ރ. މަޑުއްވަރީއަށް ވަޑައިގަތުމަށް ފަހު އެ ރަށުން ފުރާވަޑައިގަތުމަކީ އެހާ ފަސޭހަފުޅު ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ރަށާ މެދު ރައީސްގެ ހިތްޕުޅުގައި އޮތް ޝުއޫރު ފާޅުކުރައްވައިފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު ރ. މަޑުއްވަރީއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ތަފާތުގޮތަށް ރައީސް އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ރައީސްއަށް އެ ރަށުގެ މީހުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ކަނޑުމަތިން ކަމަށްވާއިރު ރައީސް ގެ ލޯންޗުކޮޅު އެ ރަށުގެ ނެރުން ވަދެގެން އައިއިރު ރީނދޫ ދިދައިން ޒީނަތްތެރި ކޮށްފައިވާ ލޯންޗުތަކާއި ޑިންގީތަކުގައި އެ ރަށުގެ މީހުން ވަނީ ރައީސް އެސްކޯޓު ކޮށްދީފައެވެ.
އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑުއްވަރީ އަކީ ތަފާތު ގޮތަކަށް ސިޔާސީ ފޯރި ނަގާ ރަށެއް ކަމަށާއި 2018 ވަނަ އަހަރު ވެސް ހަމަ އެ ފޯރީގައި ތިބިތަން ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެ ދުވަހު ރައްޔިތުންގެ އިހުސާސްތައް ތަފާތު ކަމަށާއި އެ ދުވަހު މަޑުއްވަރީ އަށް ވަޑައިގެން ރަށާ ކައިރިކުރަން ޖެހުނު ބަނދަރުގެ ހާލަތު ހަނދުމަފުޅު ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދުވަހުވެސް އެމްޑީޕީގެ ވެރިކަމެއް އައިސްފިނަމަ މަޑުއްވަރީގެ ރައްޔިތުންގެ މައްސަލަތައް ހައްލު ކުރެވޭނެކަން ރައްޔިތުން ޔަގީންކުރި ކަމަށާއި އެ ދުވަހަށް ވުރެ މިއަދު މާ ބޮޑަށް ޔަގީންވެފައި ވާކަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި 50 ޓަނުގެ އައިސް ޕްލާންޓް ބެހެޓިއްޖެ ކަމަށާއި ފެން ޕްލާންޓަކާއި ބޭންކުގެ ހިދުމަތާއި ސްކޫލަށް ބޭނުންވި އާ އިމާރާތާއި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ހިޔާލު ތަފާތުވުންތަކަށް ވެސް ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ. އަދި ބައެއް ފަހަރު އެ އަންނަ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގުޅުމަށް އަސަރުތަކެއް ވެސް ކުރާ ކަމަށާއި މަޑުއްވަރީ އަށް ވެސް ކޮންމެ ވެސް ވަރަކަށް އޭގެ އަސަރު ކުރި ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ 150 އަށް ވުރެ ގިނަ ރަގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި ބަނދަރުތައް ހެދުމާއި ފެނާއި ނަރުދަމާގެ ހިދުމަތުގެ މަސައްކަތް އެކުގައި ކުރިއަށް ގެންދާ ކަމަށާއި އެކަންކަން ޕީޕީއެމްއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މަޑުއްވަރީގެ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ހުރި ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ މަޑުއްވަރީގައި ހިއްކަން އޮތް ބިމަކީ ބޮޑު ސަރައްހައްދެއް ކަމަށާއި ބިން ހިއްކާ ބޯ ހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އަދި އެތަނުގައި ހަދާނީ ރޯ ހައުސް، ފްލެޓްތޯ ނުވަތަ ގޯތި ދޫކުރާނީތޯ ނިންމާނީ ރައްޔިތުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޑުއްވަރީގެ ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް އެތަން އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް އިތުރު ކްލާސް ރޫމު އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި ސްކޫލް އެޑްމިން އިމާރާތާއި ފުޓްސެލް ދަނޑާއި ހޭންޑް ބޯލް ކޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާޢި ދޯނި އެހެލާނެ ތަނެއް ހައްދަވައި ދެއްވުމާއި އިންޖީނުގެ ބަދަލުކޮށް، ބަނދަރު އަދިވެސް އަޕްގްރޭޑް ކުރަން ޖެހޭނަމަ އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.