ކުޅިވަރު އެވޯޑަށް ވުރެ އާ އަހަރު ފާހަގަކުރުމަށް ބާއްވާ ޝޯއަށް މާގިނައިން ހަރަދުވާ ކަމަށާއި، ނަމަވެސް އެކަމަށް ހަރަދުކުރަނީ ކިހާވަރެއްތޯ އަހާލަން އެއްވެސް މީހަކު ބޭނުންނުވާ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ސްޕޯޓްސް އެވޯޑްސް ބާއްވާފައި ވާއިރު، ޔޫތު މިނިސްޓްރީން ދަނީ އަންނަ އަހަރުވެސް އެ ހަފްލާ ބާއްވަން ރާވަމުންނެވެ. ނަމަވެސް އަންނަ އަހަރު އެ އެވޯޑު ބާއްވާނެ ތާރީހެއް އަދި ނޭނގެއެވެ. އެއާއެކު މިއަހަރުގެ އެވޯޑު ހަފްލާއަށް ކުރި ހަރަދުތަކާ މެދު އަދިވެސް އާންމުން އަންނަނީ ސުވާލު ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާއަށް ކުޅިވަރު އެވޯޑެކޭ އެއްވަރަށް ހަރަދުކުރާއިރު އަދި އާ އަަހަރު ފާހަގަކުރުމަށް ބާއްވާ ޝޯ ބާއްވަން އެއަށްވުރެ ގިނައިން ހަރަދުކުރާއިރު، އެކަމާ މެދު ސުވާލުކުރާނެ މީހަކު ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު މި ހަރަދުކުރި އަދަދަށް ފައިސާ ޒުވާނުންގެ ދުވަސް ފާހަގަކޮށް ޒުވާނުންގެ ގައުމީ އިނާމު ދިނުމަށްވެސް ހަރަދު ކުރަނީ. އެކަމަކު އެއްވެސް ބޭފުޅެއް ކިހާވަރެއްތޯ އަހާލާކަށްވެސް ބޭނުމެއްނުވޭ. ނިއު އިޔާގެ ޝޯއެއް އައިސްގެން އެ ނިއު އިޔާގެ ޗޯ ބާއްވަން ކުރީގެ ސަރުކާރުންވެސް މިހާރުގެ ސަރުކާރުންވެސް އެންމެ ރެއަކަށްވެސް ހަރަދުކުރާނެ އެއަށްވުރެ ގިނައިން." މަހްލޫފް ވިދާޅުވިއެވެ.
ނަމަވެސް، މި އެވޯޑު ހަފްލާ އާ ގުޅިގެން ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ، ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި މިފަދަ ހަފްލާއެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައިނުވާ ކަމަށް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އިސް ބޭފުޅުންވެސް ވިދާޅުވި ކަމަށެވެ. މިހާރުވެސް ލިބޭ ތަރުހީބު ބޮޑު ކަމަށް ވިދާޅުވެ، އަންނަ އަހަރުގެ އެވޯޑު ހަފްލާ ސްޕޮންސާކުރުމަށް ހުށަހެޅުންތައް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް ބައެއް ބޮޑެތި އެއާލައިންތަކުން މިއަންނަ އަހަރު އަޅުގަނޑުމެންގެ މި އެވޯޑުގައި ބައިވެރިވާން ސޕްޮންސާކުރަން ބޭނުންވެގެން އެބަ އުޅޭ. ކްރޮސްރޯޑްސް އިން އަލުން މިއަންނަ ހަފްތާގައި އަޅުގަނޑުމެންނާއެކު ސޮއިކުރުން ތައްޔާރު." މަހްލޫފް ވިދާޅުވިއެވެ.