އަވައްޓެރި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެކޮޅު ކައިރީ ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށް ފުލުހުންގެ ބަހެއްގައި ރޯކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، މިހާރު ސްރީލަންކާއަށް ދިމާވެފައިވާ އިގތިސޯދީ ދަތިކަމުގައި އެ ގައުމަށް ތެޔޮ ލިބުން ދަތިވެ، ކަރަންޓް ނުލިބި ކޮންމެ ދުވަހަކު އެތައް ގަޑިއެއް ހޭދަ ކުރަން ޖެހުމުން އާންމު ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިގެންނެވެ. އެގޮތުން މިހާރު ވެސް ހާލުގައި ޖެހިދާނެ ކަމަށް ލަފާކޮށް ގޭގޭގެ ފްރިޖްތައް ފުރާ ހުރި ކާބޯތަކެތި ކުނި ވެ އިތުރަށް އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އަންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ލަންކާގެ ނިއުސް ވަޔާގެ އައުޓްލެޓުން ޕޯސްޓްކޮށްފައިވާ މުޒާހަރާ ކުރާ ސައިޓުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭ ލަންކާގައި ކުރި މުޒާހަރާގައި ފުލުހުންގެ ބަހެއްގައި އަލިފާން ރޯކޮށް، މުޒާހަރާގެ ބައިވެރިން ވަނީ މޫނު ނިވާކޮށްގެން ހުރި ފިރިހެނެއްގެ ގައިގައި ތަޅައި މާރާމާރީ ވެސް ހިންގާފައެވެ.

ސްރީލަންކާގެ ފުލުހުން ބުނާ ގޮތުގައި، ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެކޮޅަށް ގަދަކަމުން ވަދެގަންނަން އެތައް ސަތޭކަ ބަޔަކު ވަނީ ރޭ މަސައްކަތް ކޮށްފައި ކަމަށާއި އަދި އެތައް ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. ރޭ ހިނގި މި ހަމަނުޖެހުމުގައި ރޭގަނޑުގެ ވަގުތުތަކުގައި އެ ގައުމުގެ ބޮޑު ސަރަހައްދަކަށް ކާފިއު ވެސް އިއުލާން ކުރިއެވެ.

ރޭ ކޮލަމްބޯގެ މިރިހާނާ ޑިސްޓްރިކްޓްގައި 45 މީހަކު ހައްޔަރުވެސް ކުރިއެވެ. އެ މުޒާހަރާގެ ބައިވެރިންނަކީ "ރޭވިގެން ހައްދުފަހަނައަޅާފައިވާ" ބައެއްގެ ގޮތުގައި ސިފަކޮށް، "ގައުމުގައި ހަމަނުޖެހުމެއް އުފައްދަން" މަސައްކަތް ކުރާ ބައެއް ކަމަށް ލަންކާ ފުލުހުން ބުނެއެވެ. ހައްޔަރުކުރި ބައެއް މީހުން ދަގަނޑު ބުރިއާއި، ލަކުޑިއާއި ތޫނު ހަތިޔާރު ހިފައިގެން ތިބި ކަމަށާއި، މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅަށް ގަދަކަމުން ވަދެގަންނަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ލަންކާގައި މި ވަގުތު ހާލަތު ހުރި ގޮތް ސިފަކޮށްދެމުން އެކޮޅުގައި ދިރިއުޅޭ ދިވެހިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ކުރިއަށް މިއޮތް ރޯދަ މަހަކީ ވެސް ހާލުގައި އުޅެން ޖެހޭނެ މަހެއް ކަމަށާއި ހާލަތު ރަނގަޅު ވާން އަދި ނެތް ކަމަށެވެ.

ސްރީލަންކާއަށް ހަކަތައިގެ ދަތިކަން ކުރިމަތިވެ، އެ ގައުމުގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑާލައިގެންވެސް ދެކޮޅު ޖެހޭ ގޮތް ވަނީ ނުވެފައެވެ. އެ ގައުމުގައި ހުރި ހަކަތައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ދަތިކަން ކުރިމަތިވެފައި ވަނީ އެއްގަމު އުޅަނދު ފަހަރަށެވެ. ސްރީލަންކާއަށް ހަކަތައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވަނީ ބޭރު ފައިސާ ލިބުމުގެ ދަތިކަމާ އެކުގައެވެ. ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއާށް ހީނަރުވެ، އެ ގައުމުގެ އިގުތިސޯދަށް ފޫ ނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކާ އަންނަނީ ކުރިމަތިވަމުންނެވެ.