ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ހައިކޯޓުން ދަމަހައްޓައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި، މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށްފަހު، އެޗްޑީސީއާ އެކު އުފެދުނު ދެބަސްވުންތަކަކާ ހެދި އެޗްޑީސީގެ ރަޖިސްޓްރީ އުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމާފައި ވަނީ މައްސަލަ ބަލައި ނިމެންދެން ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށެވެ.

ނަމަވެސް، ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ހުކުމްކުރުން އޮތް އިރު، އެ މައްސަލާގައި ހުކުމްކުރައްވާފައި ވަނީ މައްސަލަ ބެއްލެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ސަމީރެވެ. އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

މިއަދު ކުރި ހުކުމްގައި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި ވަގުތީ އަމުރެއް ނުނެރެދީފި ނަމަ އެކަމުގެ ސަބަބުން އެޗްޑީސީއަށް ލިބިގެން ދާނެ ގެއްލުން ބޮޑުވާނެއެވެ. ސަބަބަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލެ ރަޖިސްޓްރީކޮށްފައި ވާއިރު، މިހާރުވެސް ހުޅުމާލޭގައި މުއާމަލާތް ކުރެވެމުން ދާތީ އާއި، މިހާރުވެސް އެ މައްސަލަ ހިނގަމުންދާ ދަނޑިވަޅުގައި ކައުންސިލުން ހުޅުމާލޭގެ މިލްކުވެރިކަން ހޯދައިފި ނަމަ، އެތަނުގައި އުޅޭ އާންމުން ނުވަތަ ތިންވަނަ ފަރާތަށް އެކަމުގެ ސަބަބުން ގެއްލުން ވާނެތީ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ، ވަގުތީ އަމުރެއް ނެރުމުން ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ އެޗްޑީސީއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސަމީރާއި، ފަނޑިޔާރު މުހައްމަދު ނިޔާޒް، އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.