ރ. މަޑުއްވަރީގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ހިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފިއެވެ.

މިކަމަށްޓަކައި އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުތަކުގައި ދެ ރަށުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ.

މަޑުއްވަރީގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް 33.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ދެ ރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަމުން ގެންދާނީ ފެނަކައިންނެވެ. އެ ރަށުގެ ފެނުގެ ނިޒާމް ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން މަޑުއްވަރީގައި ވާރޭފެން ރައްކާކުރުމަށްޓަކައި 600 ޓަނުގެ ތާންގިއަކާއި، އެ ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި 400 ޓަނުގެ ތާންގިއެއް ބަހައްޓާފައިވުމުގެ އިތުރުން 8.6 ކިލޯމީޓަރުގެ ދިގުމިނުގެ ވިއުގައެއް ގާއިމްކޮށްފައިވެއެވެ. އަދި ފެނުގެ ޒަމާނީ ނިޒާމެއް އެ ރަށުގައި ގާއިމްކޮށް، 367 ފެން މީޓަރު އެ ރަށުގެ އިމާރާތްތަކުގައި ބަހައްޓާފައިވެއެވެ.

ހަމަ އެއާއެކު، މަޑުއްވަރީގެ ފެނުގެ ނިޒާމް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަރަދުކުޑަކޮށް ހިންގުމަށްޓަކައި 25 ކިލޯވޮޓުގެ ސޯލާ ޕެނަލެއްވެސް ގާއިމްކޮށްފައިވެއެވެ

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އެ މަޝްރޫއުގެ ދަށުން ހިމަނާފައިވާ އިޔާދަކުރުމުގެ ހަކަތައިގެ ނިޒާމާއި ވާރޭފެނުގެ ނިޒާމްގެ ސަބަބުން ހިންގުމުގެ ހަރަދުން ގާތްގަނޑަކަށް 30 ޕަސެންޓު ސަލާމަތްކުރެވިގެން ދާނެ ކަމަށެވެ.