އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ހިމެނޭ ގޮތަށް 6 ރަށެއްގައި 11 މެގަވޯޓްގެ ސޯލާ ޕީވީ ނިޒާމް ގާއިމް ކުރަން މެލޭޝިއާއި ޗައިނާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
މި ނިޒާމް ގާއިމް ކުރަން ނިންމީ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުންނެވެ. މި މަޝްރޫ ހަވާލު ކޮށްފައި ވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާއާއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއެވެ.
މި މަޝްރޫ ހަވާލު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވާރަމަން މިނިސްޓަރު އައިމިނަތު ޝައުނާއެވެ. މި އެއްބަސްވުމުގައި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގ ގޯއެވެ. މި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެ ވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު އަހްމަދު އަޒްލީމެވެ.
މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވާރަމަންޓް މިނިސްޓްރީ އާ ދެމެދު ސޮއި ކުރި ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު، އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
މި މަޝްރޫގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމު ކުރަން ނިންމާފައިވާ ރަށްރަށް:
- އައްޑޫ ސިޓީ 3 މެގަވޮޓް
- ފުވައްމުލައް ސިޓީ 2 މެގަވޮޓް
- ގދ. ތިނަދޫ 2 މެގަވޮޓް
- ކުޅުދުއްފުށީ ސިޓީ 1.5 މެގަވޮޓް
- ބ. އޭދަފުށީ 1.5 މެގަވޮޓް
- ޅ. ހިންނަވަރު 1 މެގަވޮޓް
އެސްޕަޔަރ މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ހުޅަވާލި ފުރުސަތުގައި 34 ކުންފުންޏަކުން ވަނީ ޕްރީ ކޮލިފިކޭޝަން ހުށަހަޅާފައެވެ. އަދި ޕްރީ ކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ 4 ކުންފުންޏެކެވެ. އެގޮތުން ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެއްމެ ކުޑަ އެގެއް ހުށަހެޅީ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޗައިނާގެ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗަރ އިންނެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައި ވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެކުޑަ އަގެކެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ، މި މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށާއި އަދި މަސައްކަތްތައް ނިންމައި ކަރަންޓު ފޯރުކޮށްދޭން ފަށާނީ 2023 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމަށެވެ. މި މަޝްރޫގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެއެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވާރަމްންޓް މިނިސްޓްރީން ބުނެއެވެ.
އެސްޕަޔާ މަޝްރޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި އެންވާރަމަންޓް މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމު ކުރުމަށް ވަނީ އިއުލާނު ކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.