ރ. މަޑުއްވަރީގެ ބިން ހިއްކެން އޮތް ވަރަކަށް ހިއްކައި އެ ރަށަށް ފެންވަރު ރަނގަޅު ބަނދަރެއް ހަދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން މިއަދު މެންދުރު ރ. މަޑުއްވަރިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ. މުއިއްޒު ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ފެންވަރު ރަނގަޅު ބަނދަރެއްގެ ގޮތުގައި ހަދައި ދެއްވާނެ ކަމަށާއި، މަސްވެރިން ލަފާ ފުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަޑުއްވަރީގެ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ ރަށުގެ ފަޅު ވަރަށް ކުޑަ ކަމަށާއި ނަމަވެސް އިތުރު ކުރެވެން އޮތް މިންވަރަކުން އެ ރަށުގެ ބިން ހިއްކައި ބިން އިތުރުކޮށް ދެއްވާނެ ކަމަށެވެ. އަދި ހިއްކާ ބިމުގެ ޖާގަ އެންމެ ބޭނުންތެރި ގޮތުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގެދޮރުވެރި ކަމަށް ފަހި ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އިއުލާން ކުރެއްވި މެނިފެސްޓޯއަށް އަލި އަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ސިޔާސަތުގެ ދަށުން މަޑުއްވަރިއަށް ގެދޮރުވެރިކަން ދެއްވާނެ ކަމަށެވެ.
ހަމައެއާއެކު ހޮސްޕިޓަލް ތަރައްގީ ކުރުމާއި ކުނީގެ މައްސަލަ ހައްލުކޮށް ދިނުމަކީ ކޮށްދެއްވާނެ ކަންކަން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އަކީ އެ ދާއިރާގެ ހުރި ކަންބޮޑުވުންތައް އަބަދު ވެސް ހިއްސާ ކުރައްވާ ބޭފުޅެއް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވަނީ އެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ޖަލްސާގައި މަޑުއްވަރިއަށް ކޮށްދެއްވާނެ ކަންކަން އިއުލަން ކުރެއްވި އިރު، އެއީ މި ވަގުތު އެންމެ ބޮޑަށް ރައްޔިތުން ބޭނުންވާ ކަންކަން ކަމަށާއި އަދި ވެސް އިތުރު ކަންކަން އެބަ ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަންކަން ރ އަތޮޅުގައި ކުރެއްވިއަށް ދާ އިތުރު ކެމްޕެއިން ޖަލްސާގެ ތެރެއިން ހާމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިންނަށް ދެން ބަކީ 10 ވަރަަކަށް ދުވަސް އޮތް އިރު، ވަރަށް ބުރަކޮށް ސަޕޯޓަރުން މަސައްކަތް ކުރަމުންދާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެއްބުރުން މި އިންތިހާބު ކާމިޔާބު ކޮށް ދިނުމަށް ރައްޔިތުންނަށް މި މަދު ދުވަސްކޮޅު ތެރޭ ވެސް ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މޫސުމް ގޯސް ދުވަހެއްގައި މަޑުއްވަރިއަށް ކުރެއްވި ދަތުރުގައި ފެނިގެން ދިޔަ ތަރުހީބުން މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ ަރާތުން ލިބުނު ތަރުހީބާއި އެއްބާރުލުމަށް މުއިއްޒު ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
މިއަދު ދެން މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ރ މީދޫއަށެވެ. އެއަށް ފަހު ރ. ދުވާފަރަށް ވަޑައިގެން މިރޭ 8:30 ގައި އެރަށުގައި ރެލީއެއް ވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.