ރޯދަ މަހަށް ހާއްސަކޮށް މާލޭގެ ރަސްފަންނު ޕާކިން ޒޯންގައި ގާއިމު ކުރަން ނިންމި ވަގުތީ މާރުކޭޓް ނުހަދާ ގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީކައުންސިލުން ބުނީ، މިގޮތަށް ނިންމީ ރައްޔިތުންގެ ހިޔާލު ހޯދާ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.
މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ އެ ސަރަހައްދުގައި ޕާކް ކުރުމަށް ދަތިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާ އާ ގުޅިގެން ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި ބަދަލާ އެކު ސިޓީ ކައުންސިލުން މި ވަގުތީ މާރުކޭޓު ހެދުމަށް އިތުރު ސަރަހައްދެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ބުނެއެވެ. އަދި މި ވަގުތަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް ހަމަ ނުޖެހިއްޖެ ނަމަ މާލޭގައި ރޯދައަށް ހަދަން ނިންމި ވަގުތީ ދެ މާރުކޭޓުގެ ބަދަލުގައި ހަދާނީ އެއް މާރުކޭޓް ކަމަށާއި، ވިލިމާލޭގައި ވެސް އެއް ވަގުތީ މާރުކޭޓް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކައުންސިލުން ބުނެއެވެ.
ރޯދައަށް ހާއްސަކޮށް މާލޭގައި ވަގުތީ މާރުކޭޓު ހަދަން ކުރިން ނިންމީ ދަރުބާރުގެ ސަރަހައްދާއި ރަސްފަންނު ޕާކިން ޒޯން ހިމެނޭ ސަރަހައްދުގައެވެ.
މާލެ ސިޓީ ކައުންސިލުން ރޯދައަށް ވަގުތީ މާރުކޭޓް އަޅަން ނިންމާފައި ވަނީ ރޯދަމަހު ބާޒާރުމަތީގައި ތޮއްޖެހުން އިތުރުވެ ކާބޯތަކެތި ގަތުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސް ދޭން ކަމަށް ކުރިން ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން ވިލިމާލޭގައި ވަގުތީ މާރުކޭޓު ހެދުމުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުން މާލެ ނައިސް ވިލިމާލޭގައި ތިބެގެން ރޯދައަށް ބޭނުންވާ ކާބޯތަކެތި ގަތުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް ބުންޏެވެ.