ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުގައި މިއަދު ރ އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ރ އަތޮޅަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށި، މަޑުއްވަރި، މީދޫ އަދި ދުވާފަރެވެ. އަދި މާދަމާ ރ. އުނގޫފާރު، އިނގުރައިދޫ، ބ. ކުޑަރިކިލު، ކެންދޫ އަދި އޭދަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ބ. ތުޅާދޫ، ޅ. ކުރެންދޫ، އޮޅުވެލިފިށި، ނައިފަރަށް މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ހުކުރު ދުވަހު ޅ. ހިންނަވަރަށް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

މި ހަފްތާގައި މުއިއްޒުގެ ކެމްޕެއިން ދަތުރުގެ ތެރެއިން ރ. ދުވާފަރާއި ބ. އޭދަފުށީގައި ރެލީއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ. އެ ރެލީތައް ކުރިއަށް ދާނީ މުއިއްޒު އެ ރަށަށް ވަޑައިގަންނަވާ ދުވަހުގެ ރޭގެ 8:30 ގައެވެ.

މި ހަފްތާގައި މުއިއްޒު ރ. ބ. އަދި ޅ. އަތޮޅަށް ވަޑައިގަންނަވާ އިރު އެންމެ ފަހުން މުއިއްޒު ވދައިގެންފައި ވަނީ ފުވައްމުލައް ސިޓީއަށާއި ގއ. އަދި ގދ. އަތޮޅަށެވެ.