީގެން ވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ، އެތައް ހާސް ބަޔަކު ވަނީ އެ ގައުމުގެ މައި ސަރަހައްދުތަކަށް ޖަމާވެ، ނުރުހުން ފާޅު ކޮށްފައެވެ.

ސްރީލަންކާގެ މަސްރަހު ގޯސްވެ، ކުރި މުޒާހަރާއެއްގެ ތެރޭގައި ހުޅުޖެހި ބަސް އޮތް ސަރަހައްދުގައި އަސްކަރިއްޔާއިން ހަރަކާތްތެރި ވަނީ / ފައިލް ފޮޓޯ: ލައިވްމިންޓް

ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ އާންމުންނާއި ސަލާމަތާ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިންގާފައި ވާއިރު، ކަންކަން ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް ބަލާ، ސްރީލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރުން 36 ގަޑިއިރުގެ ކާފިއު އަމުރެއްވެސް އިއުލާން ކޮށް، ތަންފީޒު ކުރަން ފަށާފައެވެ.

ސްރީލަންކާގެ އާންމު ހާލަތު ގޯސްވުމާ ގުޅިގެން ބައެއް ގައުމުތަކުން ދަނީ ސްރީލަންކާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލާ، ޓްރެވެލް އެޑްވައިޒަރީތައްވެސް ނެރެމުންނެވެ.